29 ސެޕްޓެންބަރު 2025 - 05:22 0
29 ސެޕްޓެންބަރު 2025 - 05:22 0
މިލާން (ސެޕްޓެމްބަރު 29) - އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ 2-1 އިން ބަލިކޮށް، އޭސީ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް މިލާނާއި ދެ ވަނައިގައި އޮތް ނަޕޯލީ އާއި ތިން ވަނައިގައި އޮތް ރޯމާ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ތިން ޓީމުގެ މަގާމުތައް ޕޮއިންޓު ތާވަލުގައި ބެހިފައި އޮތީ ލަނޑުގެ ފަރަގަށް ބަލައިގެންނެވެ. ކޮންމެ ޓީމެއްގެ ވެސް އަނެއް ޓީމަށް ވުރެ އިތުރީ އެންމެ ގޯލެއްގެ ފަރަގެކެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި، މިލާނުން ލީޑުނެގި އެވެ. މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި، މިލާންގެ ކްރިސްޓިއަން ޕުލިސިޗް އަމިއްލަ އަށް އަރިމަތިން ބޯޅަ ހިފައިގެން ގޮސް، ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖެހީ، އަލެކްސިސް ސަލަމޭކާ އެވެ.
މެޗުގެ 31 ވަނަ މިނިޓްގައި، ޔޫސުފް ފޮފާނާ ދިން ބޯޅައަކުން ޕުލިސިޗް ވަނީ މިލާނުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭނާ ވަނީ ލިބުނު ފުރުސަތުގައި ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
ދެ ގޯލުގެ ލީޑެއްގައި އޮއްވައި މިލާން ޕްރެޝަރަށް ވެއްޓެން ޖެހުނީ، މެޗުގެ 57 ވަނަ މިނިޓްގައި، އެ ޓީމުގެ ފުލްބެކް، ޕާވިސް އެސްޓޫޕީނިއާން އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ނަޕޯލީގެ ޖިއޮވާނީ ޑި ލޮރެންޒޯ އަށް އެސްޓޫޕީނިއަން ކުރި ފައުލަށް ފުރަތަމަ ދެއްކި ރީނދޫ ކާޑު ފަހުން، ރަތް ކާޑަކަށް ބަދަލުވީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެެވެ.
ލިބުނު ޕެނަލްޓީން ނަޕޯލީގެ ލަނޑު ޖެހީ ކެވިން ޑި ބްރޭނާ އެވެ. ފަހުން، އިތުރު ގޯލެއް ޖަަހައި، އެއްވަރުކުރެވޭތޯ ނަޕޯލީން ބެލި ނަމަވެސް އެކަން ހާސިލެއްނުވެ ސީޒަނުގައި ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހުނީ އެވެ.
ލީގުގައި ރޭ ރޯމާ އިން ވަނީ 2-0 އިން ވެރޯނާ އަތުން މޮޅުވެފަ އެެވެ. ލަނޑުތައް ޖެހީ، މަޓިއާސް ސޫލާ އާއި އާޓެމް ޑޮވްބީކް އެވެ.
Comment