Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ގަދަ 16 ގެ ފަހު ޖާގަތައް ކުޅިވަރު ވުޒާރާ، ހާރިޖީ، ތައުލީމީ ގުޅުން އަދި ސިޓީ ކައުންސިލަށް

23 ސެޕްޓެންބަރު 2025 - 13:06 0


ކްލަބް މޯލްޑިވްސް ކްލަސިކް: ގަދަ 16 ގެ ފަހު ޖާގަތައް ކުޅިވަރު ވުޒާރާ، ހާރިޖީ، ތައުލީމީ ގުޅުން އަދި ސިޓީ ކައުންސިލަށް

23 ސެޕްޓެންބަރު 2025 - 13:06 0

ކްލަބް މޯލްޑިވްސް ކްލަސިކްގެ ގަދަ 16 ބުރުގެ ފަހު ޖާގަތައް، އެންމެ ފަހުގެ ޗެމްޕިއަން، ކުޅިވަރު ވުޒާރާގެ އިތުރުން ހާރިޖީ އާއި ތައުލީމީ ގުޅުން އަދި މާލެ ސިޓީ ކައުންސިލުން ހޯދައިފި އެވެ.

އެ ގޮތުން، ގަދަ 16 ބުރުގެ މެޗުތައް، މާދަމާރޭ އާއި ބުރާސްފަތި ދުވަހުގެރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ކުރިމަތިލުންތަކެއް އެ ބުރުގައި ކުޅެން ޖެހެ އެވެ.

ރޭގެ މެޗުތަކާ އެކު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ވަނީ ނިމިފަ އެވެ. ރޭ ކުރިއަށްދިޔައީ، ގްރޫޕް ޖީގެ ދެ މެޗާއި ގްރޫޕް އެފް އާއި އެޗްގެ ދެ މެޗެވެ. ގްރޫޕް އެފްގައި ހާރިޖީން ވަނީ ފަހަތުން އަރައި 2-1 އިން ޓީމު ދަރުމަވަންތަ ބަލިކޮށްފަ އެވެ. އަދި، މި ގްރޫޕްގެ އެއް ވަނަ ހޯދި ކުޅިވަރު ވުޒާރާއިން ވަނީ 6-4 އިން އެމްސީއެލްޕީ ބަލިކޮށްފަ އެވެ.

ދަރުމަވަންތަގެ ހަސަން ހަލީމް ލީޑުނަގައިދީފައިވަނިކޮށް، ހާރިޖީން ނަތީޖާ އަނބުރާލީ، ލައިޒާން މުހައްމަދު އާއި އަހުމަދު މައީޝް މުހައްމަދު ޖެހި ގޯލުންނެވެ. ކުޅިވަރު ވުޒާރާ އަށް ރޭގެ މެޗުގައި، ނާއިފް ޝަފީގު (ސީއާރް3) ހަތަރު ގޯލު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ އާލިމް އަބްދުލް ގައްޔޫމް އަދި އަލީ ފިރާޝް އެވެ. އެމްސީއެލްޕީގެ ލަނޑުތައް ޖެހީ، އަބްދުލް ރަހުމާން ޝައްފާފު ޝާހު، ޖަޒްލާން މާހިރު، އަހުމަދު އަތީފް އަދި އަލީ ރިޒާ އެވެ.

އެ ގޮތުން، ގްރޫޕް ޖީގައި ރޭ ކްރިމިނަލް ކޯޓު އަތުން 2-1 އިން މީރާ ބަލިވިއިރު، އެ ގްރޫޕްގެ އަނެއް މެޗުން، ޕީއެސްއެމް އަތުން ތައުލީމީ ގުޅުން ވަނީ، 8-4 އިން ބަލިވެފަ އެވެ. ތައުލީމީ ގުޅުން އަނެއް ބުރަށް ދިޔައީ ޖެހި ގޯލަށް ބަލައިގެންނެވެ.

ކްރިމިނަލް ކޯޓަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޝަފްރާޒް އެވެ. މީރާގެ ހަމައެކަނި ލަނޑު ޖެހީ އަބްދުލް ރަހުމާން ތިބްޔާން އަލީ ސައީދު އެވެ. ތައުލީމީ ގުޅުމުގެ ލަނޑުތައް ޖެހީ، މުހައްމަދު އިކުރާމް ހަތަރު ގޯލާއި އަލީ އިފުރާދު ދެ ގޯލާއި މޫސާ ސުހައިލް އަދި މުހައްމަދު ފިޒަލް ގޯލެކެވެ. ޕީއެސްއެމްގެ ލަނޑުތައް ޖެހީ، ހުސެއިން ހަމީދު، އަބްދުﷲ ލަބީދު، ރިމާހު އަހުމަދު އަދި ހުސެއިން އަމީން ނަސީރު އެވެ.

ގްރޫޕް އެޗްގެ އެއް ވަަނަ ހޯދި އެމްއެމްއޭ އިން ވަނީ ރޭ 9-0 އިން ވިޔަރެސް ބަލިކޮށްފަ އެވެ. އެމްއެމްއޭގެ ލަނޑުތައް ޖެހީ، އުނައިސް ޒުބައިރު, އަލީ ޔަޒީދު، މުުހައްމަދު ފައިޒާމް، އަހުމަދު ފާރިޝް އަދި މުހައްމަދު އައްފާން އެވެ. މީގެ ތެރެއިން އުނައިސް އާއި ޔަޒީދު ގިނަ ލަނޑު ޖެހި އެވެ. މި ގްރޫޕްގެ އަނެއް މެޗުން ސިޓީ ކައުންސިލުން ވަނީ 4-2 އިން ޕެމާ ބަލިކޮށްފަ އެވެ. ޕެމާގެ ލަނޑުތައް ޖަހައިިދިނީ، އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ސިޓީ ކައުންސިލުން ޖެހީ، އިބްރާހިމް އަގީލް ދެ ގޯލާއި އަބްދުﷲ މުއާޒް (އޮޓޯ) އަދި، އިބްރާހިމް އިލާން އިސްމާއިލް އެވެ.

ގަދަ 16 ބުރުުގެ މެޗުތައް

ޓްރާންސްޕޯޓް - އެޗްޕީއެސްއެން

ޑީޖޭއޭ - ހާރިޖީ

ބަދަހި - ތައުލީމީ ގުޅުން

ހުޅުމާލެ ހޮސްޕިޓަލް - ޓީމު އެމްސީސީ

ބިނާރާ - ކްލަބް 220

ކުޅިވަރު ވުޒާރާ - ފިނޭންސް

ކްރިމިނަލް ކޯޓު - ފިޝަރީސް

އެމްއެމްއޭ - ކްލަބް ބީސީސީ