Advertisement

ޔާމީންގެ ފާޑުކިޔުން މުއިއްޒަށް؛ "ފެންނަނީ އަޅުގަނޑުމެން ހޮވި ލީޑަރަކު ހަމަ ރާއްޖެ ރޭޕްކޮށްލާ ތަން"

ބީލަމަށް ނުލައި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއު ބަހާލުމަށް ނޮވެމްބަރު 6، 2025 ގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު އިށީނދެވަޑައިގެން -- ފޮޓޯ: ރައީސް އޮފީސް


ޔާމީންގެ ފާޑުކިޔުން މުއިއްޒަށް؛ "ފެންނަނީ އަޅުގަނޑުމެން ހޮވި ލީޑަރަކު ހަމަ ރާއްޖެ ރޭޕްކޮށްލާ ތަން"

ފެންނަމުން ދަނީ ރައީސް މުހައްމަދު މުއިއްޒު ދިވެހިރާއްޖެ "ރޭޕް" ކުރަމުން ދާ ތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ސިޔާސީ މައިދާނުގައި "ރޭޕް" ނުވަތަ އެފަދަ ބަހެއް ރައީސުލްޖުމްހޫރިއްޔާ އަށް ނިސްބަތްކޮށް ބުނަން ފަށަނީ، ވެރި ކަމަށް ވަޑައިގަތުމަށް ދެއްކި ވާހަކަތަކާއި ފެންނަ ހަގީގަތު ފަރަގު ބޮޑުވެ، ދުސްތޫރީ ނިޒާމު ހަލާކުކޮށް، ގައުމުގެ މުއްސަނދި ކަމާއި އާންމު ހަމަތަކަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުން ދޭކަމަށް ގަބޫލު ކުރެވެން ފެށުމުންނެވެ.

މި ސަރުކާރުގެ ކަންކަން ހުރީ ޖިނާއީ ބޮޑެތި ތަހުގީގުތަކެއް ކުރަންޖެހޭ ހިސާބަށް ގޮސްފައި ކަމަށް، ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ. އައދި ވަޒީފާތައް ބަހައި ރައްޔިތުން "އަޅުވެތި" ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކުދިކުދި ރަށްރަށުގައި މަސްވެރިކަމާއި މަސައްކަތްތެރި ދާއިރާތައް ދޫކޮށްލަން މަޖުބޫރުވާ ގޮތަށް ފަސްދޮޅަސް، އައްޑިހަ މީހުންނަށް ވަޒީފާ ދިނުމަކީ އަޅުވެތިކަމުގެ އުކުޅެއް ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ ނުނެއްޓެވޭ ވަރުގެ ބޮޑު ކަސްތޮޅެއް އަޅުވާފަ މި އޮތީ،" އެމަނިކުފާނު ވިދާޅުވި އެވެ.

"މިއީ ޕްލޭންޑު، އޯގަނައިޒްޑު ކަމެއް. އެހެން ނޫނިއްޔާ ކަންކުރަން ނޭނގެނީ. އެކަމަކު އަޅުގަނޑުމެންނަށް ދެންނެވޭނީ މީ ހަމަ ވަރަށް ރާވައިގެން މުޅި ސޮސައިޓީގެ ފެބްރިކް ހަލާކުކޮށްލަން ކޮށްފައިވާ މަސައްކަތެކޭ."

ދައުލަތުގެ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވޭ ގޮތަށް ގާނޫނުއަސާސީގައި އޮތަސް، އެއްވެސް މުއައްސަސާއެއް އެގޮތަށް ހަރަކާތްތެރިވަމުން ނުދާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކެޕްޝަން ހަދާފައި ރީތި ވާހަކަ ދެއްކި ނަމަވެސް އެ ބޭފުޅުން މަސައްކަތް ކުރަނީ ހަމަ ދިމާ އިދިކޮޅަށް،" ޔާމީން ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ ހާދިމެއް ކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރާއެކު ވެރިކަމަށް ވަޑައިގަތުމަށް ފަހު ހުރިހާ ދިމާލަކުން ފެންނަމުން ދަނީ ރޭޕްކުރަމުންދާ މަންޒަރު ކަމަށް ޔާމީން ފާހަގަ ކުރެއްވި އެވެ.

މިފަދަ ހަރުކަށި ބަސްތަކަކުން ފާޑުވިދާޅުވިއިރު، މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އެބަ އޮތެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވަކިކޮށްފި ނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ ބަދަލުކޮށްފަ އެވެ. މިނިވަން މުއައްސަސާތަކުގެ ރައީސް ހިޔާރު ކުރަނީ ސަރުކާރުންނެވެ.

ހާމަކަން ބޮޑު ދައުލަތެއް ދައްކާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގަތަސް، ސަރުކާރުން މައުލޫމާތު ހާމައެއް ނުކުރެ އެވެ. ބޮޑެތި ކޮންޓްރެކްޓުތައް ބިޑަކާ ނުލައި ދަނީ ބަހާލަމުންނެވެ.

ދެ އަހަރު ދުވަހުގެ ބަޖެޓުން ހޭދަކުރި ގޮތުގެ ތަފްސީލު ހާމަނުކުރާއިރު، މުއިއްޒުގެ ރިޔާސީ ގިނަ ވައުދުތަކެއް ފުއްދުމަށް މިހާރު ބޭނުން ކުރަމުން ދަނީ އެންމެ މުއްސަނދި ދެ ކުންފުނި ކަމުގައިވާ ބީއެމްއެލް އާއި އެމްއޭސީއެލް އެވެ.

ބީއެމްއެލްއިން ލޯނު ހަމަޖައްސައިދޭ ގޮތަށް، 206 ޕްރޮޖެކްޓެއް ބަހާލީ ބީލަމަށް ލުމެއް ނެތި ހިޔާނާތަށް މަގުފަހިވާ ގޮތަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވި ރަސްމާލެ އާއި ހުޅުލޭ ފޭސް 3 ހިމެނޭ ގޮތަށް ހިއްކުމަށް ކޮންނަ ބޯޓުތަކެއް ގެނައީ އެމްއޭސީއެލްއިން ވަކި ކުންފުންޏެއް ހަދައިގެންނެވެ. އެ މަޝްރޫއުގެ ހަރަދެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫއެއް ވެސް ނުހިންގި ދެ އަހަރު ދިޔުމުން، ބީއެމްއެލްއިން ވަކި ކުންފުންޏެއް ހަދައި، 3000 ހައުސިން ޔުނިޓު އިމާރާތް ކުރާނެކަން މިދިޔަ މަހު ވަނީ އިއުލާނުކޮށްފަ އެވެ.