2 އޮކްޓޯބަރު 2025 - 10:39 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ނަގާ މުޅި ނިޒާމު ހަރާބު ކޮށްފައިވާ ކަމަށް ވިދާޅުވި
2 އޮކްޓޯބަރު 2025 - 10:39 0
ރައްޔިތުންގެ ބާރު ހޯދަން ރައްޔިތުން ނުކުންނަން ޖެހޭ ވަގުތު ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ސޯލިހު ވިދާޅުވީ ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި ބުނާ ގޮތަށް ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އެ ބާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާތީ އެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ޖެހޭ ވަގުތު މިހާރު ޖެހިފައިވާ ކަމަށެވެ.
"ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރެވެގެން އޮތް ކަމަކީ އަޅުގަނޑު ދެކޭ ގޮތުގައި ގާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި އެބުނާ ގޮތަށް ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމާއި އެ ބާރު އަބަދުވެސް ދެމިއޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށްވާތީ އެ ބާރު ރައްޔިތުންގެ އަތްމައްޗަށް ނަގަން ޖެހިއްޖެ ވަގުތު ޖެހިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ނަގާ މުޅި ނިޒާމު ހަރާބު ކޮށްފައިވާ ކަމަށާއި ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އަނެއްކާވެސް ރާއްޖެ މިސްރާބު ޖަހާފައިވާ ކަމަށެވެ.
"މިއަދު ބަލާލާއިރު މި ފެންނަނީ އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ނަގާ މުޅި ނިޒާމު ހަރާބު ކޮށްފައި އޮތްތަން. ވަރަށް ދެރަ ކަމެއް. ވަރަށް ދެރަ ކަމެއް. މި ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް އަނެއްކާވެސް ރާއްޖެ ދާތަން. މީގެ ގެއްލުން ވާނީ ރައްޔިތުންނަށް،" ސޯލިހު ވިދާޅުވި އެވެ.
ސިޔާސީ ކަންކަން ހަމައެކަނި ސިޔާސީ މީހުންގެ އަތް މައްޗަށް ދޫކޮށްލާ ވަރަށްވުރެ ގައުމުގެ ހާލަތު މިއަދު ނާޒުކުވެފައިވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މިއަދު އެންމެން ނުކުމެ މި ގައުމު ހަމަ މަގަށް އަޅުވަން ޖެހިފައިވާ ކަމަށާއި އެމްޑީޕީން އޮކްޓޯބަރު 3، (މާދަމާ) ރޭ "ލޫޓުވާލައިފި" ނަމުގައި އާޓިފިޝަލް ބީޗުގައި ބާއްވާ މުޒާހަރާގައި އެމަނިކުފާނު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެ މުޒާހަރާގައި އެމްޑީޕީގެ އިތުރުން ސަރުކާރާމެދު ކަންބޮޑުވުންތައް ހުރި އެންމެން ނުކުތުމަށް ސޯލިހު ގޮވާލެއްވި އެވެ. އެ މުޒާހަރާ މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވަނީ 20:30 އެވެ.
Comment