Advertisement

ފިލިޕީންސްގައި ތިމާވެއްޓާ ރަހުމަތްތެރި ފެރީގެ ހިދުމަތް ފަށަނީ

15 އޮކްޓޯބަރު 2025 - 07:36 0


ފިލިޕީންސްގައި ތިމާވެއްޓާ ރަހުމަތްތެރި ފެރީގެ ހިދުމަތް ފަށަނީ

15 އޮކްޓޯބަރު 2025 - 07:36 0

ދަތުރުފަތުރުގެ ހިދުމަތުގައި ބޭނުންކުރާ ވަސީލަތްތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ފިލިޕީންސްއިން ފަށާފައިވާ މަސައްކަތުގެ ދަށުން، އެ ގައުމުގައި ފުރަތަމަ ފަހަރަށް އީ-ފެރީގެ ހިދުމަތް ފަށަން ތައްޔާރުވެއްޖެއެވެ.

އެކަމަށްޓަކައި އެގައުމުގެ ޑިޕާޓްމަންޓް އޮފް ސައެންސް އެންޑް ޓެކްނޮލޮޖީ (ޑޮސްޓް) އާއި ޔުނިވަސިޓީ އޮފް ފިލިޕީންސް އަދި މެރިޓައިމް އިންޑަސްޓްރީ އޮތޯރިޓި ގުޅިގެން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ބަނދެފައިވާ ފެރީ މިހާރު ވަނީ ބާލައިގެން އަޖުމަ ބެލުމުގެ ގޮތުން ދުއްވައިފައެވެ. މި މަހުގެ 6 ވަނަ ދުވަހު ކުރި އަޖުމަ ބެލުމުގެ ދަތުރުން، މި ފެރީއަކީ ދަތުރުތަކަށް ފައްކާކުރެވިފައިވާ އުޅަނދެއްކަން ވަނީ ކަށަވަރުވެފައެވެ.

މި ފެރީއަށް ދީފައިވާ ނަމަކީ އެމް/ބީ ޑަލަރޭ އެވެ. ފިލިޕީންސް ބަހުން އޭގެ މާނައަކީ ދެމޭ އޮއިވަރެވެ. ޑޮސްޓްގެ ސެކްރެޓަރީ ރެނާޓޯ ސޮލިޑަމް ޖޫނިއާ ވިދާޅުވާ ގޮތުގައި އެމް/ބީ ޑަލަރޭ އަކީ އެ ގައުމުގެ އިންޖިނޭރުން ފަރުމާކޮށް އެގައުމުގައި ބަނދެ ހިދުމަތަށް ނެރުނު ފުރަތަމަ ބެޓެރި ފެރީއެވެ. ކޯރުތަކުގައި ދުއްވުމަށް ފަރުމާކޮށްފައިވާ މި ފެރީ ދުއްވާނީ ބެޓެރިއަކާ ގުޅާފައިވާ މޯޓަރެއްގެ އެހީގައެވެ.

ފިލިޕީންސް ސަރުކާރުގެ އަމާޒަކީ، އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ، ބިމު އަޑިން ނަގާ ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ޖައްވުގެ ތެރެއަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމެވެ. ކޯރުތަކުގައި ދަތުރު ކުރެވޭނެ ހަރަދު ކުޑަ އަރާމު ފެރީ ނިޒާމެއް ގާއިމުކުރެވުމުން، އެއްގަމު ދަތުރުފަތުރުތައް މަދުވެ މަގުތަކުގެ ތޮއްޖެހުން ކުޑަވާނެއެވެ.

އެމް/ބީ ޑަލަރޭ ގެ ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ފެރީގެ ފުރަތަމަ ދަތުރަށް ތައްޔާރުވަމުން އަންނަ އިރު، ފިލިޕީންސްގެ މެރިޓައިމް އިންޑަސްޓްރީ އޮތޯރިޓީގެ ފަރާތުން އާންމު ރައްޔިތުންނަށް ގޮވާލާފައިވަނީ، އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ގޮތުގައި، ތިމާވެއްޓާ ރަހުމަތްތެރި މި ފެރީ ބަލައިގަތުމަށެވެ.

ޖުމްލަ 40 ދަތުރުވެރިންނާއި ތިން ފަޅުވެރިންގެ ޖާގައިގެ މި ފެރީއަކީ މެދުނުކެނޑި ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުގައި ވަގުތަކަށް ދުއްވުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެއަށްވުރެ ގިނަ ވަގުތު ދުއްވާ ނަމަ، ޖެހޭނީ ބެޓެރި ބަދަލުކުރާށެވެ. މިވަގުތު މި ފެރީ ބޭނުންކުރާނީ، ޕަސިގް ކޯރާ ގުޅިފައިވާ ސަހަރުތައް ކަމަށްވާ ޕަސިގް، މަކާޓީ، މަންޑަލުޔޮންގް އަދި ޓަގުއިގް އާއި މެނީލާއާ ދެމެދު، ޕަސިގް ކޯރު ތެރޭގައި ދަތުރު ކުރުމަށެވެ.

ފިލިޕީންސް ސަރުކާރުން އުންމީދު ކުރަނީ ކޯރު ތެރޭގައި ކުރާ ދަތުރުތައް ތިމާވެއްޓާ ރަހުމަތްތެރި ދަތުރުތަކަކަށް ބަދަލުކޮށްލުމުން، އެ ގައުމުގެ ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށެވެ. އީ-ފެރީއަކީ، ދުއްވުމަށް ކުރަންޖެހޭ ހަރަދު ކުޑަ އަދި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ވެސް ލުއި އުޅަނދަކަށް ވުމުން، މި ބާވަތުގެ ފެރީގެ ދަތުރުތަކުގެ އަގު، އިންޖީނުއެޅި ފެރީތަކުގެ އަގުތަކަށް ވުރެ ކުޑަވާނެއެވެ.