Advertisement

އެމްއޭސީއެލްގެ އެއާޕޯޓުތަކަށް ބިން ހިއްކަން ބޮޑު އަގުގައި ޑްރެޖަރެއް ކުއްޔަށް ނަގަނީ

6 އޮކްޓޯބަރު 2025 - 06:47 2

އަމަން ހަލީމް

އަމަން ހަލީމް


އެމްއޭސީއެލްގެ އެއާޕޯޓުތަކަށް ބިން ހިއްކަން ބޮޑު އަގުގައި ޑްރެޖަރެއް ކުއްޔަށް ނަގަނީ

6 އޮކްޓޯބަރު 2025 - 06:47 2

މި ސަރުކާރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ ފަސް އެއާޕޯޓު މަޝްރޫއުގެ ބިން ހިއްކަން، މާކެޓު ރޭޓަށް ވުރެ މާ ބޮޑު އަގެއްގައި ޑްރެޖަރެއް ކުއްޔަށް ނަގައިގެން ގެންނަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށް އަދަދު އަށް މައުލޫމާތު ލިބިއްޖެ އެވެ.

ވިސްލްބްލޮވަރަކު ނަން ނުޖަހާ ގޮތަށް ޝަރުތުކޮށް މި ނޫހަށް ދިން މައުލޫމާތުގައިވާ ގޮތުގައި، މި ޑްރެޖަރު ކުއްޔަށް ނަގަނީ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަށެވެ. މިއީ އެމްޓީސީސީން ގެންގުޅޭ މި ސަރަހައްދުގެ އެންމެ ބޮޑު ޑްރެޖަރު ކަމުގައިވާ "މަހާޖައްރާފު" ގަންނަން ހަރަދުކުރި 31.8 މިލިއަން ޑޮލަރު (490 މިލިއަން ރުފިޔާ) އަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

އެމްއޭސީއެލްއިން ކުއްޔަށް ގެންނަ ޑްރެޖަރަކީ، ސިއްރު މަސްދަރުން ބުނި ގޮތުގައި، މީގެ ކުރިން އެމްޓީސީސީގެ ބިން ހިއްކުމުގެ މަޝްރޫއުތައް ހިއްކުން އަވަސްކުރަން ކުއްޔަށް ނަގައިގެން ގެނައި "ފިލިޕޯ ބްރޫނެލެސްކީ" އެވެ. މިއީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކޭ ވަރުގެ ޑްރެޖަރެއް ކަމަށް އޭރު އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދަމް އާޒިމް ވިދާޅުވެފައި ވެ އެވެ. މި ބޯޓު މި ވަގުތު އޮތީ ޑުބާއީގައި ބަނދަރުކޮށްފަ އެވެ.

ބޮޑު އަގުގައި ޑްރެޖަރުތައް ގެނައުމުގެ އިތުރުން، ވެލި ހޯދުމުގެ މަސައްކަތާއި ބަންޑްވޯލް ޖެހުން ފަދަ މަސައްކަތްތައް ވެސް ހަވާލުކުރީ ބޮޑު އަގުގައި ކަމަށް މައުލޫމާތު ލިބެ އެވެ. ވެލި ހޯދަން އެކަނި ވެސް 50 މިލިއަނެއްހާ ރުފިޔާ ހަރަދުކުރަން ބަޔަކާ ހަވާލުކުރަން ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް ނުލިބުނެވެ.

އެމްއޭސީއެލްއާ ހަވާލުކުރީ ހދ. މަކުނުދޫ އެއާޕޯޓާއި، ރ. ފައިނު އެއާޕޯޓާއި، އއ. މަތިވެރި އެއާޕޯޓުގެ އިތުރުން ތ. ވިލުފުށީ އެއާޕޯޓާއީ ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއެވެ. މި މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރީ، އެ ކުންފުނީގެ ހަރަދުގައި އެ ތަންތަން ތަރައްގީކޮށްގެން ހިންގާ ގޮތަށެވެ. މިހެންކަމުން މިއިން އެއްވެސް ޕްރޮޖެކްޓަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރުމުގެ ބަަދަލުގައި، މި ހުރިހާ ބުރައެއް ނަގާނީ އެމްއޭސީއެލްއިންނެވެ.

މިއީ ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލްވެ، ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމަށް ބަޖެޓު ހަމަނުޖެހިގެން، ސަރުކާރުން ޕްރޮޖެކްޓުތައް ހަވާލުކުރުމުގައި ގެނައި ބަދަލެކެވެ. މި ތަނުން ގިނަ އެއާޕޯޓުތަކަކީ ވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތަރައްގީކުރާ ގޮތަށް، ބަޖެޓުގައި ޖަހާފައި ހުރި އެއާޕޯޓުތަކެކެވެ. މި އެއާޕޯޓުތައް ތަރައްގީކުރަން މި ސަރުކާރާއި ކުރީ ސަރުކާރުން ވެސް ވިސްނާފައި އޮތީ ކްރޮސް ސަބްސިޑީ މޮޑެލްއަށެވެ.

އެމްއޭސީއެލްއަކީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ތަނަވަސް، އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ކުންފުންޏެވެ. ސީދާ ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ދައުލަތުގެ މަދު ކުންފުނިތަކުގެ ތެރޭގައި އެ ކުންފުނި ހިމެނެ އެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ވެސް އެއް ބިލިއަން ރުފިޔާގެ ސާފު ފައިދާވި އެވެ.

ކުންފުނީގެ މާލީ ހާލަތު ރަނގަޅު ނަމަވެސް، ވެލާނާ އެއާޕޯޓުގެ ރަންވޭ އާއި ޓާމިނަލްތައް ތަރައްގީކުރަން ނެގި ލޯނުތައް ހުރީ އެ ކުންފުނީގެ ނަން މަތީގަ އެެވެ. މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ހުރީ 13.4 ބިލިއަން ރުފިޔާގަ އެވެ.

ދާދި ފަހުން އެ ކުންފުނިން ވަނީ ގެއްލުމުގައި ހިންގަމުން ދިޔަ ނުވަ އެއާޕޯޓަކާ ވެސް ހަވާލުވެފަ އެވެ. ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުން ބެލެވެ ގޮތުގައި، އެ އެއާޕޯޓުތަކާއި އެ ތަންތަން ހިންގި ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުއޭސީއެލް) ގައި ހުރި ދަރަންޏެއް ވިއްޔާ އެޔަށް ވެސް ޒިންމާވާން ޖެހޭނީ އެމްއޭސީއެލްއިންނެވެ.

އޭގެ އިތުރުން އެމްއޭސީއެލްއާ ވަނީ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އިމާރާތްކުރުގެ މަސައްކަތާއި ކުޅިވަރު ކޮމްޕްލެކްސްތައް އިމާރާތްކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފަ އެވެ. މި ޕްރޮޖެކްޓުތަކަކީ މަސައްކަތް ނިމުމުން ސަރުކާރުން ފައިސާ ދައްކާ ގޮތަށް އިމާރާތްކުރާ ތަންތަން ނަމަވެސް ފުރަތަމަ ހުރިހާ މާލީ ބުރައެއް އުފުލަން ޖެހޭނީ އެމްއޭސީއެލްއިންނެވެ.