Advertisement

ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަކީ ރަނގަޅު އެޕްރޯޗް ކަމަކަށް ގަބޫލެއް ނުކުރަން: ސުއޫދު

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު: އޭނާ ވިދާޅުވީ ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަކީ ރަނގަޅު އެޕްރޯޗް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް ---- ފޮޓޯ: އަދަދު


ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަކީ ރަނގަޅު އެޕްރޯޗް ކަމަކަށް ގަބޫލެއް ނުކުރަން: ސުއޫދު

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި ބަދަލަކީ މި މައްސަލަ ހައްލުކުރުމަށް އެންމެ ރަނގަޅު އެޕްރޯޗް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މި ބިލާ ބެހޭގޮތުން ސުއޫދު ހިޔާލު ފާޅުކުރެއްވީ މީގެ ދެ ދުވަސް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުން މަރަން ނިންމުމަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތަށް ގެނެވޭ ބޮޑު ބަދަލެކެވެ.

"މިއީ އެންމެ ރަނގަޅު އެޕްރޯޗް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ސުއޫދު ލިޔުއްވާފައިވެ އެވެ.

އަދި، ކޮރަޕްޝަނަކީ މަސްތުވާތަކެއްޗާއި އެއް ވަރެއްގެ ގެއްލުންދެނިވި ވަބާއެއް ކަމަށް ވެސް ސުއޫދު ލިޔުއްވާފައިވެ އެވެ.

މީގެ ކުރިން ގާނޫނުގައި އޮންނަ ގޮތުން ޑްރަގުގެ ބޮޑުންނަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ. ގާނޫނަށް ގެނައި ބަދަލާއެކު ތިން ހާލަތެއްގައި އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭނެ އެވެ. ނަމަވެސް، އެއީ ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން އެ މައްސަލައެއްގައި ނިހާއި ހުކުމެއް އިއްވާ ހާލަތެއްގަ އެވެ.

މަރުގެ އަދަބު ދެވޭ ހާލަތުތައް

  • 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
  • 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
  • 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި އޮތީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

ގާނޫނަށް ގެނައި އިސްލާހާ އެކު އުމުރު ދުވަހުގެ ޖަލު ހުކުމް އަންނަ ޑްރަގުގެ ބޮޑުންނަށް ޕެރޯލްގެ ފުރުސަތެއް ނުލިބޭނެ އެވެ. ހަމައެހެންމެ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް މައާފު ނުދެވޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދޭނެކަން ގާނޫނުގައި ވަނީ ސާފުކޮށް ބަޔާންކޮށްފަ އެވެ. އެހެންކަމުން، ޑްރަގުގެ ބޮޑުންނަށް ދޭ އަދަބަކީ އެއްވެސް ހާލަތެއްގައި މައާފު ނުލިބޭނެ އަދި ލުއި ނުކޮށްދެވޭނެ އަދަބުތަކެކެވެ.

ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި އެ މީހުންނަށް ނަސޭހަތްދީ މައްސަލަ ނިންމުމުގެ ބާރު ޕްރޮސެކިއުޓާ ޖެނެރަލަށް ވަނީ ދީފަ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ޒަމާނަށް ފައްތާ، މިހާރަށް ވުރެ ހަރުކަށި އަދަބު ދީގެން ވިޔަސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން މިދިޔަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.