Advertisement

ކްލަބް މޯލްޑިވްސް ކްލަސިކް: ގަދަ 16 ބުރުގެ 12 ޖާގައެއް ޔަގީންވެއްޖެ

22 ސެޕްޓެންބަރު 2025 - 11:08 0


ކްލަބް މޯލްޑިވްސް ކްލަސިކް: ގަދަ 16 ބުރުގެ 12 ޖާގައެއް ޔަގީންވެއްޖެ

22 ސެޕްޓެންބަރު 2025 - 11:08 0

ކްލަބް މޯލްޑިވްސް ކްލަސިކްގެ ގަދަ 16 ބުރުން 12 ޖާގައެއް ޔަގީންވެފައިވާއިރު، ވަރުގަދަ ގިނަ ޓީމުތަކުން ވަނީ ނޮކައުޓް ބުރަށް ދަތުރުކޮށްފި އެވެ.

ޖުމްލަ އެކު، 32 ޓީމު ވާދަކުރާ ކްލަސިކްގެ ޓީމުތައް އަށް ގްރޫޕަކަށް ބަހާލައިފައިވާއިރު، ފަސް ގްރޫޕެއްގެ ހުރިހާ މެޗެއް ވަނީ ކުޅެ ނިމިފަ އެވެ.

ގަދަ 16 ބުރަށް ދަތުރުކޮށްފައިވާ ޓީމުތަކަށް ބަލާއިރު، ގްރޫޕް އޭ އިން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބާއި ކްލަބް 220، ގްރޫޕް ބީން ކްލަބް ޑީޖޭއޭ އާއި ފިނޭންސް ރެކްރިއޭޝަން ކްލަބް، ގްރޫޕް ސީން ޓީމު ބަދަހި އާއި ފިޝަރީސް ރެކްރިއޭޝަން ކްލަބް، ގްރޫޕް ޑީން ހުޅުމާލެ ހޮސްޕިޓަލް އާއި ކްލަބް ބީސީސީ، ގްރޫޕް އީން ކްލަބް ބިނާރާ އާއި އެޗްޕީއެސްއެން، ގްރޫޕް ޖީން ކްރިމިނަލް ކޯޓު އަދި ގްރޫޕް އެޗް އިން އެމްއެމްއޭ ސޯޝަލް ކްލަބް ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ.

ގްރޫޕް އޭގައި ޓްރާންސްޕޯޓުން ކުޅުނު ފަހު މެޗުގައި އެސްޑީއެފްސީ އަތުން މޮޅުވީ 3-1 އިންނެވެ. ޓްރާންސްޕޯޓުގެ ލަނޑުތައް ޖެހީ އިބްރާހިމް އަނާން އަލީ ދެ ގޯލާއި ރައުހާން ރިއްފަތު އެވެ. އެސްޑީއެފްސީގެ ލަނޑު ޖެހީ އަޔާޒް އަބްދުﷲ އެވެ. ކްލަބް 220 އިން 4-2 އިން އެގްރި ރެކްރިއޭޝަން ކްލަބް ބަލިކުރިއިރު، 220 ގެ ލަނޑުތައް ޖެހީ، އަންސަރު އިބްރާހިމް (އަންކޮ) ހެޓްރިކެއްގެ އިތުރުން މުހައްމަދު ނިޝާހު އެވެ. އެގްރިގެ ލަނޑު ޖެހީ އައިމަން އަބްދުލް ރަޝީދު ދެ ގޯލެވެ.

ގްރޫޕް ބީގެ ފަހު މެޗުތަކަށް ބަލާއިރު، ކްލަބް ޑީޖޭއޭ އިން ވަނީ 3-1 އިން އެމްއައިއޭއާރްސީން ބަލިކޮށްފަ އެެވެ. ޑީޖޭއޭގެ ލަނޑުތައް ޖެހީ އައްފާން ބިން އަހުމަދު ދެ ގޯލާއި، މުހައްމަދު އަޖުވަދު ސޮލާހު އެވެ. އެމްއައިއޭއާރްސީން ލަނޑުތައް ޖެހީ ރައުފަތު އަބޫބަކުރު އެެވެ. ފިނޭންސުން ވަނީ ހަސަން އަޒްވާންގެ ގޯލުން 1-0 އިން ޔޫތު ރެކްރިއޭޝަން ކްލަބް ބަލިކޮށްފަ އެވެ.

ގްރޫޕް ސީގައި ޓީމު ބަދަހިން ވަނީ ފަހު މެޗުގައި 2-0 އިން ދިވަރު ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ފިޝަރީސް އިން ވަނީ 6-1 އިން ފެހިފަހި ކްލަބް ބަލިކޮށްފަ އެވެ. ފިޝަރީސްގެ ލަނޑުތައް ޖެހީ، ހަސަން ޒާހިދު މުހައްމަދު ހަތަރު ގޯލާއި އަޔާން ހަސަން ޝަރީފް އާއި އިބްރާހިމް މިޒްޔާން ސޯލިހު ގޯލެކެވެ. ފެހިފަހި ކްލަބްގެ ލަނޑު ޖެހީ އިމްތިޝާލް އަބްދުލް ރަހީމް (ޕަބް) އެވެ.

ގްރޫޕް ޑީގެ ފަހު މެޗުތަކަށް އައިއިރު ވެސް ކްލަބް ބީސީސީ އާއި ހުޅުމާލެ ހޮސްޕިޓަލުން ވަނީ ގަދަ 16 ބުރަށް ދަތުރުކޮށްފަ އެވެ. އެ ދެ ޓީމު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެފަ އެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ދެ ގޯލު ޖެހީ ހަސަން ސޮލާހު ދެ ގޯލެވެ. އަދި، ބީސީސީގެ ލަނޑުތައް ޖެހީ، އަބްދުލް ރަހުމާން ސާމީ އަބްދުލް ރަހީމް އާއި މުހައްމަދު އީމާން އަހުމަދު އެވެ. މި ގްރޫޕްގެ އަނެއް މެޗުން ދާހިލީ ކްލަބުން ވަނީ 4-3 އިން ޓްރޭޑް ކްލަބް ބަލިކޮށްފަ އެވެ. ދާހިލީގެ ލަނޑުތައް ޖެހީ މުހައްމަދު ރިޝްމީ ހެޓްރިކެއްގެ އިތުރުން އަހުމަދު ޝަފްރާޒް މުހައްމަދު އެވެ. ޓްރޭޑުން ލަނޑުތައް ޖެހީ، މުހައްމަދު އަސީލް ދެ ގޯލާއި އަހުމަދު އާލިމް އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގައި ބާކީ އޮތް ހަ މެޗެވެ.