Advertisement

މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކުރަން ރާއްޖޭގެ ވަފްދެއް ބޭރުގައި

25 ސެޕްޓެންބަރު 2025 - 11:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކުރަން ސަރުކާރުގެ ވަފްދު ސްރީލަންކާގެ ނޫސްވެރިންނާ ބައްދަލުކުރެއްވުން


މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކުރަން ރާއްޖޭގެ ވަފްދެއް ބޭރުގައި

25 ސެޕްޓެންބަރު 2025 - 11:54 0

މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއު ކުރުމަށް ރާއްޖޭގެ ވަފްދެއް ސްރީލަންކާގައި ހަރަކާތްތެރިވުމަށްފަހު އިންޑިއާއަށް ގޮސްފި އެވެ.

އަދަދު އަށް އެކި މަސްދަރުތަކުން ކަށަވަރު ކުރެވިފައިވާ ގޮތުގައި ސަރުކާރުގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ ފޮރިން މިނިސްޓްރީ އާއި އެޓާނީ ޖެނެރަލް އޮފީސް އަދި ރައީސް އޮފީހުގެ ބޭފުޅެކެވެ.

މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކުރަން ބޭރަށް ދިޔަ ވަފްދުގައި ހިމެނޭ ބޭފުޅުން:

  • އަހުމަދު ޝިޔާން - ފޮރިން މިނިސްޓްރީގެ މަލްޓިލެޓަރަލް ޑިޕާޓްމަންޓް ހެޑް
  • މާޒިޔާ އަބްދުއް ސައްތާރު - އޭޖީ އޮފީހުގެ ސްޓޭޓް ކައުންސިލް
  • ނަޝީތާ ނަޝީދު - ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް

އެ ވަފްދުގެ ބޭފުޅުން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއު ކުރުމުގެ ގޮތުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ލަންކާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވާފަ އެވެ.

އެ މައުލޫމާތުތަކަށް ބިނާކޮށް ލަންކާގެ ނޫސްތައް ކަމަށްވާ ކޮލޮމްބޯ ގެޒެޓް އަދި ޑެއިލީ މިރާގައި މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކޮށް ހަބަރުތައް ޝާއިއުކޮށްފައިވެ އެވެ. އެ ހަބަރުތައް އެ ނޫސްތަކުގައި ޖަހާފައި ވަނީ ސަރުކާރުން ފައިސާ ދީގެން ކަމަށް ވެސް އަޑުތައް ވަނީ ފެތުރިފަ އެވެ.

ކޮލޮމްބޯގައި ނޫސްވެރިންގެ އިތުރުން އެކި މިޝަންތަކާ ވެސް ސަރުކާރުގެ ވަފްދުން ބައްދަލުކުރެއްވުމަށްފަހު މިހާރު ވަނީ އިންޑިއާގެ ދިއްލީއަށް ވަޑައިގެންފަ އެވެ.

ދިއްލީގައި ވެސް ނޫސްވެރިންގެ އިތުރުން އެކި މިޝަންތަކާ ސަރުކާރުގެ ވަފްދުން ބައްދަލުކުރައްވައި މީޑިއާތައް ކޮންޓްރޯލްކުރާ ގާނޫނު ދިފާއުކޮށް މައުލޫމާތުތައް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިނިވަން މީޑިއާތައް ނެތިކޮށްލާ، މިނިވަން ހިޔާލާއި ފިކުރުގައި ތަޅު އަޅުވާ ގާނޫނާއި ގުޅޭގޮތުން އަލްޖަޒީރާފަދަ މަގުބޫލުފަދަ ބޭރުގެ ގިނަ ނޫސްތަކުން ވަނީ އެއަށް ފާޑުކިޔާފަ އެވެ. އެގޮތުން ސަރުކާރުން އަންނަނީ އެ ގާނޫނަކީ ރަނގަޅު ގާނޫނެއް ކަމަށް ބުނެ، އެ ގާނޫނު ދިފާއުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

މީޑިއާތައް ކޮންޓްރޯލްކުރަ ބިލު ފާސްކުރި ދުވަހު މަޖިލިސް ދޮށަށް ނޫސްވެރިން އެއްވެ ކުރި މުޒާހަރާގެ ވާހަކަ އާއި އެ މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާކުރި ވާހަކަ އޭޝިއާ، އެމެރިކާ، އަދި ޔޫރަޕުގެ ބައެއް ނޫސްތަކުން ގެނެސްދިނެވެ.

އޭގެ އިތުރުން އެ ދުވަހު ހިނގި ކަންކަން ބޭރުގެ ނޫސްވެރިން ވެސް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި އެކި ޕޯސްޓުތައް ކޮށްފައިވެ އެވެ.

މީޑިއާތައް ކޮންޓްރޯލްކުރާ ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ބިލު ތަސްދީގު ނުކުރަން ގޮވާލާފައި އޮއްވަ އެވެ.