Advertisement

އެލިސަންގެ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ

1 އޮކްޓޯބަރު 2025 - 10:56 0


އެލިސަންގެ އަނިޔާގެ ތަފްސީލެއް އަދި ނޭނގޭ

1 އޮކްޓޯބަރު 2025 - 10:56 0

އިސްތަންބޫލް، ތުރުކީ (އޮކްޓޫބަރު 1) - ޗެމްޕިއަންސް ލީގުގައި ރޭ ގަލަތަސަރާއި އަތުން ބަލިވި މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާގެ އަނިޔާގެ ތަފްސީލެއް ވަގުތުން ބުނަން ނޭނގޭނެ ކަމަށް އެ ޓީމުގެ ކޯޗު އާނާ ސްލޮޓް ބުނެފި އެވެ.

ގަލަތަސަރާއި އަތުން 1-0 އިން ލިވަޕޫލް ބަލިވި މެޗުގެ ދެ ވަަނަ ހާފުގައި، އެލިސަން، 32، އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެލިސަން އަށް އަނިޔާވީ ގަލަތަސަރާއިގެ ވިކްޓަ އޮސީމެން ހުސްކޮށް ބޯޅަ ހިފައިގެން އައި ވަގުތުގައި، އެ ހަމަލާ ދިފާއުކުރަން ފަހަތަށް ޖެހެން ފައި އެޅި ގޮތަކުންނެވެ.

ސްލޮޓް ބުނީ، ޔަގީނުން ވެސް އެލިސަން އަށް އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެެރޭ ޗެލްސީއާ ކުޅޭ މެޗުގައި ނުކުޅެވޭނެ ކަމަށެވެ.

"އެ ގޮތަށް ދަނޑުން ފައިބަން ޖެހުމަކީ ފުރަތަމަ ކަމަކަށް ބެލިޔަސް ރަނގަޅު ކަމެއް ނޫން، ދެން، ޔަގީންކޮށް އެނގޭ ހޮނިހިރު ދުވަހު (ޗެލްސީއާ ދެކޮޅަށް) އޭނާ ނުކުޅޭނެ،" ސްލޮޓް ބުންޏެވެ. "އަހަންނަކީ ފިިޒިކަލް ކަންކަމުގައި ބަސްބުނެވޭނެ މީހެއް ނޫން، އެކަމަކު، އޭނާ (އެލިސަން) އަށް އެ ދިމާވި ގޮތުން އަަހަންނަށް އެނގޭ އެއީ އޭނަ އަކީ އެ ގޮތަށް ވެއްޓިގެން ކަމެއް ނުވާނަމަ، ފަސޭހައިން މެޗު ކުރިއަށްނުގެންދެވިގެން ފައިބާނެ މީހެއް ނޫން،"

އެލިސަންގެ ބަދަލުގައި ރޭގެ މެޗު ފުރިހަމަކުރީ، ލިވަޕޫލްގެ ދެ ވަނަ ކީޕަރު، ޖޯޖިއާގެ ޖިއޯޖީ މަމަޑާޝްވިލީ އެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް އަނިޔާގެ ސަަބަބުން އެލިސަން އަށް މެޗުތަކެއް ގެއްލުނެވެ. އެ ގޮތުން، މިދިޔަ ސީޒަނުގައި އަނިޔާއާ ހެދި އެލިސަން އަށް ގެއްލުނު 10 މެޗުގެ ތެރޭގައި، ފަލަމަސްގަނޑުގެ އަނިޔާއާ ހެދި ހަތް މެޗާއި ކުޑަކަޅުވާ އަށް ލިބުނު އަނިޔާގެ ސަބަބުން ދެ މެޗުގެ އިތުރުން، ބޮލަށް އަނިޔާވެ ނުުކުޅެވުނު އެއް މެޗު ހިމެނެ އެވެ.