Advertisement

މަސް މާރުކޭޓުގެ މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމައެއް ނުވި!

25 ސެޕްޓެންބަރު 2025 - 13:28 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ ރޯމަސް މާރުކޭޓު -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


މަސް މާރުކޭޓުގެ މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމައެއް ނުވި!

25 ސެޕްޓެންބަރު 2025 - 13:28 0

މާލޭގެ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހެދި މައްސަލަ ތާވަލު ކުރުމުން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހިއްޖެ އެވެ.

ރޯމަސް މާރުކޭޓު ތަރައްގީ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް ބަޔަކާ ހަވާލު ކުރި މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، މުހައްމަދު ސައިފް ފާތިހު އެވެ.

މިއީ އެ މައްސަލަ ތާވަލު ކުރުމުން ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުނު ތިންވަނަ ޖަލްސާ އެވެ.

މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅުއްވާފައި އޮތީ ރޯމަސް މާރުކޭޓު ތަރައްގީ ކުރުމުގެ މަޝްރޫއުއާ ގުޅޭގޮތުން ކޮށްފައިވާ އެގްރީމެންޓަށް ގެނެވިފައިވާ ބަދަލުތަކާއި ގުޅޭގޮތުން އެ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް ކައުންސިލް ޖަލްސާއަށް ހާޒިރުކޮށް ކަން ހިނގާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމަށެވެ.

އަދި އެ ކަމާ ގުޅިގެން އޭނާއާ ދޭތެރޭގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ވެސް މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅުއްވާފައި އޮތެވެ.

މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލް ކުރަން ޖެހުމާ ގުޅިގެން ސައިފް އަދަދު އަށް ވިދާޅުވީ މިއަދުގެ ޖަލްސާގެ ކޯރަމް ނަގައިލީ ޕީއެންސީ ކައުންސިލަރުން ރާވައިގެން ގަސްތުގައި ކަމަށެވެ.

"މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ނުފެށުނު، މިއީ މާލޭގެ މަސް މާރުކޭޓު އެގްރީމެންޓު ވަގަށް ބަދަލުކުރި ކަމަށް މޭޔަރު ވިދާޅުވެގެން އެކަން ބަލައި މަޝްވަރާއަށް މައްސަލަ އެޖެންޑާ ކުރަން އަޅުގަނޑު ހުށަހެޅުމުން ކޯރަމް ނަގައިލި ތިން ވަނަ ޖަލްސާ،" ސައިފް ވިދާޅުވި އެވެ.

"ކޯރަމް ނަގައިލީ ގަސްތުގައި، ޕީއެންސީ އޮފީހަށް ގެންގޮސް އަންގައިގެން ރޭގައި."

މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާ ކެންސަލް ކުރީ އެ ޖަލްސާ ފަށަން އޮތް ވަގުތު ފާއިތުވެގެންދިޔައިރު ވެސް ކައުންސިލުގެ ކޯރަމް ހަމަ ނުވުމުންނެވެ. މާލެ ސިޓީ ކައުންސިލުގައި މާލޭގެ 18 ދާއިރާގެ ކައުންސިލަރުންނާއި މޭޔަރު ހިމެނޭހެން 19 ބޭފުޅުން ތިއްބަވަ އެވެ. މާލެ ސިޓީ ކައުންސިލުގެ ކޯރަމް އަކީ 10 ބޭފުޅުންނެވެ.

މާލޭ މަސްމާރުކޭޓު ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައި ބަޔަކާ ހަވާލު ކޮށްފަ އެވެ.

ނަމަވެސް މުއިއްޒު ރައީސްކަމަށް އިންތިހާބުވެ، މޭޔަރު ކަމަށް އާދަމް އާޒިމް އިންތިހާބުވުމުގެ ކުރިން އެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކާ މަސްމާރުކޭޓު އޮތީ ހަވާލު ކޮށްފަ އެވެ. ފަހުން ހަދާފައިވާ އެއްބަސްވުމުގެ އަގަކީ 9.5 މިލިއަން ޑޮލަރެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި އޮތީ ކައުންސިލުގެ ލީގަލް ސެކްޝަނުގެ ވެރިޔާ، އަލީ ނަސީރު ގާސިމް އެވެ.

އެ ދެ އެއްބަސްވުމުގެ ތެރެއިން ސައްހަ އެއްބަސްވުމަކީ ކޮބައިކަން ނޭނގޭ ކަމަށް މީގެ ކުރިން ބޭއްވި މާލެ ސިޓީ ކައުންސިލުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވެފައިވެ އެވެ.

މަސް މާރުކޭޓު މައްސަލައިގެ އިތުރުން މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރަން އިއުލާނުކުރި 4000 ފްލެޓު އޭގެ ހައްގުވެރިންނަށް ހަވާލު ކުރުން ލަސްވަމުންދާ މައްސަލަ ވެސް މިއަދުގެ ޖަލްސާއަށް ސައިފް ހުށަހަޅުއްވާފައި އޮތެވެ. ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން އެ މައްސަލަ ވެސް މިއަދު ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.