25 ސެޕްޓެންބަރު 2025 - 08:12 0
މުހައްމަދު ޝަހްޒާން
އާރުސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު، ނާޒިމް، ރައީސް މުއިއްޒު، މިނިސްޓަރު އާދަމް ޝަރީފު
25 ސެޕްޓެންބަރު 2025 - 08:12 0
އާންމުކޮށް އިއުލާނު ނުކޮށް، އިންތިހާއަށް އަގުބޮޑުކޮށް ކައުންސިލް އިމާރާތްތައް އަޅަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއިލީ ކުންފުނި، އާރުސީސީއާ ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން ދާއިރު ވެސް އެ އިމާރާތްތަކުގެ ބިންގާ އެޅުން ހުއްޓުމެއް ނެތި ކުރިއަށް އެބަ ގެންދެ އެވެ.
ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިމާރާތްތަކެއް އަޅަން އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާ އަށެވެ. އޭގެ ތެރޭގައި ގިނައީ އެއް ބުރީގެ ތަންތަނެވެ. މި މަޝްރޫއުގެ އިމާރާތެއްގެ އެވްރެޖް އަގަކީ 11.5 މިލިއަން ރުފިޔާ އެވެ.
އާންމުކޮށް އިއުލާނު ނުކޮށް އަދި އަގުބޮޑުކޮށް މަޝްރޫއު ހަވާލުކުރި މައްސަލަ ނޫސްތަކުން ލިޔަން ފެށި ފަހުން، އެ މައްސަލަ ބަލަމުންދާ ކަމަށް އޭސީސީން ހާމަކުރި އެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިހާރު ރަށްރަށަށް ކުރައްވަމުން ދަތުރުގައި އިއްޔެ ވެސް ތ. ކަނޑޫދޫ، ތ. ހިރިލަންދޫ، އަދި ވަންދޫގެ ކައުންސިލް އިމާރާތުގެ ބިންގާ އެޅި އެވެ.
އޭގެ ކުރިން މި ދަތުރުގައި ވ. ކެޔޮދޫ، ފ. މަގޫދޫ، ފ. ނިލަންދޫ، މ. ވޭވަށް، މ. ނާލާފުށީ ކައުންސިލް އިމާރާތުގެ ބިންގާ އަޅާފައިވެ އެވެ.
ކައުންސިލް އިމާރާތްތައް އަޅަން އާރުސީސީއާ ހަވާލުކުރީ އެ މަސައްކަތް ކުރިން ހަވާލުކުރި މެލޭޝިއާގެ ކުންފުންޏަކާއެކު ވީ އެއްބަސްވުން ބާތިލުކުރުމަށް ފަހު އެވެ.
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް އިން ކޮންސްޓްރެކްޓާ ފައިނޭންސިންގެ އުސޫލުން 55 ރަށެއްގައި ކައުންސިލު އޮފީސް އިމާރާތްތައް އަޅަން ސޮއިކުރީ، މި އަހަރުގެ ޖެނުއަރީ 20، ގަ އެވެ. އެ އެއްބަސްވުން ފަހުން ބާތިލުކުރީ ކުންފުނިން ހަބަރެއް ނުވެގެން ކަމަށް ބުނެފަ އެވެ.
އެއްބަސްވުން ބާތިލުކުރުމަށްފަހު ސަރުކާރާއި ގާތް ގުޅުމެއް އޮންނަ ނާޒިމްގެ ކުންފުންޏަށް މަޝްރޫއު ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ ޖުލައި މަހު އެވެ. އެއްބަސްވުމަކަށް އައިސް ސޮއިކުރީ އޮގަސްޓް 16، ގަ އެވެ.
އާރުސީސީއަކީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ ބައްޕަ އާއި ނާޒިމްގެ ބައްޕަ އުފެއްދެވި ކުންފުންޏެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އުޝާމްގެ ބައްޕަ، އިބްރާހިމް ރަޝީދު އެވެ.
މި މަޝްރޫއު ހަވާލުކުރީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން، 5 އަހަރުން އަނބުރާ ފައިސާ ދައްކާ ގޮތަށް ކަމަށް އާރުސީސީން ބުނި ނަމަވެސް، މަޝްރޫއުގައި ސޮއިކުރި ފަހުން ސަރުކާރުގެ ގެރެންޓީއާއެކު، ބީއެމްއެލްއިން އާރުސީސީއަށް ބޮޑު ލޯނެއް ދޫކުރަން އެއްބަސްވެފައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އާރުސީސީއަށް ބީއެމްއެލްއިން ދޭން އެއްބަސްވީ 29 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެއީ ބްލެކްމާކެޓުގެ ރޭޓުން ނަމަ 580 މިލިއަން ރުފިޔާ އެވެ.
މި ލޯނާ ގުޅޭ ގޮތުން ބީއެމްއެލް އަދި އާރުސީސީން ވެސް ރަސްމީކޮށް ބަހެއް ނުބުނެވެ.
ކޮރަޕްޓްވުމަކީ ރަނގަޅު ގޮތް ދޫކޮށްލައި އިންސާފާއި ހަމަ އިން އެއްކިބާވެ، ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެ އުސޫލުން، ކޮރަޕްޝަންގެ އެއްވެސް އަމަލެއް މި ސަރުކާރުން ނުހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަރުވާ ޔަގީންކަމަކީ އަޅުގަނޑުމެންގެ ސަރުކާރު ކޮރަޕްޓް ނުވެ ހިންގާނަން ކަން، އެފަދަ ކަމެއް ހިންގާކަން ސާބިތުވެއްޖެނަމަ އަޅަންޖެހޭ ގާނޫނި ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެކަން، ހިޔާލު ތަފާތުވުމެއް އެކަމުގައި ނޯންނާނެކަން," ރައީސް ކަމުގައި 2023 ވަނަ އަހަރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
Comment