1 އޮކްޓޯބަރު 2025 - 10:38 0
މުހައްމަދު ޝަހްޒާން
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ފޮޓޯ: އަދަދު
1 އޮކްޓޯބަރު 2025 - 10:38 0
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ހަތަރު ފޮރޮޅުލީ އުޅަނދުތައް ޕާކު ކުރަން މާލޭގެ މަގުތަކުން ދޫކުރި ޖާގަތައް މާލެ ސިޓީ ކައުންސިލުން އުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މާލޭގެ މަގުތަކުގައި ވަކި ކަމަކަށް ބޭނުން ކުރާކަން އަންގައިދިނުމަށް ބޯޑު ހަރުކޮށްފައިވާ ސަރަހައްދުތައް ފިޔަވައި ކޮންމެ ތަނެއްގައި ވެސް އާންމުންގެ އުޅަނދުތައް މިއަދުން ފެށިގެން ޕާކު ކުރެވޭނެ ކަމަށެވެ.
"މާލޭގެ މަގުތަކަށް ދިމާވެފައިވާ ހާސްކަން ފިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއްގެގޮތުން، 01 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި، ވަކި ކަމަކަށް ބޭނުންކުރާކަން އަންގައިދިނުމުގެ ގޮތުން ބޯޑަކުން ފާހަގަކޮށްފައިވާ ތަންތަން ފިޔަވައި، މަގުމަތީގައި ޕާކުކުރެވޭނެކަން އަންގައިދޭ ނިޝާންތަކުން ފާހަގަކޮށްފައިވާ ކޮންމެތަނެއްގައި، ކޮންމެ އާންމު ރައްޔިތަކަށް ވެސް ޕާކު ކުރެވޭނެކަމުގައި ދެންނެވީމެވެ،" މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުންޏެވެ.
މާލެ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައި ވަނީ މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދު ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ބަންޑާރަނައިބުގެ އޮފީހުން ލަފާ ދީފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓު މިނިސްޓްރީން މާލެ ސިޓީ ކައުންސިލުން އެންގުމުންނެވެ.
މާލޭ މަގުމަތިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރަން ފެށީ މުއިއްޒު މާލޭ މޭޔަރަކަށް ހުންނެވި ދުވަސްވަރު، 2022 ގަ އެވެ.
ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން ޕާކިން ސްލޮޓްތައް ދޫކުރާތީ އޭރު ވެސް ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އަދި އެކަން ނުކުރަން އޭރު ވެސް ޓްރާންސްޕޯޓު މިނިސްޓްރީން އެންގި އެވެ. ނަމަވެސް ސަރުކާރުގެ އެންގުން ބޮލާލައި ޖަހައި މުއިއްޒު ދިޔައީ ޕާކިން ސްލޮޓުތައް ވިއްކަމުންނެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި ނޫހުން ހޯދާފައިވާ މައުލޫމާތުން އެނގުނު ގޮތުގައި މިދިޔަ އަހަރުގެ މެއި މަހާ ހަމައަށް މާލޭގެ ފަސް ސަރަހައްދަކުން ޕާކު ކުރަން 1120 ޖާގަ ދޫކޮށްފައިވެ އެވެ. އޭގެ ތެރެއިން 941 ޖާގައަކީ މަގުމަތިން ދޫކޮށްފައި ހުރި ޖާގަތަކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މިކަން ފަށައިގެން މި ނޫހަށް މައުލޫމާތު ދިން މުއްދަތާ ހަމައަށް ޕާކިން ޖާގަތަކުން އާމްދަނީގެ ގޮތުގައި 17.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ބައެއް ފަރާތްތަކަށް ޕާކިން ޒޯންތައް ވިއްކީ ސިޓީ ކައުންސިލަށް ދައްކަންޖެހޭ ފީގެ އިތުރުން ކައުންސިލްގައި އޭރުތި ބައެއް މެންބަރުން ނާޖާއިޒު ގޮތުގައި ފައިސާ ނަގައިގެން ކަމަށް ތުހުމަތުތައް ކުރެވިފައިވެ އެވެ. ނަމަވެސް އެ މައްސަލަތައް އޭސީސީން ބަލައި ހަގީގަތް ހާމައެއް ނުކުރެ އެވެ.
Comment