Advertisement

ގިނަވެގެން އެއް އަހަރު ތެރޭގައި މަގޫދޫ އެއާޕޯޓު ނިންމާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

21 ސެޕްޓެންބަރު 2025 - 15:09 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މަގޫދޫ ރައްޔިތުންނާއެކު މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް


ގިނަވެގެން އެއް އަހަރު ތެރޭގައި މަގޫދޫ އެއާޕޯޓު ނިންމާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

21 ސެޕްޓެންބަރު 2025 - 15:09 0

ފ. މަގޫދޫގައި މިދިޔަ ސަރުކާރުން އަޅަން ފެށި އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އެއް އަހަރު ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މަގޫދޫއަށް މިއަދު ވަޑައިގެން އެ ރަށުގައި އެއާޕޯޓު ތަރައްގީ ކުރާ ސަރަހައްދަށް ވަޑައިގެން އެ މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވި އެވެ. އެއަށްފަހު އެ ރަށު ރައްޔިތުންނާ އެމަނިކުފާނު ބައްދަލު ކުރެއްވި އެވެ. ނަމަވެސް އެ ބައްދަލުވުން ރައީސް އޮފީހުން ލައިވް އެއް ނުކުރެ އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެ ރަށުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ނުނިމި ލަސްވަމުންދާ މައްސަލައިގައި ކަމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމްގައި ރިޕޯޓު ކޮށްފައިވެ އެވެ.

އެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު އެއާޕޯޓުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި އެ މަސައްކަތް މަޑުޖެހިފައި އޮތް ސަބަބު ދެނެގަނެ ގިނަވެގެން އެއް އަހަރު ތެރޭގައި އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން މަގޫދޫ ރައްޔިތުންނަށް އެމަނިކުފާނު ދެއްވި ކަމަށް ޕީއެސްއެމްގައި ރިޕޯޓު ކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 231.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަގޫދޫ އެއާޕޯޓުގެ މަސައްކަތް މި ސަރުކާރު އައުމާއެކު އޮތީ ހުއްޓިފަ އެވެ. އެއާޕޯޓުގެ މަސައްކަތް ހުއްޓިފައި އޮންނާތީ މަގޫދޫ ރައްޔިތުން މުޒާހަރާ ވެސް ކުރި އެވެ.

އެގޮތުން މިދިޔަ އޭޕްރިލް މަސް ތެރޭގައި މަގޫދޫގައި އެއާޕޯޓު އެޅުމަށް ގެންގޮސްފައި ހުރި ބައެއް ސާމާނުތައް އެރަށުން ބާލާތީ އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިހުތިޖާޖު ވެސް ކުރި އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް މިސަރުކާރުން ވަނީ މަގޫދޫއާ ކައިރީގައި އޮންނަ އެ އަތޮޅު ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ނިންމައި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނިލަންދޫއަށް ރޭ ވަޑައިގެން އެ ރަށުގައި ވާހަކަދައްކަމުން މުއިއްޒު ވަނީ އެ ރަށުގައި އަޅާ އެއާޕޯޓު ވެސް ގިނަވެގެން ދެ އަހަރާއި ބައި ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.