21 ސެޕްޓެންބަރު 2025 - 08:39 0
21 ސެޕްޓެންބަރު 2025 - 08:39 0
ޓިއުރިން (ސެޕްޓެމްބަރު 21) - އިޓާލިއަން ލީގުގައި ރޭ އުދިނޭޒީ އަތުން އޭސީ މިލާން 3-0 އިން މޮޅުވިއިރު، ޔުވެންޓަސް އިން ލީޑުނަގާފައިވަނިކޮށް، ހެލަސް ވެރޯނާ އިން 1-1 އިން އެއްވަރުކޮށްފި އެވެ.
ރޭގެ ޕޮއިންޓާ އެކު ވެސް ޔުވެންޓަސް އޮތީ ލީގުގެ އެއް ވަނައިގަ އެވެ. އެއީ، ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު، މެޗު ހަމަކުރާއިރު، އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ އާއި އަލަށް ޕްރޮމޯޓްވި، ކްރެމޮނީސޭ އަށް ޔުވެންޓަސް އަށް ވުރެން މައްޗަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.
ޔުވެންޓަސް އިން ރޭގެ މެޗުގެ 19 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މިއީ ކެޕްރެން ތުރާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އޭރިއާބޭރުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން، ޕޯޗުގީސް ވިންގް، ފްރާންސިސްކޯ ކޮންސެސާއޯ ޖެހި ގޯލެކެވެ. ޔުވެންޓަސް އަށް ފުރަތަމަ ހާފު ވެސް ލީޑުގައި އޮވެ ނިންމާލެވޭ ގޮތެއްނުވި އެވެ.
އެ ގޮތުން، ވެރޯނާ އިން އޭރިއާތެރެއަށް ދިއްގު އެއްލުމަކުން އެއްލި ބޯޅައެއްގައި، ޔުވެންޓަސްގެ ޖޮއާއޯ މާރިއޯ އަތްލި ކަމަށް ނިންމައި، ވެރޯނާ އަށް ޕެނަލްޓީއެއް ދިނެވެ. އެ ޕެެނަލްޓީ ގިފްޓް އޯބާން ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ވެރޯނާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ޔުވެންޓަސްގެ މިޝޭލޭ ޑި ގްރެގޯރިއޯ ވަނީ މަތަކޮށްފަ އެވެ.
މި ފަހަރު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި، މިލާން މި ވަނީ ދެން ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އުދިނޭޒީ ދަނޑުގައި މިލާނަށް ލަނޑުތައް ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗް ދެ ގޯލާއި ޔޫސުފް ފޮފާނާ އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، މިލާން އޮތީ، ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ލީގުގެ ތިން ވަނައިގަ އެވެ.
Comment