22 ސެޕްޓެންބަރު 2025 - 16:11 0
22 ސެޕްޓެންބަރު 2025 - 16:11 0
ދުނިޔޭގެ ރޭންކިން 56 ވަނައިގައި އޮތް މިޔަންމާއާ ދެކޮޅަށް އެ ގައުމުގައި، ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ރަނގަޅު ވާދައެއް ކޮށްފި އެވެ.
މިޔަންމާގައި ކުޅުނު މި މެޗުން ރާއްޖެ ބަލިވީ 7-3 އިންނެވެ. މިއީ، މިދިޔަ ދެ ފަހަރުގެ ކޮލިފައިން އަށް ބަލާއިރު، ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނު އެއް މެޗެވެ. ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި، ރާއްޖޭން މިއަދު ކުޅުނީ މި ފަހަރުގެ ފަހު މެޗުގަ އެވެ. ފުރަތަމަ މެޗުން، ރާއްޖޭން ދުނިޔޭގެ 33 ވަނައިގައި އޮތް، އަފްގާނިސްތާން އަތުން ބަލިވީ 10-1 އިންނެވެ. އެންމެ ފަހުން ބޭއްވި، އޭޝިއަން ކަޕްގެ ހަތަރު ވަނަ ހޯދީ އަފްގާނިސްތާން އެވެ. މިޔަންމާ ވެސް ވަނީ އެންމެ ފަހުން ކުޅުނު އޭޝިއަން ކަޕްގައި ކުޅެފަ އެވެ. އޭޝިއަން ކަޕްގައި ކުޅެނީ އޭޝިއާގެ ގަދަ 16 ޓީމެވެ.
މިއަދުގެ މެޗުގައި، މިޔަންމާ އިން ފުރަތަމަ ދެ ގޯލުގެ ލީޑެއް ނެގި އެވެ. އެކަމަކު، ރާއްޖޭން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ، އިޝާން އިބްރާހިމް (ސައްޓު) އެވެ. އަފްގާނިސްތާން ކޮޅަށް ރާއްޖޭން ޖެހި ހަމައެކަނި ލަނޑު ވެސް ޖެހީ، ސައްޓު އެވެ. ރާއްޖެ އަށް އެއްވަރުކޮށްދިނީ، އަލީ ޝިޔާހު (ޝިޔަޅޭ) އެވެ. މިއީ، އަލީ ހާފިޒު (ހާއްޕެ) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކަށް އަރައި ޝިޔަޅޭ ޖެހި ގޯލެކެވެ.
އޭގެ ފަހުން، މިޔަންމާ އިން ކޮންޓްރޯލް ނަގައިގެން، މެޗުގައި ކުޅުނުއިރު، އިތުރު ފަސް ގޯލު ޖެހި އެވެ.
މިޔަންމާގެ ކީޕަރު ކުރިއަށް އަރައި، ހުރި ވަގުތު ރާއްޖޭގެ ފަހު ގޯޅު ޖެހީ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ.
ރާއްޖޭގެ ފުޓްސަލް މުބާރާތްތައް އާޓިފިޝަލް ޓާފުގައި ކުޅުމަށް ފަހު މުބާރާތަށް ގޮސް ކުޅެން ޖެހެނީ އިންޑޯގައި ކަމަށްވާތީވެ، އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ޓީމުގެ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ވަނީ ބުނެފަ އެވެ. މީގެ ކުރިން ސޯޝަލް އިންޑޯގައި ފުޓްސަލް ޓީމު ޕްރެކްޓިސް ކުރަން ލިބުނު ނަމަވެސް މި ފަހަރު އެކަން ހަމަޖެހޭ ގޮތެއްނުވި އެވެ. އެހެންކަމުން، ރާއްޖެ އަށް ވުރެން އެތައް ދަރަޖައެއް ރޭންކިން ރަނގަޅު ޓީމުތަކާ ދެކޮޅަށް މި ދެއްކީ ރަނގަޅު ހިތްވަރެކެވެ.
Comment