Advertisement

އާ އިސްލާހުތަކުގެ ސަބަބުން ކައުންސިލަށް މުވައްޒަފުން ނުނެގި ފޭދޫގެ މިސްކިތްތައް ނުބެލެހެއްޓޭ ހިސާބަށް

23 ސެޕްޓެންބަރު 2025 - 20:44 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ށ. ފޭދޫގެ މަގެއް މަތިން ނަގާފައިވާ ފޮޓޯއެއް: އެ ރަށު ކައުންސިލަށް މުވައްޒަފުން ނުނެގި މިސްކިތްތައް ނުބެލެހެއްޓޭ ހިސާބަށް ވަނީ ގޮސްފަ ---- ފޮޓޯ: އަދަދު


އާ އިސްލާހުތަކުގެ ސަބަބުން ކައުންސިލަށް މުވައްޒަފުން ނުނެގި ފޭދޫގެ މިސްކިތްތައް ނުބެލެހެއްޓޭ ހިސާބަށް

23 ސެޕްޓެންބަރު 2025 - 20:44 1

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ސަބަބުން ށ. ފޭދޫ މިސްކިތްތައް ނުބެލެހެއްޓޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ބަޔާނެއް ނެރެފި އެވެ.

އާ އިސްލާހުގެ ސަބަބުން ކައުންސިލުގެ ދައުރު ހަމަވާން އެއް އަހަރަށްވުރެ ކުރު މުއްދަތެއް އޮވެއްޖެ ނަމަ އިތުރަށް މުވައްޒަފުންނެއް ނުނެގެ އެވެ. މިކަމުގެ ސަބަބުން އެ ރަށު މިސްކިތްތައް ބެލެހެއްޓުމަށާއި ކުނި މެނޭޖްކުރުމަށް މުވައްޒަފުން ނުނެގި ދަތިތަކާ ކުރިމަތިވެފައިވާކަން ފޭދޫ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

އިސްލާހާއެކު ދެން ކައުންސިލަށް މުވައްޒަފުން ނެގޭނީ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭ ފިނޭންސް މިނިސްޓްރީން ހަދާ އުސޫލެއްގެ ދަށުން ކަމަށް ބުނެފައިވެ އެވެ. ފޭދޫ ކައުންސިލުން ބުނެފައިވަނީ އެ މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް ފިނޭންސުން އެ އުސޫލު ހިއްސާކޮށްފައި ނުވާ ކަމަށެވެ.

"މިސްކިތްތައް ބެލެހެއްޓުމަކީ ގާނޫނަކުން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަމަކަށް ވީހިނދު މިސްކިތްތަކުގެ ހުސްވާ މަގާމުތަކަށް މީހުން ނުނެގި މިސްކިތްތައް ނުބެލެހެއްޓޭ ހިސާބަށް ދިޔުމަކީ މި ކައުންސިލުން ނުހަނު ހިތާމަކުރާ ކަމެއް،" ފޭދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ތިބި މުވައްޒަފުންގެ ތެރެއިން ހުސްވާ މަގާމުތަކަށް މީހުން ނުނެގޭނަމަ އެ ހިދުމަތް ހުއްޓާލަން ޖެހުމުގެ ބިރު އޮތް ކަން ވެސް އެ ރަށު ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ މަހު ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުގައި ވާގޮތުން ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގޭނެ އެވެ. އަދި ކައުންސިލެއްގެ އުމުރުގައި ބާކީ އަހަރެއް އޮތް ނަމަ ކައުންސިލުގެ އިހުތިސާސްގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުއްޔަށް ދޫކުރުން ވެސް މަނާވާނެ އެވެ.

މަރުކަޒީ ގާނޫނު ބަދަލުކޮށް ލޯކަލް ކައުންސިލުތަކުގެ ބާރު ހަނި ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ބިލާ ދެކޮޅަށް ގާތްގަނޑަކަށް 100 ކައުންސިލުން އަދި އެމްޑީޕީން ބަޔާން ނެރި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން ފޭދޫގެ އިތުރުން ށ. ކަނޑިތީމުގެ ކުނިކޮށްޓާއި ގަބުރުސްތާނު އަދި އިޖުތިމާއީ ސަރަހައްދުތައް ސާފު ކުރަން މުވައްޒަފުން ނެގުމުގެ މަސައްކަތް ވެސް ހުއްޓުފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެ އެވެ.

އަދި، ތ. ވަންދޫގެ މިސްކިތަކަށް މުވައްޒަފުން ނެގުމާއި އެ ރަށު ޕްރީ ސްކޫލަށް ޓީޗަރެއް ނެގުމުގެ މަސައްކަތް ހުއްޓިއްޖެ ކަމަށް އެ ރަށުން ވެސް ބުނެފައިވެ އެވެ.