Advertisement

ބްރޭކަށް ފަހު ނިއު ރޭޑިއަންޓްގެ މެޗުތަކުން ދަގަނޑޭ ފެންނާނެ

29 ސެޕްޓެންބަރު 2025 - 16:38 0

ނިއުގެ ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ.--- ފޮޓޯ: ނިއު ރޭޑިއަންޓް


ބްރޭކަށް ފަހު ނިއު ރޭޑިއަންޓްގެ މެޗުތަކުން ދަގަނޑޭ ފެންނާނެ

29 ސެޕްޓެންބަރު 2025 - 16:38 0

މި ފަހަރުގެ ސީޒަނަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކުރި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ)، ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު، އަލުން، ދިވެހި ޕްރިމިއާ ލީގު ފަށާއިރު، ނިއުގެ މެޗުތަކުން ފެންނާނެ ކަމަށް ނިއުގެ ކޯޗު، އަލީ ސުޒޭން ބުނެފި އެވެ.

މީގެ ހަތަރު ވަރަކަށް މަސް ކުރިން، ނިއު އިން ވަނީ ދަގަނޑޭ، 39، އެ ކްލަބާ ގުޅުނުކަން އިއުލާނުކޮށްފަ އެވެ. ދަގަނޑޭ ވަނީ މީގެ ކުރިން، ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

އާ ސީޒަން ފަށައިގެން ނިއު އިން ވަނީ ދެ މެޗު ކުޅެފަ އެވެ. ދެ މެޗުގައި ވެސް ދަގަނޑޭ ކުޅެފައިނުވާއިރު، އަންނަ ބުދަ ދުވަހު ހަވީރު ނިއު އިން ވެލެންސިއާއާ ކުޅޭ މެޗުގައި ވެސް ދަގަނޑޭ ނުފެންނާނެ ކަމުގެ އިޝާރާތެއް، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިއުގެ ކޯޗު ސުޒޭން ވަނީ ދީފަ އެވެ.

"މިހާރު އަޝްފާގު އަސްލު ނިއު ރޭޑިއަންޓަށް ވަރަށް ބޮޑު ސަޕޯޓެއް ދޭން ވެގެން މި ވަގުތު ޓީމާ އެކު އައިސް ބައިވެރިވަނީ. އެހެން ނަމަވެސް އޭނަގެ އެބަހުރި ބައިވަރު ކުރަން ޖެހޭ މަސައްކަތްތަކެއް. އިންޖަރީ އަށް ފަހު، އޭނަ އެބަޖެހޭ ފުޓްބޯޅައިގެ ތެރެއަށް ވަންނަންޏާ ބައިވަރު މަސައްކަތްތަކެއް ކުރަން، އެކަން އެނގިގެން އޭނަ އެކަން ކުރަމުންދަނީ،" ދަގަނޑޭ، ކުޅުމަށް އެނބުރި އަންނާނެ ދުވަހަކާ ގުޅޭގޮތުން، ކުރި ސުވާލުގެ ޖަވާބުގައި ސުޒޭން ބުންޏެވެ.

"އިރާދަކުރެއްވިއްޔާ، މި ބްރޭކް ނިމިފައި ފަށާއިރުގައި، އަޝްފާގަކީ ކޮންމެ ދުވަހަކު ކޮންމެ ވެސް ވަގުތުކޮޅެއް ކުޅޭ ކުޅުންތެރިއަކަށް ބަދަލުވެގެންދާނެއޭ އަޅުގަނޑު ދަންނަވާނީ،"

ލީގުގައި މި ހަފްތާގެ މެޗުތަކަށް ފަހު، ގައުމީ ޓީމުގެ މެޗުތަކަށް ބްރޭކެއް ނަގާނެ އެވެ. ބްރޭކަށް ފަހު، ނިއު އިން ކުޅޭނެ ފުރަތަމަ މެޗަކީ، މި މަހު 21 ވަނަ ދުވަހު ވިކްޓަރީއާ ކުޅޭނެ މެޗެވެ.

ދަގަނޑޭގެ ކަކުލަށް އެންމެ ފަަހުން އަނިޔާވީ، 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ޕްރެޒިޑެންޓްސް ކަޕްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުޅުނު މެޗުގަ އެވެ. ދަގަނޑޭ ވަނީ އެ އަނިޔާ އިން ރަނގަޅުވުމަށް މިދިޔަ އަހަރު ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ. އަދި، މިހާރު އަންނަނީ ރިކަވަރީގެ މަސައްކަތްތައް ކުރަމުންނެވެ. އޭނާ ވަނީ، ކްލަބް މޯލްޑިވްސް ކްލަސިކް ފުޓްސަލް މުބާރާތުގައި، މަޖިލީހުގެ ޓީމު، ޕެމާ އަށް ކުޅެފަ އެވެ.

ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެ، ދަގަނޑޭ ވަނީ، އެ ކްލަބާ އެކު، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ދަގަނޑޭ، އެންމެ ފުރަތަމަ، ނިއު އަށް ކުޅުނީ 2006-2007 ގަ އެވެ. އޭގެ ފަހުން، ދެ ވަނަ ފަހަރަށް، 2012-2013 އަށް ނިއުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އަދި އެންމެ ފަހުން، ނިއު ޖޯޒީގައި ދަގަނޑޭ ފެނުނީ، 2017-2018 ގަ އެވެ.