Advertisement

ލިވަޕޫލަށް މުހިންމު މޮޅެއް، ސިޓީން ފަރަގުކުޑަކޮށްފި

about 2 hours 0


ލިވަޕޫލަށް މުހިންމު މޮޅެއް، ސިޓީން ފަރަގުކުޑަކޮށްފި

about 2 hours 0

ލިވަޕޫލް (މާޗް 1) - އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 5-2 އިން ލިވަޕޫލުން މުހިންމު މޮޅެއް ހޯދިއިރު، ލީޑްސް ޔުނައިޓެޑް 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު ފަރަގު ކުޑަކޮށްފި އެވެ.

ސިޓީން ހޯދި މި މޮޅާ އެކު، އާސެނަލުން ލީގު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އާސެނަލަށް 28 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 28 މެޗުން ވަނީ 59 ޕޮއިންޓް ލިބިފަ އެވެ. އާސެނަލުން މާދަމާރޭ ކުޅޭނީ ޗެލްސީއާ އެވެ.

ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 28 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 27 މެޗުން 48 ޕޮއިންޓް އަދި، ލިވަޕޫލަށް 28 މެޗުން 48 ޕޮއިންޓް ލިބިފައިވެ އެވެ. ހަ ވަނައިގައި އޮތް ޗެލްސީ އަށް 27 މެޗުން 45 ޕޮއިންޓް ލިބިފައިވެ އެވެ.

ލީޑްސް ދަނޑުގައި ސިޓީން ކުޅެން ޖެހުނީ އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ނުލަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު ސިޓީން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގަ އެވެ. ޖެނުއަރީ ޓްރާންސްފާގައި ސިޓީއާ ގުޅުނު އަންޓުއާން ސެމެންޔޯ މި ލަނޑު ޖެހީ ރަޔާން އައިތު ނޫރީ ދިން ބޯޅައަކަށް އަރަ އެވެ.


ލިވަޕޫލުން އަމިއްލަ ދަނޑުގައި ފުރަތަމަ ހާފުގައި ވެސްޓް ހޭމް ކޮޅަށް ތިން ލަނޑު ޖެހި އެވެ. މި ލަނޑުތައް ޖެހީ، ހޫގޯ އެކިޓީކޭ އާއި ވާޖިލް ވެން ޑައިކް އަދި އަލެކްސިސް މެކް އަލިސްޓާ އެވެ. މީގެ ތެރެއިން، ވެން ޑައިކް އާއި މެކް އަލިސްޓާ ލަނޑު ޖެހީ ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތުތަކެއްގަ އެވެ.

ދެ ވަނަ ހާފުގައި ވެސްޓް ހޭމްގެ ތޯމަސް ސޫޝެކް ލަނޑެއް ޖަހައި އުންމީދެއް ހޯދައިދިންއިރު، މި ހާފުގައި ލިވަޕޫލްގެ ކޯޑީ ގަކްޕޯ ލަނޑެއް ޖެހިއިރު، ބަދަލަކަށް އެރި ފުލްބެކް، ޖެރެމީ ފްރިމްޕޮން ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވެސްޓް ހޭމްގެ އެކްސެލް ޑިސާސީ އަތުން ބައިކޮޅަށް ގޯލެއް ވަނެވެ. އަދި، ވެސްޓް ހޭމްގެ ދެ ވަނަ ލަނޑު ޖެހީ، ޓަޓީ ކަސްޓެޔާނޯސް އެވެ.

ލީގުގައި ދެން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ތިން ގޯލު ފަހަތުން އަރައި ބާންލީން އެއްވަރުކުރި މެޗުގައި، ބްރެންޓްފޯޑް ފަހު ވަގުތު މޮޅުވީ 4-3 އިންނެވެ. ނިއުކާސަލް ދަނޑުގައި އެވަޓަން އިން ހިތްވަރު ދައްކައި 3-2 އިން މޮޅުވިއިރު، ބޯންމައުތާއި ސަންޑަލެންޑް ކުޅުނު މެޗު 1-1 އިން ވީ އެއްވަރެވެ.