25 ސެޕްޓެންބަރު 2025 - 18:51 0
ސާއިފް ޝިޔާދު
އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް
25 ސެޕްޓެންބަރު 2025 - 18:51 0
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ މީޑިއާ ކޮންޓްރޯލް ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފު ގާނޫނެއް ކަމަށް ވިދާޅުވެ އެ ގާނޫނު އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރަށް އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ވޮލްކާ ޓާކް ގޮވާލައްވައިފި އެވެ.
ލިޔާ ހަބަރާއި ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން މީޑިއާތައް ބަންދުކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމުގެ ބާރު ކޮމިޝަނަކަށް ލިބިދޭ ގާނޫނު މުއިއްޒު ތަސްދީގުކުރެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ.
ސަރުކާރު ފަހަތުގައި އޮވެގެން އަމިއްލަ މެންބަރެއް ލައްވާ މަޖިލީހަށް ހުށަހަޅައި އޮގަސްޓު 27، ގައި ބިލު ބަލައިގަތުމާއެކު ވެސް ބައިނަލްއަގުވާމީ އިދާރާތަކުގެ ކަންބޮޑުވުން ފާޅުކުރި އެވެ. މިއަދު އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްގެ އޮފީހުން ވެސް ވަނީ މިހާރު އަމަލުކުރަމުން އަންނަ ގާނޫނަކީ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނަކީ، ދިވެހިރާއްޖެއިން އެއްބަސްވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ހިލާފު އުސޫލުތަކެއް ގާއިމުކޮށް، މީޑިއާގެ ކޮންޓެންޓްތަކާއި، ނޫސްވެރިންނާއި، މީޑިއާގެ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާނެ ގާނޫނެއް،" ޓާކް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އެ ބިލު އަނބުރާ ގެންދިޔުމަށް ފަހު ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތް މީޑިއާ ރިފޯމް ގާނޫނެއް އެކުލަވާލުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވަނީ ހުށަހަޅުއްވާފަ އެވެ.
"އާ ގާނޫނެއް މި ގެނައީ ފާއިތުވި އަހަރުގެ ތެރޭގައި ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމަށް އޮންނަ ނިޒާމު ކަންބޮޑުވާ މިންވަރަށް ހީނަރުކޮށްފައި ވަނިކޮށް. މިނިވަން އަދި ތަފާތު މީޑިއާތައް އޮތުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ޑިމޮކްރަޓިކް މުޖުތަމައުގެ އަސާސެއް،" ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މިއީ މަދަނީ އަދި ސިޔާސީ ހައްގުތައް ބަޔާންކުރާ އދ. މުއާހަދާ އެވެ. ޑިސެމްބަރު 16، 1966 ގައި އޮތް އދ. ގެ އާންމު މަޖިލީހުގެ ހާއްސަ ގަރާރަކުން ބަލައިގަތް މި މުއާހަދާއަށް އަމަލުކުރަން ފެށީ މާޗު 23، 1976 އިން ފެށިގެންނެވެ. މިވަގުތު 174 ގައުމަކުން އެ މުއާހަދާގައި ސޮއިކޮށްފައިވެ އެވެ. އެ މުއާހަދާގައި ބައިވެރިވެ ރާއްޖެއިން އަމަލުކުރަން ފެށީ 2006 ވަނަ އަހަރު އެވެ. ނަމަވެސް، އެ މުއާހަދާއަށް ރާއްޖެއިން އަމަލުކުރަނީ ގާނޫނުއަސާސީގެ ތަރަހައިގެ ތެރެއިން ރިޒަވޭޝަންތަކެއް ހިމަނައިގެންނެވެ. އެއީ އެ މުއާހަދާގެ 18 ވަނަ މާއްދާ ކަމަށްވާ ދީނީ މިނިވަންކަމާ ގުޅޭ މާއްދާ އެވެ. އެ މުއާހަދާގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖެއިން އެއްވެސް ރިޒަވޭޝަނެއް ކަނޑައަޅާފައި ނުވާ ފުރިހަމައަށް އަމަލުކުރަން ޖެހޭ މާއްްދާ އެކެވެ.
އދ. ގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، އެމެރިކާ އަދި އިނގިރޭސިވިލާތުން ވެސް ވަނީ އެ ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)، އަދި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް މި ގާނޫނު އަނބުރާ ގެންދިޔުމަށް ގޮވާލާފަ އެވެ.
ނަމަވެސް، އެ ގާނޫނުގެ ދިފާއުގައި ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ބޭރު ގައުމުތަކަށް މުއިއްޒު ސަރުކާރުގެ ވަފުދެއް އަންނަނީ ދަތުރު ކުރަމުންނެވެ. ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި ޓެކްސް ފައިސާއިން ބޮޑެތި މުސާރަ ނަގާ ސިޔާސީ މުވައްޒަފުންނަށް ވެސް ވަނި އެ ގާނޫނުގެ ދިފާއުގައި ވާހަކަ ދެއްކުމަށް އަންގާފަ އެވެ.
ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ބުރޫ އަރާތީ ބޭރުގެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ނުބައްލަވާނެ ކަމަށް މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
"މި ގައުމަކު ނުކުރެވޭނެ އެކަމެއް. އެކަން ކުރަން ކޮންމެ ތާކުން ކޮންމެ ކަހަލަ ބަޔާނެއް ހިފައިގެން އަޔަކަސް އަޅުގަނޑަށް ފަރުވާލެއް ނެތް އެކަމަކަށް،" ވ. ފެލިދޫގައި މުއިއްޒު ވިދާޅުވި އެވެ.
Comment