29 ސެޕްޓެންބަރު 2025 - 14:02 0
ލީވާން އަލީ ނާސިރު
ރައްޔިތުންގެ މަޖިލިސް: މަރުގެ އަދަބު ތަންފީޒުކުރަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ކުރިއަށް އޮތް ދައުރަށް ހުށަހަޅާނެކަން ވަނީ އެނގިފައި -- ފޮޓޯ: މަޖިލިސް
29 ސެޕްޓެންބަރު 2025 - 14:02 0
ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގެ އަލަށް ފެށޭ ދައުރުގައި ހުށަހަޅަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު އަދަދު އަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން މަސައްކަތް ކުރަމުންދަނީ، ސުޕްރީމް ކޯޓުން މަރުގެ ހުކުމް ކުރުމުން އެ ހުކުމް ތަންފީޒުވެގެންދާ ހިސާބަށް ހުރިހާ އިޖުރާއަތްތަކެއް ގާނޫނުން ކަނޑައެޅުމަށް ގެންނަން ޖެހޭ ބަދަލުތައް ކަމަށެވެ.
ގާނޫނަށް ބަދަލު ގެނެސްގެން މަރުގެ އަދަބު ތަންފީޒު ކުރަން މަސައްކަތް ކުރަމުންދަނީ ގަވާއިދެއްގެ ތެރެއިން އެކަން ކުރިއަށް ނުގެންދަން ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"ގަވާއިދެއްގެ ތެރެއިން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ގަވާއިދަކީ މިނިސްޓްރީތަކުގެ ލެވެލްގައި ހަދާ އެއްޗެއް. މަރުގެ ހުކުމް ސުޕްރީމް ކޯޓުން ކުރުމަށްފަހުގައި އެ ތަންފީޒުވެގެންދާ ހިސާބަށް ހުރިހާ އިޖުރާއަތްތަކެއް ގާނޫނަކުން މިހާރު މި ކަނޑައަޅަނީ،" އެކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލު ވިދާޅުވި އެވެ.
އެ އޮފިޝަލް އިތުރަށް ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހުން ނިންމައި އެ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރާ ހިސާބުން ފެށިގެން މަރުގެ އަދަބު ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.
ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީރުކޮށްފައި ނުވެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން މިދިޔަ އަހަރު ހާމަކުރި އެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.
މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ ހަފްތާގައި ވިދާޅުވެފައިވެ އެވެ.
Comment