Advertisement

ކްލޮޕަށް އިތުބާރު އެބައޮތް ކަމަށް ރެޑްބުލް އިން ބުނެފި

about 9 hours 0


ކްލޮޕަށް އިތުބާރު އެބައޮތް ކަމަށް ރެޑްބުލް އިން ބުނެފި

about 9 hours 0

ވިއޭނާ، އޮސްޓްރިއާ (ފެބްރުއަރީ 27) - ރެޑްބުލް ފުޓްބޯލް ގްރޫޕްގެ ގްލޯބަލް ހެޑްގެ ޒިންމާ އުފުލަމުން އަންނަ ޖަރުމަނުގެ މަޝްހޫރު ކޯޗު، ޖާގަން ކްލޮޕްގެ މަސައްކަތަށް ކުންފުނީގެ އިތުބާރު އެބައޮތް ކަމަށް ބުނެފި އެވެ.

އަންނަ ސީޒަނުގައި ރެއާލް މެޑްރިޑުގެ ކޯޗުކަމަށް ކްލޮޕް އަންނަން އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ދެކެވޭއިރު، އޭނާ މިހާރު އަދާކުރަމުން އަންނަ ރެޑްބުލްގެ ވަޒީފާ އިން ވަކިވުމުގެ ރިޕޯޓްތައް ވެސް މީޑިއާގައި ވަނީ ހިނގައިފަ އެވެ.

އެކަމަކު، ރެޑްބުލްގެ ކޯޕަރޭޓް ޕްރޮޖެކްޓްސް އެންޑް އިންވެސްޓްމަންޓްގެ ސީއީއޯ، އޮލިވާ މިންޓްޒްލޯފް ވިދާޅުވީ، ކްލޮޕްގެ މަސައްކަތާ މެދު ރެޑްބުލް ކުންފުނީގެ ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް މީޑިއާގައި މި އޮތީ. ހަގީގަތަކީ އަހަރެެމެން (ރެޑްބުލް) ކުންފުނިން މިތިބީ ކްލޮޕްގެ މަސައްކަތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައި،" އޮލިވާ ވިދާޅުވި އެވެ. "އަހަރެމެން މި އަންނަނީ ކްލޮޕަށް މި މަސައްކަތް ކުރަން ފަސޭހަވާނެ ހުރިހާ ކަމެއް ފަހިކޮށްދެމުން، އަހަރެމެންގެ ހުރިހާ ފޯކަހެއް ހުރީ އެ ކަމަށް،"

ރެޑްބުލް އިން ހިންގަމުން އަންނަ ދެ ކްލަބް، ޖަރުމަނު ބުންޑަސް ލީގާގެ އާރްބީ ލައިޕްޒިގު އާއި އޮސްޓްރިއާގެ ލީގުގެ އާރްބީ ސާލްޒްބާގުގައި ކްލޮޕްގެ ވިސްނުމާ އެއްގޮތަށް ގިނަ ކަންތައްތަކެއް ކުރެވެމުން އަންނަ ކަމަށް އޮލިވާ ވަނީ ފާހަގަކުރައްވައިފަ އެވެ.

މައިންޒް އިން 2001 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކްލޮޕް، ޑޯޓްމަންޑްގެ ކޯޗުކަމާ ހަވާލުވީ 2008 ވަނަ އަހަރު އެވެ. ޑޯޓްމަންޑްގެ ކޯޗުކަމުން، 2015 ވަނަ އަހަރު މެއި މަހު ވަކިވިއިރު، އެ އަހަރުގެ އޮކްޓޫބަރުގައި ލިވަޕޫލާ ހަވާލުވި އެވެ. އެ ޓީމުގައި ނުވަ އަހަރު ހޭދަކޮށް، 2024 ވަނަ އަަހަރު މެއި މަހު އެ ޓީމު ދޫކޮށްލަން ނިންމީ އެވެ. އޭގެ ފަހުން، މިހާތަނަށް ގިނަ ޓީމުތަކާ ހަވާލުވާން އޮފާތަކެއް ލިބުނު ނަމަވެސް، ކްލޮޕް ވަނީ އެ ހުށަހެޅުންތަކަށް ފުރަގަސްދީފަ އެވެ.