Advertisement

ހަލާލް ޓޫރިޒަމުގެ ބަދަލުގައި ހަންކެޑެގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފަށަން ޕްރޮޖެކްޓެއް

2 އޮކްޓޯބަރު 2025 - 09:27 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހަންކެޑެގެ އަމަލީ މަސައްކަތް ފެށުމަށް ކަމަށް ބުނެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ހަލާލް ޓޫރިޒަމުގެ ބަދަލުގައި ހަންކެޑެގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ފަށަން ޕްރޮޖެކްޓެއް

2 އޮކްޓޯބަރު 2025 - 09:27 1

އައްޑޫ އަތޮޅު ހަންކެޑެގައި ކުރީ ސަރުކާރުން އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަން އިއުލާނުކޮށް، ފައިސާ ވެސް ހޯދައިފައި އޮއްވައި ހަލާލް ޓޫރިޒަމް ކޮންސެޕްޓަށް އެ ރަށް ތަރައްގީ ކުރަން މި ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް އެ ރަށަކީ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ރަށެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައެޅީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރޭ ނެރުއްވި ގަރާރަކުންނެވެ.

މުއިއްޒު ނެރުއްވި ގަރާރުން ވަނީ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ހަންކެޑެ ކުއްޔަށް ދިނުމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ޑިސެމްބަރު 2، 2021، ގައި ނެރުއްވި ގަރާރު އުވައިލައްވާފަ އެވެ.

ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހުން ބާރުލިބި ޓޫރިޒަމް އާމްދަނީ އިތުރުކުރުމުގެ ގޮތުން ބިދޭސީންނަށް ގެދޮރު ވިއްކަން ސަރުކާރުން ކުރިޔަށް ގެންދާ ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގާ ސަރަހައްދެއްގެ ގޮތުގައި މިދިޔަ ސަރުކާރުން ހަންކެޑެ ކަނޑައެޅީ ޑިސެމްބަރު 2، 2021، ގަ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ހަންކެޑެ ތަރައްގީ ކުރަން މިދިޔަ ސަރުކާރުން ހަވާލު ކުރީ ޗައިނާ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ (ސީއެންއީސީ) އެވެ. ހަންކެޑެ ތަރައްގީ ކުރަން ނިންމާފައި އޮތީ ބޭންކް އޮފް ޗައިނާ އިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.

ވެރިކަން ބަދަލުވުމަށްފަހު އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް ބޭއްވުމަށްފަހު ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ޑުބާއީގެ ދު ކުންފުންޏަކާ އޮކްޓޫބަރު 2، 2024، ގައި މި ސަރުކާރުން ހަވާލުކުރި އެވެ.

އޭގެފަހުން އެތަނުގެ އަމަލީ މަސައްކަތް އިފުތިތާހު ކުރުމަށް ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހު ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ. ހަންކެޑެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައި ދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނައި, ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނާޒިމް އަބޫބަކުރުގެ އިތުރުން ސީއެންއީއީސީގެ މަންދޫބެކެވެ.

ނަމަވެސް އޭގެފަހުން ވެސް އެ ތަނުގެ ބިން ސާފު ކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނުވެ އެވެ.

އެއަށްފަހު ޖޫން 29، 2025، ގައި ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ހަލާލް ޓޫރިޒަމަށް ތަރައްގީ ކުރާ ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފަ އެވެ. ސަރުކާރުން މިކަން ނިންމިއިރު، ކުރީގެ ޕްރޮޖެކްޓަށް ވީގޮތެއް ރަސްމީކޮށް ނުބުނެ އެވެ.