Advertisement

ދޮޅު އަހަރު ފަހުން ވެސް މުއިއްޒު ވިދާޅުވީ ފީއައްޔަށް ބޮޑު ހިލަ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް

21 ސެޕްޓެންބަރު 2025 - 10:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފީއަލީ ރައްޔިތުންނާއި މުހާތަބުކޮށް ރައީސް މުއިއްޒު ރޭ ވާހަކަދައްކަވަނީ: ދޮޅު އަހަރު ފަހުން ވެސް މުއިއްޒު ވިދާޅުވީ ފީއައްޔަށް ބޮޑު ހިލަ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ދޮޅު އަހަރު ފަހުން ވެސް މުއިއްޒު ވިދާޅުވީ ފީއައްޔަށް ބޮޑު ހިލަ ގެންދަން މަސައްކަތް ކުރަމުންދާ ކަމަށް

21 ސެޕްޓެންބަރު 2025 - 10:03 0

މީގެ ދޮޅު އަހަރު ކުރިން ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ފ. ފީއަލީގެ ހިއްކި ބިން ހިމާޔަތްކުރަން ބޮޑު ހިލަ ގެންދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަ ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފީއައްޔަށް ވަޑައިގެން ވާހަކަ ދައްކަވަމުން މުއިއްޒު ރޭ ވިދާޅުވީ، އެކި މަޝްރޫއުތަކަށް ގެންނަން ޖެހޭ ބޮޑު ހިލަ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ ރަށަށް ބޭނުންވާ ޝިޕްމަންޓު ވަރަށް އަވަހަށް ގެނެވޭނެ ކަމަށެވެ.

"ބޮޑު ހިލަ ހޯދުމުގަ އަޅުގަނޑުމެންނަށް ޖުމްލަކޮށް މުޅި ރާއްޖޭގަ ވެސް ގިނަ މަޝްރޫއުތަކަކަށް ބޮޑު ހިލައިގެ ޝިޕްމަންޓު ގެންނަން ޖެހި އެކަމުގަ މަސައްކަތްތަކެއް ކުރަން ޖެހިގެން ލަސްތަކެއްވީ. ނަމަވެސް އެ މައްސަލަތައް ހައްލުކުރެވި އެކި ދިމަދިމާލަށް، ބޮޑު ހިލަ ބޭނުންވާ އެކި ދިމަ ދިމާލަށް ގެންދިއުމުގެ މަސައްކަތް ވަނީ ފެށިފަ. އެހެންވީމަ، މި ރަށަށް ވެސް ވަރަށް އަވަހަށް އަންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނުނިމި ލަސްވަނީ މިހެންވެ ކަމަށާއި ރިޔާސީ ވައުދާ އެއްގޮތަށް އެ ރަށަށް އިތުރު ކުރެވޭ 15 ހެކްޓަރުގެ ބިމުގެ މަސައްކަތް މި އަހަރު ތެރޭ ފެށި ނިމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އޮފީހުން ގެނެސްދިން ރައީސްގެ ޖަވާބު ޕްރޮގްރާމުގެ ތެރެއިން ފީއަލީ ބިން ހިއްކުމުގެ މަޝްރޫއާއި ގުޅިގެން މުއިއްޒު ދެއްވި ޖަވާބުގައި ވެސް ފާހަގަކުރެއްވީ ހަމަ މި ވާހަކަ އެވެ. ފީއަލީގެ ތަރައްގީގެ މަޝްރޫއުތައް ލަސްވާ ސަބަބު ސާފުކުރުމަށް އާންމުންގެ މީހަކު ކުރި ސުވާލަކަށް ވީޑިއޯ މެދުވެރިކޮށް މުއިއްޒު ޖަވާބު ދެއްވީ ފެބްރުއަރީ 16، 2024، ގަ އެވެ.

"އެ މަސައްކަތް ވަރަށް އަވަސްކޮށްދޭން އަޅުގަނޑު ދަންނަވާފައިވާނެ. އުންމީދުކުރަނީ މާ ލަސްތަކެއް ނުވެ، ބޮޑު ހިލަ ގެންދެވި، ބޮޑު ހިލަ ޖަހާއިރުގައި ތި ވިދާޅުވި ގިރައިގެން ގޮސްފައި އޮތް ސަރަހައްދާ އެކީގައި ރަނގަޅަށް ނުހިކި އޮތް ސަރަހައްދާ އެއްކޮށް ކޮމްޕްލީޓު ކުރާނަން،" އެ ދުވަހު މުއިއްޒު ވިދާޅުވި އެވެ.

ބޮޑު ހިލަ ގެނައުމުގައި ދަތިތަކެއް އުޅޭ ކަމަށާއި އެކަމުގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް މަޑުޖެހޭ ކަމަށް މަޑު ޖެހޭ ކަމަށް މި އަހަރުގެ ޖެނުއަރީ މަހު ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި، އެކަމަށް ހައްލު ގެނައުމަށް ސަރުކާރުން މިހާރު ގަނޑުކޮށް ބޮޑު ހިލަ ގަންނަން ނިންމާފައިވާކަން އިއުލާނު ކުރެއްވި އެވެ.

މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކާއި ބައްދަލުކޮށް މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ގޮތްތަކެއް ރާވާފައިވާ ކަމަށާއި އެންމެ ބޮޑަށް ނުލިބިގެން އުޅޭ ބޮޑު ހިލަ ގަނޑުކޮށް ގަތުމަށް ވެސް ނިންމާފައިވާ ކަމަށް ވެސް އޭރު މުއިއްޒު ވިދާޅުވި އެވެ.