Advertisement

މާދަމާ ބާއްވާ މުޒާހަރާގައި ބައިވެރިވާން އަދާލަތު ޕާޓީން ނިންމައިފި

2 އޮކްޓޯބަރު 2025 - 13:56 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރިޔާސީ ކެމްޕޭން ނިންމުމަށް ބޭއްވި އެއްވުމުގައި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ މެންބަރުންނާއެކު އިމްރާން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މާދަމާ ބާއްވާ މުޒާހަރާގައި ބައިވެރިވާން އަދާލަތު ޕާޓީން ނިންމައިފި

2 އޮކްޓޯބަރު 2025 - 13:56 0

އިދިކޮޅު އެމްޑީޕީން އިސް ނަގައިގެން މާދަމާރޭ މާލޭގައި ބާއްވާ މުޒާހަރާގައި ރަސްމީކޮށް ބައިވެރިވާނެކަން އަދާލަތު ޕާޓީން އިއުލާނުކޮށްފި އެވެ.

އަދާލަތު ޕާޓީ އާއި އެމްޑީޕީ ގުޅިގެން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް އެކަށީގެންވާ މުއްދަތު ދެވިފައިވާ ކަމަށެވެ. ނަމަވެސް މި ދައުރު ދެބައިވާން ދާއިރު ގައުމުގެ ހާލަތު ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"އެހެންކަމުން މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވޭނެ ހަމައެކަނި ގޮތަކީ ގިނަ ސިޔާސީ ޕާޓީތައް ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރުން ކަމަށް އެމްޑީޕީ އާއި އަދާލަތު ޕާޓީއަށް ވެސް އެއްބަސް ވެވޭތީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދެ ޕާޓީގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވުނެވެ،" އެ ބަޔާނުގައި ބުންޏެވެ.

ގައުމުގެ ހާލަތު ބޮއްސުންލާފައިވާކަން ބަޔާން ކުރުމުގެ ގޮތުން އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށާއި ސަރުކާރުން ކުރަމުންދާ ވައްކަމާއި ހިންގަމުންދާ ހިޔާނާތުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށެވެ.

އަދި އެކަންކަން ފޮރުވުމަށްޓަކައި މިނިވަން މީޑީއާ ނެތިކޮށްލަން ސަރުކާރުން މަަސައްކަތް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެއިތުރުން ރަނގަޅަށް ހިނގަހިނގާ އޮތް ދިވެހިރާއްޖޭގެ އިގުތިސާދަށް މި ސަރުކާރުން ގެނައި ގޯސް ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިއިން ދުވަހަކު ނުދާ މިންވަރަށް ދަށަށް ގޮސް މާލީ އިދާރާތަކުގެ އިތުބާރު ދިވެހިރާއްޖެއަށް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގުބޮޑުވުމާއި ވިޔަފާރިތައް ފުނޑުފުނޑުވުމާއި އެތައް ބައެއް ވަޒީފާތައް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ދިވެހިރާއްޖޭގެ އެތެރޭގެ އިގުތިސާދު އެކީއެކަށް ފުނޑިގެން ގޮސް، ބޭރުގެ ދަރަނި ނުދެއްކި، ރައްޔިތުންގެ އަސާސީ ކަންކަން ވެސް ހަމަނުޖެއްސޭ ހިސާބަށް ގޮސްފިކަމާއި ނަތީޖާއެއްގެ ގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާ ފަދަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ،" އެ ބަޔާނުގައި ބުންޏެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ މައްސަލަ އާއި އާސަންދަ ނުލިބޭ މައްސަލައިގެ އިތުރުން ރަށްރަށުގައި ހިނގަމުންދިޔަ ޕްރޮޖެކްޓުތައް ހުއްޓާލާފައިވާ ކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ފާހަގަ ކޮށްފައިވެ އެވެ.

އަދި ގައުމުގެ މުޅި ދުސްތޫރީ ނިޒާމު އެއްކޮށް މި ސަރުކާރުން ފުނޑާލާފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެކަންކަން އިސްލާހު ކުރުމަށްޓަކައި ރައްޔިތުން ގޮސް އިންސާފަށް އެދި ޓަކި ޖަހާނެ ދޮރެއް މިހާރު ނެތް ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެހެންކަމުން މާދަމާ އޮންނަ މުޒާހަރާގައި ވީހައިވެސް ގިނަ ބަޔަކު ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފައިވެ އެވެ.

އެމްޑީޕީން އިސްނަގައިގެން މާދަމާ ބާއްވާ ސުލްހަވެރި އިހުތިޖާޖަކީ ގައުމުގެ ހައްގުގައި ކޮންމެހެން ކުރުން މުހިންމު ކަމަކަށް ވާތީ ދެ ޕާޓީގެ ވީހާ ވެސް ގިނަ މެންބަރުންނާއި އަދި ވީހާވެސް ގިނަ އާންމު ރައްޔިތުން ވަކި ސިޔާސީ ވިސްނުމަކަށް ބެލުމެއްނެތި މި އެއްވުމުގައި ބައިވެރިވުމަށް ގޮވާލަމެވެ،" އެ ބަޔާނުގައި ބުންޏެވެ.