1 އޮކްޓޯބަރު 2025 - 23:14 3
މުހައްމަދު ޝަހްޒާން
މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
1 އޮކްޓޯބަރު 2025 - 23:14 3
މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އިތުރު 3000 ފްލެޓު އެޅުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ ހަރުގޭގައި މިރޭ ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ތަރައްގީގެ ރޮނގުން ބަލާއިރު ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށެވެ. އަދި މި ސަރުކާރުގެ ކަންކަން ކުރިއަށް ގެންދަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ދާދި އަވަހަށް ހަމަ މި އަހަރު ތެރޭގައި، މި އަހަރު ތެރޭގައި ހަމަ މާލޭގައި، މާލޭގައި މި ބައްދަލުވުން ބޭއްވޭތީ، މުޅި ރާއްޖޭގެ ރައްޔިތުން ބައްލަވަމުން ވެސް އެބަ ގެންދަވާ، މާލޭގައި އެންމެ މަދުވެގެން 3000 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށާނަން،" މުއިއްޒު ވިދާޅުވި އެވެ.
އެ 3000 ފްލެޓަކީ އިންޑިއާގެ އެލްއޯސީގެ ދަށުން އެޅުމަށް ނިންމާފައިވާ 4000 ފްލެޓުގެ އިތުރަށް އަޅާ ފްލެޓުތަކެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ އެހީގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަޝްރޫއު ވެސް އަދި ފެށޭނެ ކަމަށެވެ. ނަމަވެސް އެ ފްލެޓުތައް އަޅަން ފަށާނެ ތާރީހެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑުމެންނަށް އިންޑިއާގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެންނަށް ހަމަޖެހިފައި އޮތް 4000 ހައުސިން ޔުނިޓުގެ އިތުރަށް، އެ މަޝްރޫއު އަދި ފެށޭނެ، އެ މަޝްރޫއުގެ އިތުރަށް މި އަހަރު ތެރޭގައި އިތުރު 3000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭ ވާހަކަ މި ދެންނެވީ،" މުއިއްޒު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަމަށް ބޭނުންވާ ހުރިހާ ކަމެއް ނިމެމުން މި ދަނީ، އަޅުގަނޑު ރައްޔިތުންނަށްވީ އެންމެ ބޮޑު އެއް ވައުދު ބޯހިޔާވަހިކަން މިއީ."
މިރޭ ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އަމަލު ކުރައްވަމުން ގެންދަވަނީ ކުރިން ވައުދުވެވަޑައިގެންނެވި ގޮތަށް ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުން ދިން ފްލެޓުތަކާއި ގޯތިތައް ވެސް އޭގެ ހައްގުވެރިންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް ދެމުންދާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
Comment