2 އޮކްޓޯބަރު 2025 - 12:47 1
ލީވާން އަލީ ނާސިރު
2 އޮކްޓޯބަރު 2025 - 12:47 1
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ދޫކޮށް ރައީސް މުހައްމަދު މުއިއްޒު އާއި މެޑަމް ސާޖިދާ މުހައްމަދުގެ ކިބައިން މައާފަށް އެދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅުނު މުހައްމަދު އަހުމަދު ވަހީދު (ވައްޑެ) އަށް ޓްރާންސްޕޯޓް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގެ އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރަކަށް ވައްޑެ އައްޔަނު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
އޮގަސްޓު މަހުގެ ނިޔަލަށް މުއިއްޒުގެ އިތުރުން މި ސަރުކާރަށް ފާޑުކިޔަމުންދިޔަ ވައްޑެ ކުއްލި ގޮތަކަށް މުއިއްޒު އާއި ސާޖިދާގެ އަރިހުން މައާފަށް އެދުނީ ސެޕްޓެމްބަރު 9، ގަ އެވެ.
ވައްޑެ ސޯޝަލް މީޑިއާގައި އެ ދުވަހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ހައިސިއްޔަތުން ވާހަކަތައް ދެއްކީ އޭރު ލިބުނު މައުލޫމާތުތަކަކަށް ބިނާކޮށް ކަމަށާއި ނަމަވެސް މިހާރު ކަށަވަރު ކުރެވިފައިވަނީ އެއީ ހަގީގަތާއި މުޅިން ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.
އެގޮތުން ޕީއެންސީއަށް ސޮއިކުރުމަށްފަހު ވައްޑެ އަންނަނީ މި ސަރުކާރު ޕްރޮމޯޓު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި އޭނާ އަންނަނީ މުއިއްޒުއަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަަ ގޮތުގައި ޓްރާންސްޕޯޓު މިނިސްޓްރީގައި ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ވައްޑެގެ އިތުރުން ތިން ބޭފުޅުން ތިއްބަވާނެ އެވެ. އޭގެއިތުރުން ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ވެބްސައިޓުން ފެންނަ ގޮތުގައި ތިއްބަވަނީ ހަތް ބޭފުޅުންނެވެ.
ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފަހައްޓާނެ ކަމަށް މި ސަރުކާރުން ބުންޏެވެ. އެކަމަކު އެ އަދަދު 700 އަށްވުރެ ބޮޑުތަނުން އިތުރުވެ ދެގުނައަށްވުރެ ވެސް އިތުރުވެފައިވާ ކަމަށް އަންދާޒާ ކުރެ އެވެ.
Comment