Advertisement

ޗެލްސީ ބޮޑު ކްލަބަކަށް ހަދައިދޭން އަހަރެން ވެސް އެހީވިން: މޮރީނިއޯ

30 ސެޕްޓެންބަރު 2025 - 14:33 0


ޗެލްސީ ބޮޑު ކްލަބަކަށް ހަދައިދޭން އަހަރެން ވެސް އެހީވިން: މޮރީނިއޯ

30 ސެޕްޓެންބަރު 2025 - 14:33 0

ލަންޑަން (ސެޕްޓެމްބަރު 30) - ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑު ކްލަބަކަށް ޗެލްސީ ހަދައިދޭން އެހީތެރިކަން ފޯރުކޮށްދިން އެކަކަކީ އޭނާ ކަމަށް ބެންފީކާގެ ކޯޗެއްގެ ގޮތުގައި ހުރެ، ޗެލްސީއާ ދެކޮޅަށް މިރޭ ނުކުންނަ ޕޯޗުގީސް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ކެރިއަރުގައި 10 ކްލަބަކަށް ކޯޗުކޮށްދިން މޮރިނިއޯ ވަނީ ދެ ފަހަރެއްގެ މަތިން ޗެލްސީ އަށް އިރުޝާދުދީފަ އެވެ. ޗެލްސީން ދުނިޔޭގެ ފުޓްބޯޅައިގައި ފިޔަޖަހައި، ވަރުގަދަ ބާރެއްގެ ގޮތުގައި ފެންނަން ފެށީ، 2004-2007 އަށް މޮރީނިއޯ އެ ޓީމުގެ ކޯޗަކަށް ހުރިއިރު، އެވެ. މޮރީނިއޯ ވަނީ އޭގެ ފަހުން، 2013-2015 އަށް ވެސް ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ.

ޗެލްސީގެ އިތުރުން މޮރީނިއޯ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެހެންވެ، ޗެލްސީގެ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އެކަމަކު، މޮރީނިއޯ ބުނީ، ޗެލްސީ އަކީ އަބަދުވެސް އޭނާއާ ވަރަށް ގާތް ކްލަބެއް ކަމަށެވެ.

"އަހަރެން އަބަދުވެސް ޗެލްސީ މީހަކަށް ވާނެ. އަހަންނަކީ ޗެލްސީގެ ތާރީހުގައި ހިމެނޭނެ މީހެއް. އަހަރެންގެ ތާރީހުގައި ޗެލްސީ ވެސް ހިމެނޭ. އަހަރެން އެހީވިން އެ މީހުން ބޮޑު ކްލަބަކަށް ހަދައިދޭން، އެ މީހުން އެހީވި އަހަރެން ބޮޑު ކޯޗަކަށް ހަދައިދޭން،" މޮރީނިއޯ ބުންޏެވެ.

"އަހަންނާއި ޗެލްސީގެ އޮތީ ރަނގަޅު ކައިވެންޏެއް، އެހެންވެ، ދެ ވަނަ ފަހަރަށް ވެސް އަހަރެން އެ ޓީމަށް އައީ، ދެން ފަހަރުގައި އަހަރެން ޗެލްސީ މީހެއް ނޫނޭ އަހަންނަކީ ބުނާ ސަބަބެއް އެބައޮތް، އެއީ ހަވާލުވެ ހުންނަ ޓީމެއްގެ ވަޒީފާ އަދާކުރަން ޖެހޭތީ،"

މޮރީނިއޯ ބުނީ ޗެލްސީ ސަޕޯޓަރުން އަަބަދަށް އޭނާގެ ދެކެ ނުރުހިފައި ނުހުންނާނެކަން އެނގޭ ކަމަށާއި ބައެއް ފަހަރު ހާލަތުގެ ގޮތުން ދެބަސްވުންތައް އަންނާނެ ފަހަރު ދާނެ ކަމަށެވެ.