Advertisement

މޮޑްރިޗްގެ ކެރިއަރު ދިރާސާކޮށް އަންނަން އޮތް ޖީލުތަަކަށް ކިޔައިދޭން ޖެހޭ

2 އޮކްޓޯބަރު 2025 - 13:15 0


މޮޑްރިޗްގެ ކެރިއަރު ދިރާސާކޮށް އަންނަން އޮތް ޖީލުތަަކަށް ކިޔައިދޭން ޖެހޭ

2 އޮކްޓޯބަރު 2025 - 13:15 0

ޒަގްރެބް، ކްރޮއޭޝިއާ (އޮކްޓޫބަރު 2) - އުމުރުން 40 އަހަރުގައި، ލޫކަ މޮޑްރިޗް، ދައްކަމުން އަންނަ ކުޅުން ވެސް ތަފާތު ކަމަށާއި އޭނާގެ ކެރިއަރު ދިރާސާކޮށް އަންނަން އޮތް ޖީލުތަކަށް ކިޔައިދޭން ޖެހޭ ކަމަށް މޮޑްރިޗަށް ކުރިން ކޯޗުކޮށްދިން ކްރޮއޭޝިއާގެ ޓޮމިސްލާވް އިވްކޮވިޗް ބުނެފި އެވެ.

އިވްކޮވިޗް އަކީ މޮޑްރިޗް، އުމުރުން 20 އަހަރުގައި ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅެން ފެށިއިރު، އޭރު އެ ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އިވްކޮވިޗް، ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މޮޑްރިޗްގެ ފުރަތަަމަ މެޗު ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

"ވަރަށް ރަނގަޅަށް ހަނދާން އެބަހުރި އެ މެޗު، އަހަރެމެން، ސްވިޒަލެންޑްގެ ބަސެލްގައި، އާޖެންޓީނާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކުޅުންތެރިއަކު އަނިޔާވެގެން، ދެން އަރުވަން ޖެހުނީ، 20 އަހަރުގެ ކުޅުންތެރިއެއް، ޑިނަމޯ ޒަގްރެބަށް ކުޅޭ، އެއީ މޮޑްރިޗް،" އިވްކޮވިޗް ބުންޏެވެ.

އެ މެޗުން އާޖެންޓީނާ އަތުން ކްރޮއޭޝިއާ 3-2 އިން މޮޅުވިއިރު، މޮޑްރިޗް ވަނީ މޮޅު ކުޅުމެއް ދައްކާފައި ކަމަށް އިވްކޮވިޗް ވަނީ ބުނެފަ އެވެ. އިވްކޮވިޗް ބުނީ، މޮޑްރިޗްގެ ކުޅުން މިހާރާއި އޭރުގައި ވެސް ތަފާތު ކަމަށެވެ.

"އޭރު ވެސް މޮޑްރިޗް ފެނުނީ އެހެން ކުޅުންތެރިންނަށް ވުރެން ވިސްނުން ތޫނު ކުޅުންތެރިއެއްގެ ގޮތުގައި. މެޗުގެ ހާލަތު ދެނަގަންނަން މޮޅު، އެހެން ކުޅުންތެރިންނަށް ވުރެން ދުރު ވިސްނޭ ކުޅުންތެރިއެއް،" އިވްކޮވިޗް ބުންޏެވެ.

އޭނާ ބުނީ، ފުޓްބޯޅައިގައި 54 އަހަރު ހޭދަކުރެވިފައިވާ ކަމަށާއި މޮޑްރިޗަކީ ކްރޮއޭޝިއާގެ ތާރީހުގައި ފެނުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ. އަދި، މޮޑްރިޗްގެ ކެރިއަރުގެ ކަންކަން ދިރާސާ ކުރަން ޖެހޭ ކަމަށް ވެސް އިވްކޮވިޗް ބުންޏެވެ.

"އޭނަ (މޮޑްރިޗް) އަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީހުގައި ފެނުނު އެންމެ މޮޅު 10 ގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިއެއް، އޭނަގެ ކެރިއަރުން ދަސްވާނެ ގިނަ ކަންތައްތަކެއް ހުންނާނެ،" ދާދި ފަހުން، އޭސީ މިލާނަށް މޮޑްރިޗް ކުޅުނު މެޗުގައި ދެއްކި ކުޅުމުގެ ތަފާތުގެ ވާހަކަ ކިޔައިދެމުން އިވްކޮވިޗް ބުންޏެވެ.

"އަހަރެން ދެކުނިން، ނަޕޯލީއާ ދެކޮޅަށް މޮޑްރިޗް ކުޅުނު 45 ވަރަކަށް މިނިޓް. އަހަރެން ބޭނުން ޑޮކްޓަރެއް ލައްވައި ޓެސްޓްތަކެއް ވެސް ހަދަން، 40 އަހަރުގެ މީހަކު، ނުހުއްޓި އެ ގޮތަށް ދުވެގެން މަސައްކަތް ކުރާނީ ކިހިނެއްތޯ ދެނެގަންނަން. 90 މިނިޓް އެ ފޯކަސް ދަމަހައްޓަނީ ކިހިނެއްތޯ ބަލަން،"

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، 2018 ވަނަ އަހަރު ހާސިލްކޮށްފައިވާ މޮޑްރިޗް، 13 އަހަރު ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު، މި ފަހަރު މިލާނަށް އައީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.