Advertisement

މަރުގެ އަދަބު ތަންފީޒުކުރަން މިހާރު ތާއިދެއް ނުކުރަން: ޔާމީން

22 ސެޕްޓެންބަރު 2025 - 07:38 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕީއެންއެފްއިން ބޭއްވި "ވޭކްއަޕް" ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަދަދު


މަރުގެ އަދަބު ތަންފީޒުކުރަން މިހާރު ތާއިދެއް ނުކުރަން: ޔާމީން

22 ސެޕްޓެންބަރު 2025 - 07:38 2

މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާކަން ސާފު ބަހުން ފުރަތަމަ ފަހަރަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ބައެއް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ހުކުމް ނެރެފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ، ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ފަހުގެ ނިންމުންތަކަށް ވިޔަސް ބައެއް ހުކުމްތަކަށް އިތުބާރު ނުކުރެވޭ ކަމަށެވެ.

މަރުގެ ހުކުމްތައް ތަންފީޒުކުރަން އެންމެ ބޮޑަށް ވާހަކަ ދައްކައި، އެކަމަށް ބޭނުންވާ ތަން ތައްޔާރުކޮށް ހެދީ ޔާމީންގެ ވެރިކަމުގަ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެސް ބުނެފައިވެ އެވެ.

"އަޅުގަނޑަކީ އެކަމަކަށް ކުރީގައި ވަކާލާތުކުރި މީހެއް. ނަމަވެސް މިއަދު އަޅުގަނޑު ނުކުރާނަން އެ ވަކާލާތެއް. އެއީ އަޅުގަނޑަށް އިތުބާރު ނުކުރެވެނީ ފަނޑިޔާރުންނަށް،" ޔާމީން ރޭ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ގިސާސް ހިފުމުގެ ވާހަކަ މި ދައްކަނީ. އެކަމަކު މިހާރު މިއޮތް ޝަރުއީ ނިޒާމަށް ބިނާކޮށްގެން [އެ ހުކުމް] ހިންގަން ކެރޭނީ ނުވަތަ ތަންފީޒުކުރަން ކެރޭނީ ކޮން ރައީސްއަކަށްތޯ؟"

ޝަރުއީ ނިޒާމަށް އިތުބާރު ނެތުމުން މަރުގެ އަދަބު ދިނުން ފަދަ، އިސްލާމްދީނުގައި ހުރި މަތިވެރިކަންކަން ވެސް ތަންފީޒުކުރަން ދަތިވާކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

ސުޕްރީމް ކޯޓުން ނިންމާ އަނިޔާވެރި ހުކުމްތައް ތަންފީޒުކުރަން ޖެހެނީ ވެރިކަން ހިންގާ ފަރާތުން ކަމަށާއި އެކަމުގެ ބަދުނާމު ވެސް ރައްޔިތުން އަޅުވަނީ ސަރުކާރުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

އެހެންވެ، މިހާރު މިތިބި ފަނޑިޔާރުން ތިބެގެން މަރުގެ އަދަބު ތަންފީޒުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރާވަރުގެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކުގައި ސިޔާސީ ކުލަ ނުޖެހި، އެއީ ފައިނަލް ނިންމުން ކަމާމެދު ރައްޔިތުންގެ އިތުބާރު ލިބޭނެ ގޮތެއް ހޯދަންޖެހޭ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކާމެދު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.

މަރުގެ އަދަބު ދިނުމާމެދު އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުން ބަދަލު ނުވާ ކަމަށް އޮގަސްޓު 2022 ގައި ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި ޔާމީން ވިދާޅުވެފައިވެ އެވެ. ނަމަވެސް ތަހުގީގުގެ ފެންވަރު ދަށްވުމާއި ޝަރުއީ ނިޒާމަށް އިތުބާރު ނެތުމަކީ މަރުގެ އަދަބު ތަންފީޒުކުރަން ހުރަހެއް ކަމަށް އޭރު ވިދާޅުވި އެވެ.

ނަމަވެސް އެ މަނިކުފާނުގެ މި ވިސްނުން މިހާރު އެ ވަނީ ބަދަލުކުރައްވައިފަ އެވެ.