Advertisement

މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަނުކޮށްފި

29 ސެޕްޓެންބަރު 2025 - 11:32 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޓާޓޯގެ ސީއީއޯއަކަށް ހަމަޖެއްސި މުހައްމަދު ބައްސާމް އާދަމް: އޭނާއަކީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި ބޭފުޅެއް


މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަނުކޮށްފި

29 ސެޕްޓެންބަރު 2025 - 11:32 1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޑްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ސީއީއޯގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް މިއަދު އައްޔަނުކޮށްފި އެވެ.

މަޓާޓޯގެ ސީއީއޯއަކަށް ބައްސާމް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު ޕްރޮސެސް ނިންމައި އެންމެ މަތިން މާކްސް ލިބުމުންނެވެ. މަޓާޓޯގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ހުރި ބައްސާމް ވަނީ ކުރިން ޓްރެވެލް އެޖެންސީތަކާއި އެއާލައިންތަކުގެ އިތުރުން ޑެސްޓިނޭޝަން މާކެޓިންގައި އިސް ރޯލުތަކެއް އަދާކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަން ވެސް ފުރުއްވާފައިވާ ބައްސާމް މިދިޔަ އަހަރު އެ މަގާމުން ވަކިކުރީ ހަރަދު ކުޑަކުރަން ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ކަމަށް ބައްސާމް ކުރިން ވިދާޅުވެފައިވެ އެވެ.

އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި ދުވަސްވަރުގައި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ޑެސްޓިނޭޝަން މާކެޓިން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ޕާޓްނާޝިޕްތައް ކުރިއެރުވުމަށް އޭނާ މަސައްކަތް ކުރެއްވި އެވެ.

ބައްސާމް އެމްއެމްޕީއާރުސީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރިން ތުހުމަތުތަކެއްވެސް ކުރުމުން އެ މައްސަލަ އެމްއެމްޕީއާރްސީން ތަހުގީގުވެސް ކުރި އެވެ.

އޭރު އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމުން އަައިޝާ ނޫރައިން ނަޖާހު އިސްތިއުފާދެއްވީ ބައްސާމްގެ މައްސަލައިގައި ކުންފުނީގެ މެނޭޖްމަންޓުން ފުރިހަމަ ތަހުގީގެއް ހިންގާފައި ނުވާތީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އިސްތިއުފާ ސިޓީގައި ބުންޏެވެ.

ނޫރައިންގެ އިސްތިއުފާއަށް 24 ގަޑިއިރު ނުވަނީސް އޭރު އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގު (ކުޑީ) ވަނީ މަގާމުން ވަކިކުރި އެވެ. އެގޮތުން އޭރު އެމްއެމްޕީއާރްސީގެ ހިންގުން ހަވާލުކުރީ ވެސް ބައްސާމްއާކަން ފާހަގަކުރެވެ އެވެ.