26 ސެޕްޓެންބަރު 2025 - 20:44 0
ލީވާން އަލީ ނާސިރު
ފިލިޕިންސްގައި ފުލުހުން ހަރަކާތްތެރިވަނީ: އެ ގައުމުގައި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ވަނީ ފެނިފައި -- ފޮޓޯ: އޭޕީ
26 ސެޕްޓެންބަރު 2025 - 20:44 0
ފިލިޕިންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމުމަށްފަހު އެނބުރި ރާއްޖެ އަންނަން އުޅުނު ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފިލިޕިންސްގައި މަރުވެފައި އޮއްވައި ފެނުނީ ނ. ހޮޅުދޫ، މުހައްމަދު ހުމައިދު އަހުމަދު، 30، އެވެ.
ހުމައިދު އިއްޔެ ފިލިޕިންސް އިން އެނބުރި ރާއްޖެ އަންނަން ޓިކެޓު ނަގާފައި ކަމަށާއި އެކަމަކު އިއްޔެގެ ފްލައިޓުން ރާއްޖެ އައިސްފައި ނުވާތީ އޭނާ ދިރިއުޅޭ ގެ ބެލިއިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
"އޭނަ އިއްޔެ ރާއްޖެ އަންނަ ގޮތަށް އޮތީ ޓިކެޓު ނަގާފައި. އެކަމަކު ރާއްޖެ އައިސްފައެއް ނުވޭ. އާއިލާ މީހުން އޭނަ ބަލާ އެއާޕޯޓަށް ވެސް ދިޔަ. ފަހުން ބެލި ބެލުމުން އެނގުނީ މަރުވެފައި ގޭގައި އޮތް ކަމަށް،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.
ހުމައިދުގެ މަރުގެ މައްސަލަ ފިލިޕިންސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް އޭނާ މަރުވި ގޮތެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހުމައިދު ޑޮކްޓަރުކަން ކިޔަވަން ފިލިޕިންސަށް ދިޔަ ފަހުން ރާއްޖެ އައިސްފައި ވަނީ އެންމެ ފަހުން ކޮވިޑް-19 ގެ ތެރޭގަ އެވެ.
Comment