28 ސެޕްޓެންބަރު 2025 - 12:51 0
ލީވާން އަލީ ނާސިރު
ކުޑަކުއްޖެއްގެ އަތުގައި ހިފައިގެން އަންހެނަކު މަގުމަތިން ހިނގާފައި ދަނީ: މިހާރު އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އަދަދުން ހަރަދުތައް ފޫނުބެއްދޭ ކަމުގެ ޝަކުވާ ބޮޑު --- ފޮޓޯ: އަދަދު
28 ސެޕްޓެންބަރު 2025 - 12:51 0
ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުން މި އަހަރު ދޭން ފަށާނެ ކަމަށް ބުނި އެލަވަންސާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރަން ބުނި ނަމަވެސް، އެ އެލަވަންސްތައް ލިބެން ފަށާނެ ދުވަހެއް ރައީސް އޮފީހުން ނުބުންޏެވެ.
ތެލެސީމިއާ އެލަވަންސް ދޭނެ ދުވަހަކާއި އެކަނިވެރި މައިންނާއި ބަފައިންނަށް ބޮޑުކުރި އެލަަވަންސް ދޭނެ ދުވަހަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދާއި ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލާ ސުވާލުކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ ރައީސްގެ ޖަވާބު ސީރީޒްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުއިއްޒު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިފައިވާ ގޮތަށް މި އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ހުންނަ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށެވެ.
"އެކަމުގައި މި އަހަރު ބަޖެޓުގައި ހިމެނިފައެއް ނެތް. އަޅުގަނޑު މި އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މި އަންނަ އަހަރު ފަށަން ގަސްތުކުރަން،" މުއިއްޒު މިދިޔަ އަހަރު ވިދާޅުވި އެވެ.
ތެލެސީމިއާ ހުންނަ ކުދިންނަށް އެލަވަންސެއް ގޮތުގައި ދެނީ ކިހާ އަދަދެއް ކަމެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ވެސް އެ ފަދަ ހާއްސަ އެލަވަންސެއް ބަޖެޓުކޮށްފައި ނެތެވެ.
އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސް ބޮޑުކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވީ ރައީސްގެ ޖަވާބު ސީރީޒްގައި ވާހަކަ ދައްކަވަމުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ އެލަވަންސް ވެސް މި އަހަރުގެ ތެރޭގައި ބޮޑުކޮށްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރަކީ އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރެވިގެންދާނެ އަހަރަކަށް ހަދާނަން. މި އަހަރުވެސް މަސައްކަތް ކުރަމުން މިދަނީ. ވަރަށް އިސްކަން ދޭ ކަމެއް އަޅުގަނޑުމެން،" މުއިއްޒު މިދިޔަ އަހަރު ވިދާޅުވި އެވެ.
ނަމަވެސް އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރަނީ ކިހާ ވަރަކަށް ކަމެއް ވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Comment