27 ސެޕްޓެންބަރު 2025 - 21:37 0
27 ސެޕްޓެންބަރު 2025 - 21:37 0
މެޑްރިޑް (ސެޕްޓެމްބަރު 27) - ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން 5-2 އިން ވާދަވެރި ރެއާލް މެޑްރިޑް ބަލިކޮށް، އެ ޓީމުން މި ފަހަރުގެ ލީގުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑްނިމުމަކަށް ގެނެސްފި އެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރެއާލް އަތުން އެ ޓީމު މޮޅުވީ ފަހަތުން އަރަ އެެވެ.
ރެއާލުން ސީޒަނުގެ ފުރަތަމަ ހަ މެޗުން މޮޅުވިއިރު، ހަތް ވަނަ މެޗުން މި ވަނީ ބަލިވެފަ އެވެ. ރެއާލުން އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ވިޔަރެއާލަށް ހަތް މެޗުން ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އަދި، ހަތަރެއްގައި އޮތް އެތުލެޓިކޯ އަށް ވަނީ ހަތް މެޗުން 12 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު އެތުލެޓިކޯ އިން ލީޑުނެގީ 14 ވަނަ މިނިޓްގައި، ރޮބިން ލެ ނޯމާން ޖެހި ގޯލުންނެވެ. އެކަަމަކު، އޭގެ ފަހުން ކުޅުން ރަނގަޅުކޮށް، ރެއާލުން 11 މިނިޓް ތެރޭ ދެ ލަނޑު ޖަހައި، ނަތީޖާ އަނބުރާލި އެވެ. އެ ގޮތުން، މެޗުގެ 25 ވަނަ މިނިޓްގައި، ކީލިއަން އެމްބާޕޭ ވަނީ އާޑާ ގުލާ ދިން ބޯޅައަކުން ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ. އަދި، މެޗުގެ 36 ވަނަ މިނިޓްގައި، ވިނީޝިއުސް ޖޫނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުލާ ވަނީ ގޯލު ޖަހައި، ރެއާލަށް ލީޑުނަގައިދީފަ އެވެ.
މެޗުގެ 44 ވަނަ މިނިޓްގައި، އެތުލެޓިކޯގެ ކްލެމެން ލޯންގްލޭ ވަނީ ގޯލެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެކަމަކު، އެ ބޯޅަ ގޯލަށް ވަނީ އަތުގައު ޖެހިފައި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމުމުން، ގޯލު ބަލައިނުގަތެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، އެތުލެޓިކޯގެ އަލެކްސަންޑަ ސޯލޯތު ބޮލުން ގޯލެއް ޖަހައި، އެއްވަރުކުރި އެވެ.
ދެ ވަަނަ ހާފުގެ ކުުޅުން ފަށައިގެން ހަ މިނިޓް ތެރޭގައި ޕެނަލްޓީ އަކުން އެތުލެޓިކޯގެ ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަަގައިދީފަ އެވެ. އަދި، މެޗުގެ 63 ވަނަ މިނިޓްގައި، އަލްވަރޭޒް ވަނީ އިތުރު ގޯލެއް ޖަހައި، އެތުލެޓިކޯ އަށް ހަމަޖެހުމެއް ހޯދައިދީފަ އެވެ. ރެއާލްގެ ކުޅުންތެރިން ކުރިއަށްޖެހިގެން ކުޅެމުން ދަނިކޮށް އެތުލެޓިކޯގެ ފަހު ލަނޑު ޖެހީ، އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން އަންޓުއާން ގްރީޒްމަން އެވެ.
Comment