about 2 hours 0
ބަޔާންގެ އޮލީސޭ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް
about 2 hours 0
މެޑްރިޑް (މާޗް 11) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ފުރަތަމަ ލެގުގައި ރަނގަޅު ފަރަގަކުން މޮޅުވެ، ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
އެތުލެޓިކޯ އިން އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ވަނީ 5-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށްފަ އެވެ. އަދި، ބަޔާނުން ވަނީ ރަށުންބޭރުގައި 6-1 އިން އެޓަލަންޓާގެ މައްޗަށް ކުރިހޯދައިފަ އެވެ.
ޓޮޓެންހަމް އިން އެތުލެޓިކޯއާ ދެކޮޅަށް ނުކުތީ ދެ ވަނަ ކީީޕަރު، އެންޓޮނިން ކިންސްކީ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. އެކަމަކު، 17 މިނިޓް ތެރޭ ކިންސްކީ ބަދަލުކުރަން ޖެހުނީ، ފުރަތަމަ 15 މިނިޓް ތެރޭ އެތުލެޓިކޯ އިން ތިން ލަނޑު ޖެހިއިރު، ދެ ގޯލުގައި، އޭނާ ގޯސް ހަދާފައިވާތީ އެވެ. މެޗަށް ފަހު، ޓޮޓެންހަމްގެ ކޯޗު އީގޯ ޓޫޑޯ ވެސް ވަނީ ކިންގްސް ލައިގެން ފެށުމަކީ ހެދުނު ގޯހެއް ކަމަށް ބުނެފަ އެވެ.
އެތުލެޓިކޯގެ އަލްވަރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
ރިޔާދު އެއާ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، މާކޯސް ލޮރެންޓޭ، ހަ ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލީޑުނަގައިދިންއިރު، ދެ މިނިޓް ތެރޭ ދެ ލަނޑު ޖަހައިގެން، 15 މިނިޓް ހިނގުމުގެ ކުރިން، އެތުލެޓިކޯ އިން ތިން ގޯލުން ކުރިއަށް ޖެހިލި އެވެ. އަނެއް ދެ ލަނޑު ޖެހީ އަންޓުއާން ގްރީޒްމަން އާއި ޖޫލިއަން އަލްވަރޭޒް އެވެ.
މެޗުގެ 22 ވަނަ މިނިޓްގައި ރޮބިން ލެ ނޯމަންޑް، އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، އޭގެ ހަތަރު މިނިޓް ފަހުން، ޕެޑްރޯ ޕޯރޯ ވަނީ ޓޮޓެންހަމް އަށް ލަނޑެއް ޖަހައިދީފަ އެވެ. ދެ ވަނަ ހާފުގައި އަލްވަރޭޒް، އިތުރު ލަނޑެއް ޖަހައި، އެތުލެޓިކޯގެ ފަސް ވަނަ ލަނޑު ޖެހިއިރު، މެޗު ނިމުމުގެ ކުރިން ޑޮމިނިކް ސޮލާންކޭ ވަނީ ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
އަނިޔާއިން ރަނގަޅުވެ، ޓީމުގެ ބެންޗުގައި އިން ހެރީ ކޭން އެއްވެސް ވަރަކަށް ރޭގެ މެޗުގައި ބޭނުންނުކުރި ނަމަވެސް ބަޔާނަށް ގޯލު ޖެހުމުގައި މައްސަލައެއް ދިމައެއްނުވި އެވެ. އެ ގޮތުން، ބަޔާނުގެ މައިކަލް އޮލީސޭ ދެ ގޯލު ޖަހައި، އެއް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން މި މެޗުގައި، ބަޔާންގެ އަނެއް ލަނޑުތައް ޖެހީ، ޖޯސިޕް ސްޓަނިސިޗް، ސާޖް ގްނަބްރީ، ޖަމާލް މުސިއާލާ އަދި ނިކޮލަސް ޖެކްސަން އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment