25 ސެޕްޓެންބަރު 2025 - 10:44 0
ލީވާން އަލީ ނާސިރު
އޭސީސީގެ ރައީސް ޝާމިލް ރައީސް މުހައްމަދު މުއިއްޒާ ސަލާމްކުރައްވަނީ: ފަނޑިޔާރުން ސަސްޕެންޑުކުރީ އޭސީސީން މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ ފޮނުވި ސިޓީއަކާ ގުޅުވާ --- ފޮޓޯ: ރައީސް އޮފީސް
25 ސެޕްޓެންބަރު 2025 - 10:44 0
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލައި ވަކިކުރަން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ 130 ދުވަސްވީއިރު ވެސް އޭސީސީގެ ތަހުގީގު ކޮޅެއްގައި ނުޖެއްސުނެވެ.
އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއްސުއޫދުގެ މައްސަލަ ވެސް އޭސީސީން ބަލަން ފެށި އެވެ. ޖޭއެސްސީން ހުސްނުއްސުއޫދުގެ މައްސަަ ތަހުގީގުކުރުން ހުއްޓާލީ، ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ބިރުދައްކަވާ ކަމަށް ވިދާޅުވެ، އޭނާ އިސްތިއުފާދެއްވުމުންނެވެ.
އޭސީސީން ބަލަމުންދާ ކުރީގެ ތިން ފަނޑިޔާރުންގެ މައްސަލައާ ގުޅޭގޮތުން ބަހެއް ހޯދުމަށް އަދަދު އިން އެ ކޮމިޝަނުގައި ތަކުރާރުކޮށް އެދުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މީގެ ކުރިން ވެސް އޭސީސީން ވަނީ މި މައްސަލައިގައި އެއްވެސް މައުލޫމާތެއް ހާމަކުރަން ދެކޮޅު ހަދާފަ އެވެ.
އޭސީސީން މައްސަލައެއް ބަލާތީ ކަމަށް ބުނެ ސަސްޕެންޑުކުރި ނަމަވެސް، އެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީއިން ނިންމީ، ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި މައްސަލައެއްގަ އެވެ. މި މައްސަލައިގައި ފަނޑިޔާރުން ވަނީ ދިފާއީ ހެކި ބަލައިނުގަތުމަށް ނިންމުމުން ކަންބޮޑުވުން ފާޅުކޮށް، އެކަން ގާނޫނާ ހިލާފު ކަމަށް ވިދާޅުވެފަ އެވެ.
ފަނޑިޔާރުންގެ މައްޗަށް ހިންގި ތަހުގީގުގައި، ގާނޫނުގައި ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ، ފަނޑިޔާރުން ވަކި ކުރަން ސަރުކާރުން އޭރު ކުރި މަސައްކަތް މަޑުޖައްސާލައި، ފަނޑިޔާރުންނަށް ދިފާއުވުމުގެ ފުރުސަތު ދިނުމަށްފަހު، އަދުލު އިންސާފު ގާއިމް ކުރުމުގެ އިޖުރާއަތްތަކަށް ބޯލެނބުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލް، އދ. އަދި ބައިނަލްއަގުވާމީ ގިނަ ޖަމާއަތްތަކުން ގޮވާލާފައި އޮއްވަ އެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން އޭރު ބަލަން ފަށާފައި އޮއްވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތައް ވަކިކުރި ފަހުން އަދި ސުއޫދު އިސްތިއުފާދެއްވި ފަހުން އެ ކޯޓަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފަ އެވެ. އެގޮތުން އެ ކޯޓަށް އައްޔަން ކުރައްވާފައިވަނީ މުހައްމަދު ސަލީިމާއި އަބްދުﷲ ހަމީދެވެ. އޭގެއިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާ ރިޓަޔާކުރެއްވުމުން އެ މަގާމަށް އަބްދުލްޣަނީ މުހައްމަދު ވަނީ އައްޔަންކުރައްވާފަ އެވެ.
Comment