30 ސެޕްޓެންބަރު 2025 - 07:35 5
ލީވާން އަލީ ނާސިރު
ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަންޑްގްރައުންޑު ޕާކިންއެއް ހަދަން ދައްކާލި ކުރެހުންތައް
30 ސެޕްޓެންބަރު 2025 - 07:35 5
ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަންޑަގްރައުންޑް ޕާކިންއާއެކު މައިޒާނެއް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ޕްލޭން ފަނުފުލުން ހިނގެއްޖެ އެވެ.
ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގެ އަޑީގައި ވެހިކަލްތަކަށް ޕާކުކުރެވޭ ގޮތަށް އިމާރާތެއް ހަދައި، އެތަނުގެ މަތީގައި ހިތް ފަސޭހަ މައިޒާނެއް ހެދުމަށް، މުއިއްޒު މެނިފެސްޓޯގައިވެ އެވެ. އެ ޕްލޭން އިފުތިތާހުކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށެވެ.
އެ ޕްލޭން ތަންފީޒުކުރަން މަސައްކަތް ފެށީ މާލޭ ސިޓީ ކައުންސިލްއާ ގުޅިގެންނެވެ. ނަމަވެސް މިހާތަނަށް އެ ތަނުގެ ކުރެހުންތައް ދައްކާލުމާއި އިފުތިތާހުކުރަން އިވެންޓެއް ބޭއްވުން ފިޔަވައި އިތުރު ކަމެއް ނުކުރެ އެވެ.
މިހާރު އެތަން އޮތީ ހަނަފަސް ބިމެއްގެ ގޮތުގަ އެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި ވެސް މާލޭގެ ހަ ސަރަހައްދެއްގައި ޕާކިން ބިލްޑިންތައް ހަދަން ޕްލޭން ކުރި އެވެ. އެކަން ކާމިޔާބު ނުވީ މުއިއްޒު ވިދާޅުވި ގޮތުން، އޭރު ސަރުކާރުން މަގު ނުދެއްކުމުން ނެވެ.
"މިހާރު އިރާދަކުރެއްވިއްޔާ [އެ މަސައްކަތް] ކުރިއަށްދާ ގޮތަށް އެވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އޭޕްރީލް މަސް ހިސާބުގައި، އަމަލީ ގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެ ކަމަށް. އެހިސާބަށް ވަނީ ގޮސްފައި،" މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަށް އޭރު އިންތިހާބުކުރި މެންބަރުން ހުވާކުރުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ދަރުބާރުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އެހެން ވިދާޅުވިތާ ދޮޅު އަހަރު ވެގެން ދިޔައިރު ޕާކިން ބިލްޑިންއެއް ނުހެދެ އެވެ.
Comment