Advertisement

ކޮރަޕްޝަން މައްސަލަތައް ފުޅާވަނީ އޭސީސީގެ އިހުމާލުން: ޝަމީމް

29 ސެޕްޓެންބަރު 2025 - 19:59 3

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް -- ފޮޓޯ: އަދަދު


ކޮރަޕްޝަން މައްސަލަތައް ފުޅާވަނީ އޭސީސީގެ އިހުމާލުން: ޝަމީމް

29 ސެޕްޓެންބަރު 2025 - 19:59 3

ދިވެހިރާއްޖޭގައި ކޮރަޕްޝަނުގެ މައްސަލަތައް އިތުރުވެ ފުޅާވެގެން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިހުމާލުން ކަމަށާއި އެ ކޮމިޝަނުން ބަލާ މައްސަލަތައް ނިންމަންޖެހޭނެ މުއްދަތެއް ގާނޫނަކުން ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ހުސެއިން ޝަމީމްގެ ބްލޮގުގައި އޭނާ ހިއްސާ ކުރެއްވި ލިޔުމެއްގައި ވިދާޅުވީ ކޮރަޕްޝަން ނައްތައިލުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދިވެހި ދައުލަތުގެ އަސާސީ ސިފައެއް ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވުމުގެ ޒިންމާ މަތިކޮށްފައިވާ އޮންނަ އޭސީސީގެ ސިޔާސަތުތަކާ ހެދި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

"މި ވަގުތު ފެންނަ މަންޒަރަކީ ކޮރަޕްޝަންގެ މައްސަލަތައް އިތުރަށް ފުޅާވެ ކުރިއަރައިގެން ދަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މަސައްކަތްތައް ބަރުހެލިކަމުންނާއި ކޮމިޝަނުގެ ރައީސްގެ ހާއްސަ ސިޔާސަތުތަކުގެ ސަބަބުންކަން،" ޝަމީމް ލިޔުއްވާފައިވެ އެވެ.

އޭސީސީގެ މިހާރުގެ ރައީސް އާދަމް ޝާމިލް ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް ސަރުކާރެއް ވެރިކަމުގައި އޮންނައިރު، އެ ސަރުކާރެއްގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލުން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ. އެގޮތުން ކުރީ ސަރުކާރުގެ ކަންކަމާ ގުޅިގެން އަމަލު ކުރައްވާ ގޮތަށް މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތަކާމެދު ޝާމިލް އަމަލު ނުކުރައްވާ ކަމަށް ޝަމީމްގެ ލިޔުމުގައި ލިޔުއްވާފައިވެ އެވެ.

އޭސީސީން އެގޮތަށް އަމަލު ކުރި ނަމަވެސް، އެއީ ގާނޫނީ ނިޒާމުގައި އޭސީސީ ހިނގަންޖެހޭ ކަމަށް ތަސައްވުރު ކޮށްފައިވާ ހަމައެއް ނޫން ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

އޭގެ މިސާލު ދައްކަވަމުން ޝަމީމް ލިޔުއްވާފައި ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި ކުރިން ހުންނެވި އަހުމަދު ސައީދުގެ މައްސަލަ އޭސީސީން ތަހުގީގު ކުރި ގޮތެވެ.

އެގޮތުން ސައީދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލި މައްސަލައިގެ މުއާމަލާތްތައް ހިންގާފައި ހުރީ 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ކަމަށާއި އެ މައްސަލައިގެ ކިތާބީ ހެކީގެ ގޮތުގައި ހުރީ 2017 ވަނަ އަހަރުގެ ހަތަރު އިއުލާނަކާއި 2018 ވަނަ އަހަރުގެ ތިން ލިޔުމަކާއި 2019 ވަނަ އަހަރުގެ 10 ލިޔުމަކާއި މެއި 3، 2023 ގެ ސިޓީއެއްކަން ޝަމީމް ފާހަގަކުރައްވާފައިވެ އެވެ.

އަދި އޭގެފަހުން އެއްވެސް ލިޔެކިޔުމެއް އެ ކޮމިޝަނުން ހޯދާފައި ނުވި ނަމަވެސް އެ މައްސަލަ ޕްރޮސެކިއުޝަނާ ހަމައަށް ފޮނުވުމަށް އެއް އަހަރާއި ހަތް މަސްދުވަސް ނަގާފައިވާކަން ޝަމީމްގެ ލިޔުމުގައި ފާހަގަކުރައްވާފައިވެ އެވެ. އޭގެ ކުރިން މިދިޔަ ވެރިކަމުގައި ސައީދުގެ މައްސަލަ ޕްރޮސެކިއުޝަނަށް ފޮނުވި ނަމަ، ޖޫން 2023 ގައި އެ މައްސަލައިގައި ދައުވާ އުފުލީސްކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

އެ ނުކުތާގެ އިތުރުން ޝަމީމްގެ ލިޔުމުގައި ދެން ފާހަގަކުރައްވާފައި ވަނީ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީން ތަހުގީގު ކުރުމުގައި ހުރި ނުކިއްސަރު ކަމަށެވެ.

އެގޮތުން އެ މައްސަލަ ތަހުގީގު ކުރުމުގައި 2018 ވަނަ އަހަރު ފެނަކައިގެ އެމްޑީގެ މަގާމުގައި ހުރި އަހުމަދު ޝަރީފްގެ މައްސަލަ އޭސީސީން ބަލާފައި ނުވާކަން ޝަމީމްގެ ލިޔުމުގައި ފާހަގަކުރައްވައިފައިވެ އެވެ. އަދި އެ މައްސަލަ ބެއްލެވި ފަނޑިޔާރު ވެސް އެކަން ފާހަގަކުރެއްވިކަން ޝަމީމް ލިޔުއްވާފައިވެ އެވެ.

"މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަން ބެލުމުގެ ބަދަލުގައި އޭސީސީން ބެލީ އެމްޑީޕީ ވެރިކަމުގައި ހިނގި ބައި ނިންމައި، އެމްޑީޕީ ވެރިކަން ނިމުމުން، އެ މައްސަލަ ދައުވާ ކުރަން ފޮނުވާށެވެ. އެމައްސަލައިގައި ހާދިސާ ހިނގައިފައިވަނީ 2018 ވަނަ އަހަރުކަމަށްވާތީ، އޭރު އެމްޑީ ކަމުގެ މަގާމުގައި ހުރި މީހާގެ މައްސަލަ ބަލާކަށް އޭސީސީއަކުން ނޫޅުނެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.

"މިކަން، މިމައްސަލަ ބެއްލެވި ފަނޑިޔާރު، އަލްއުސްތާޒު އާދަމް މުހައްމަދު، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 63 އަދި 64 ވަނަ ނުކުތާގައި ލިޔުއްވާފައިވެއެވެ."

އެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފުލުހުންގެ ތަހުގީގު ނިންމަން ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނަ ގޮތަށް އޭސީސީގެ ތަހުގީގުތައް ނިންމަން ވެސް ވަކި މުއްދަތެއް ގާނޫނަކުން ކަނޑައަޅަންޖެހޭ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.

އެ ނިޒާމަކީ މިހާރު ވެސް އަމަލު ކުރަމުން އަންނަ އަދި ތަޖުރިބާ ކުރެވިފައިވާ ނިޒާމަކަށް ވާތީ އެގޮތަށް އެކަން ކޮށްފި ނަމަ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތް އިތުރަށް ހަލުވި ވާނެ ކަމަށް ޝަމީމް ލިޔުއްވާފައިވެ އެވެ.