Advertisement

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެންބަރު 2025 - 23:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުހައްމަދު މުއިއްޒު: އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެންބަރު 2025 - 23:03 0

ވޭތުވެދިޔަ ދުވަސްތަކުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ވައްކަންތަކުގެ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ތ. ތިމަރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފު ކުރަނީ މިދިޔަ ދުވަސްތަކުގައި ހިންގާފައިވާ އެމްއެމްޕީއާރްސީ ފަދަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ފައިސާ ހޯދޭނެ ގޮތެއް މިހާރު އޮތް ނިޒާމުގެ ތެރޭގައި ނެތުމުން އެ ފައިސާ ހޯދޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

"މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް. އެމްއެމްޕީއާރްސީ ހާއްސަކޮށް. މިކަންކަން ބަލައި ނިމޭއިރުގައި މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭ ގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ،" މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ހުށަހަޅަނީ އެސެޓް ރިކަވަރީ ގާނޫނެއް ތައާރަފު ކުރުމަށްޓަކައި ބިލެއް. މި ބިލު މަޖިލީހުން ނިންމަދީ ތަސްދީގުކުރަން ފޮނުވާ ދުވަހު ހަމަ އަޅުގަނޑު ތަސްދީގުކުރާނަން."

މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރީ ގާނޫނު ތަންފީޒުކުރަން ފެށުމުން ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނެ ކަމަށެވެ.

އޭގެއިތުރުން މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަންގެ ބިޔަ މަޝްރޫއުގެ ދަށުން ސަރުކާރާއި ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން މުއިއްޒު ވިދާޅުވީ ޑިޖިޓަލައިޒްކުރެވުމުން ނިޒާމުގައި ސިސްޓަމްތައް ގާއިމުވެ ދެފުށް ފެންނާނެ ކަމަށާއި ކުރެވޭ ކަންކަން ޓްރޭސް ކުރެވުމުން އިތުރުން ހުރިހާ ކަމެއް ރެކޯޑު ކުރެވޭނެ ކަމަށެވެ.

އެސެޓް ރިކަވަރީ ގާނޫނެއް ހަދާ ވާހަކަ މުއިއްޒު ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ފޯނުންގެ މެސެޖުތަކުގެ ފޮރެންސިކް ރިޕޯޓް ލީކްވެފައި ވަނިކޮށެވެ. އަދި ފެނަކަ ކޯޕަރޭޝަނުން އޮޑިޓު ރިޕޯޓު ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ނެރެފައި ވަނިކޮށެވެ.

މުއިއްޒު ވެސް އެ ކެބިނެޓެއްގައި ހިމެނިވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފަޅުށާއި ފަޅުތައް ދޫކޮށް، ދައުލަތުގެ ބައެއް ވެރިން ނުހައްގު މުއްސަނދިކަން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ ފައިސާ އަމިއްލަ ކުންފުންޏަކަށް ޖަމާކޮށް، އެ ފައިސާއިން ޕީޕީއެމް/ޕީއެންސީގެ ވެރިން ހިމެނޭހެން ރާއްޖޭގެ ސިޔާސީ މީހުންނާއި ނުފޫޒުގަދަ މީހުންނަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގައި ޔާމީންގެ މައްޗަށް ކުރި ހުކުމަކީ "ހަރާމް ހުކުމެއް" ކަމަށާއި، އެ މަނިކުފާނުގެ މައްޗަށް އުފުލި ދައުވާތަކަކީ ނުހައްގު، ސިޔާސީ ދައުވާތަކެއް ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ޔާމީންގެ މައްސަލަ ކުރިއަށް ގެންދިޔައީ ރައީސް އޮފީހުގެ ނުފޫޒުން ކަމަށް މުއިއްޒު އޭރު ތުހުމަތު ކުރެއްވިއިރު، ވެރިކަމަށް ވަޑައިގެން އެ މައްސަލަ އަނބުރާ ގެންދިޔުމުގެ ބަދަލުގައި މައްސަލައިގެ ދައުވާތަކަށް ބަދަލެއް ނުގެނެސް އެބަ ހިންގަ އެވެ.