Advertisement

އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދެއް ރާއްޖެ އައިސް މާލެ ކައިރީ ބަނދަރުކޮށްފި

30 ސެޕްޓެންބަރު 2025 - 14:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕެސިފިކް ސާވާ ގްރޫޕުން ދުއްވާ އުޅަނދެއް ކަމަށްވާ "އޯޝަން ޓައިޓަން" އުޅަނދު: މި އުޅަނދު މިއަދު ވަނީ ރާއްޖެ އައިސް މާލެ ކައިރީ ބަނދަރުކޮށްފަ ---- ފޮޓޯ: މެރިން ޓްރެފިކް


އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދެއް ރާއްޖެ އައިސް މާލެ ކައިރީ ބަނދަރުކޮށްފި

30 ސެޕްޓެންބަރު 2025 - 14:08 1

އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދެއް ރާއްޖެ އައިސް މާލެ ސަރަހައްދުގައި ބަނދަރުކޮށްފި އެވެ.

މިވަގުތު ގުޅީފަޅު ބޭރުގައި ބަނދަރުކޮށްފައިވަނީ އެމެރިކާގެ އަމިއްލަ ކުންފުނި، ޕެސިފިކް ސާވާ ގްރޫޕުން ދުއްވާ އުޅަނދެއް ކަމަށްވާ "އޯޝަން ޓައިޓަން" އެވެ. މި އުޅަނދު ރާއްޖެ އައީ މިއަދު ހެދުނުގެ ވަގުތެއްގައި ކަމަށާއި މާލެ ކައިރި ބަނދަރުކުރީ މީގެ ދެތިން ގަޑިއިރު ކުރިން ކަމަށް ކަނޑު އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކަ އެވެ.

ސެޓްލައިޓު އޭއައިއެސް ޓްރެކިން ބޭނުންކޮށްގެން އަދަދު އިން އިތުރަށް ހޯދި ހޯދުމުން ފެންނަ ގޮތުގައި އޯޝަން ޓައިޓަން ރާއްޖެއަށް ދަތުރުކުރަން ފެށީ އޮސްޓްރޭލިއާ ކައިރި އޮތުމަށްފަހު އެވެ. މި ދަތުރު ފެށީ އޮގަސްޓު 31، ގަ އެވެ.

މަސް ދުވަހު އިންޑިއާ ކަނޑުގައި ރާއްޖެއަށް ދުއްވިއިރު، މި އުޅަނދުން އިންޑޮނީޝިއާގެ ބޯޑަރާ ދިމާލުން ބުރު އަޅާފައިވެ އެވެ. ނަމަވެސް، ރާއްޖެ އައިސް ކަނޑުގެ ސަރަހައްދުގައި މަޑުނުކޮށް ދަތުރުކޮށްފައިވަނީ މާލެއާ ދިމާލަށެވެ.

އެމެރިކާގެ ރިސާޗު އުޅަނދު އޯޝަން ޓައިޓަން ރާއްޖެ އަށް ދަތުރުކުރި ގޮތް ފެންނަ ޗާޓެއް ---- ފޮޓޯ: ވެސަލް ފައިންޑާ


ޕެސިފިކް ސާވޭ ގްރޫޕުން މި އުޅަނދު ގަތީ 2015 ގަ އެވެ. 1989 ގައި ދަތުރުތަކަށް ނެރުނު މި އުޅަނދު އޭގެ ކުރިން ބޭނުންކުރަމުން އައި އެމެރިކާ ސަރުކާރުގެ އެޖެންސީއެއް ކަމަށްވާ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑިމިނިސްޓްރޭޝަން (އެންއޯއޭއޭ) އިންނެވެ. އޭރު މި އުޅަނދަށް ކީ ނަމަކީ އެންއޯއޭއޭއެސް ކާއިމިމޮއާނާ އެވެ.

އެމެރިކާ ސަރުކާރުން މި އުޅަނދު ބޭނުންކުރަމުން ދިޔައީ ކަނޑާއި މޫސުމީ ދިރާސާތައް ކުރުމަށެވެ. ދުނިޔޭގެ އެކި ކަނޑުތަކުގައި، އެކި ސަރަހައްދުތަކުގައި މި އުޅަނދުން ދިރާސާތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެމެރިކާގެ ބޮއިތަކާއި ކަނޑު އަޑީގެ އާލާތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް މި އުޅަނދުން ކުރި އެވެ.

ޕެސިފިކް ސާވޭ ގްރޫޕަކީ އެމެރިކާ ސަރުކާރާއެކު ވިޔަފާރީގެ ގުޅުން ބާއްވާ، އެކި ޕްރޮޖެކްޓަކުގައި ސަރުކާރާއެކު މަސައްކަތް ކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ޓައިޓަން ބޭނުންކުރަނީ ދިރާސާތަކުގެ ބޭނުމަށެވެ.

އެމެރިކާގެ ކަނޑުގެ ރިސާޗު އުޅަނދެއް ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ ކުރީކޮޅު ޗައިނާގެ ރިސާޗު އުޅަނދު, ޝިއެން ޔެން ހޮން 3, ވަނީ ރާއްޖޭގެ ބޯޑަރު ކައިރި ތިން މަސްދުވަސް ހޭދަކޮށްފަ އެވެ. ހުއްދަ ނަގައިގެން ދެ ފަހަރެއްގެ މަތިން މާލޭގައި ބަނދަރު ވެސް ކުރި އެވެ.

މި އުޅަނދުގެ ހަރަކާތްތަކާ ގުޅޭގޮތުން ހޯދާފައިވާ ޓްރެކިން މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ޗައިނާގެ އުޅަނދު ވަނީ އެކި ފަހަރު މަތިން ރާއްޖޭގެ އީއީޒެޑުގެ ތެރޭގައި ދުއްވާފަ އެވެ. އެގޮތުން, އައްޑޫގެ އިރު ދެކުނުން ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް އެތައް މޭލެއް ޗައިނާގެ އުޅަނދު ވަނީ ވަދެފަ އެވެ.

މީޑިއާ ރިޕޯޓުތަކަށްފަހު މި އުޅަނދު ރާއްޖެއަށް އަންނަކަން ފޮރިން މިނިސްޓްރީން ކަށަވަރުކޮށްދިނެވެ. އޭރު ނެރުނު ބަޔާނެއްގައި ބުނީ ދިރާސާ ކުރާ ޗައިނާގެ އުޅަނދެއް ރާއްޖެ އަންނަނީ ކުރޫއިން ބަދަލު ކުރުމާއި ސްޓޮކު އައު ކުރުމަށް ކަމަށެވެ. ބެލެވޭ ގޮތުގައި ދެފަހަރު މަތިން ތިލަފުށީގައި މި އުޅަނދު ބަނދަރުކުރީ މި ބޭނުމުގަ އެވެ.

ޗައިނާގައި މިހާރު އޮތް އެންމެ ޒަމާނީ ރިސާޗު އުޅަނދު ރާއްޖެއަށް ދަތުރު ފެށީ ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވިތާ 24 ގަޑިއިރު ފަހުން، ޖެނުއަރީ 14، 2024 ގަ އެވެ