Advertisement

މީޑިއާގެ މިނިވަންކަން ރައްކާތެރި ކުރެވޭ ގޮތަށް ގާނޫނު ތަންފީޒު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފި

25 ސެޕްޓެންބަރު 2025 - 14:16 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިނިވަން މީޑިއާ ނައްތައިލުމަށް ފާސްކުރި ގާނޫނު މަޖިލީހަށް ބަލައިގަތުމާ ގުޅިގެން މުލިއާގޭ ދޮށުގައި ނޫސްވެެރިން ކުރި މުޒާހަރާގެ ތެރެއިން -- ފޮޓޯ: އަތޫފް އާތިފް / އަދަދު


މީޑިއާގެ މިނިވަންކަން ރައްކާތެރި ކުރެވޭ ގޮތަށް ގާނޫނު ތަންފީޒު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ގޮވާލައިފި

25 ސެޕްޓެންބަރު 2025 - 14:16 1

މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރި ކުރެވޭ ގޮތަށް މިނިވަން މީޑިއާ ނައްތާލުމަށް ސަރުކާރުން ހެދި ކޮންޓްރޯލް ގާނޫނު ތަންފީޒު ކުރުމުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.

އަވައްޓެރި ސްރީލަންކާގައި ހުންނަ އީޔޫގެ އޮފީހުން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މިނިވަން މީޑިއާ ނައްތައިލުމަށް ހެދި ގާނޫނު މަޖިލީހުން ފާސްކުރި ގޮތާއި އެ ގާނޫނުގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ކޮށްފާނެ އަސަރު އެ ޔޫނިއަނުން ބަލާފައިވާ ކަމަށެވެ.

އެގޮތުން އެކަންކަން ދެނެގަތުމަށްޓަކައި ދިވެހި ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ވަރަށް ބޮޑަށް ބެލި ކަމަށް މިދިޔަ ހުކުރު ދުވަހު އީޔޫއިން ކުރި ޕޯސްޓުގައި ބުންޏެވެ.

"ޑިމޮކްރެސީގެ މައިގަނޑު ބިންގާތަކުގެ ގޮތުގައި އިންސާނީ ހައްގުތަކާ ގުޅޭ އެއްބަސްވުންތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމާއެކު މީޑިއާގެ މިނިވަންކަމާއި މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގު ރައްކާތެރި ކުރެވޭ ގޮތަށް މި ގާނޫނު ތަންފީޒު ކުރުމަކީ މުހިންމު ކަމެކެވެ،" އީޔޫއިން ކުރި ޕޯސްޓުގައި ބުންޏެވެ.

އީޔޫއިން މިފަދަ ޕޯސްޓެއް ކޮށްފައިވާއިރު، މިނިވަން މީޑިއާ ނެތިކޮށްލަން ފާސްކުރި ގާނޫނާ ގުޅިގެން އެމެރިކާ އާއި އިނގިރޭސިވިލާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން މީޑިއާ ކޮންޓްރޯލް ބިލު މަޖިލީހުން ފާސްކުރި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގު ދިނުމަށް ރާއްޖެއަށް ގޮވާލާ ކަމަށެވެ.

"ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާނެ. ދިވެހިރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް އަޅުގަނޑުމެން ގޮވާލަނީ ތަފާތު އަދި އިދިކޮޅު ހިޔާލުތައް ފާޅު ކުރުމުގެ ހައްގަށް ހުރަސް ނޭޅުމަށް،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އޭގެފަހުން އެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިނގިރޭސިވިލާތުގެ ހައިކޮމިޝަނުގެ ރަސްމީ އެކްސް އެކައުންޓުން ހުކުރު ދުވަހު ކުރި ޕޯސްޓެއްގައި ބުނީ މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ މުހިންމު އަސާސެއް ކަމަށް ދެ ގައުމުގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އެގޮތުން

މިސާލު ދައްކަމުން އެ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ރިއާޔަތްކުރީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަމޯއާގައި ބޭއްވި ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ މެދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ބައްދަލުވުމަށެވެ. އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ މިނިވަންކަން ނެގެހެއްޓުމަށް މެންބަރު ގައުމުތަކުން އެއްބަސްވެ އަހުދުވި އެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.

އެ ދުވަހު ވީ އެއްބަސްވުމަށް ގަދަރުކޮށް މިނިވަން ނޫސްވެރިކަން ނެގެހެއްޓުމަށް، ރާއްޖެ ހިމެނޭހެން ކޮމަންވެލްތުގެ ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް އިނގިރޭސިވިލާތުގެ ހައިކޮމިޝަނުން ގޮވައިލި އެވެ.