20 ސެޕްޓެންބަރު 2025 - 16:18 0
20 ސެޕްޓެންބަރު 2025 - 16:18 0
މިދިޔަ އަހަރު ބޭއްވި ފުޓްސަލް އޭޝިއަން ކަޕްގެ ފަސް ވަނަ ހޯދި އަފްގާނިސްތާން އަތުން، ކުރިއަށް އޮތް އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ 10-1 އިން ބަލިވެއްޖެ އެވެ.
މިދިޔަ އަހަރު އުޒްބެކިސްތާންގައި ބޭއްވި ފުޓްސަލް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ގޮސް، ރޭންކިން އަށް ބަލާއިރު މުބާރާތުން ފަސް ވަނަ ލިބުނު އަފްގާނިސްތާން އަކީ ރޭންކިން އަށް ބަލާއިރު، މި ވަގުތު ދުނިޔޭގެ 33 ވަނަ އެވެ. ރާއްޖެ އޮތީ 106 ވަނައިގަ އެވެ.
އެންމެ ފަހުން ބޭއްވި ފުޓްސަލް ވޯލްޑް ކަޕްގެ ގަދަ 16 ޓީމުގެ ބުރުގައި ވާދަކުރި އަފްގާނިސްތާނުން މިއަދުގެ މެޗުގައި ރާއްޖެ ކޮޅަށް ފުރަތަމަ ހާފުގައި ހަތް ގޯލު ޖެހި އެވެ. ރާއްޖޭން ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގައި ރާއްޖޭން ޖެހި ހަމައެކަނި ގޯލު ޖެހީ މި ހާފުގަ އެވެ. މިއީ، ޓީމުގެ ކެޕްޓަން، މުހައްމަދު އިމްރާން (އިންމި) ދިން ބޯޅައަކުން އިޝާން އިބްރާހިމް (ސައްޓު) ޖެހި ގޯލެކެވެ.
މި މެޗުގައި، ރާއްޖޭގެ އަލީ ހާފިޒް (އައްޔަ) އާއި އަޔާޒް އަހުމަދު (އަޔާ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) ފޮނުވާލި ގިނަ ބޯޅަތަކެއް އަފްގާނިސްތާން ކީޕަރު މުހައްމަދު ޖަވާދު ސަފާރީ މަތަކުރި އެވެ.
އަފްގާނިސްތާނަށް މި މެޗުގައި ލަނޑުތައް ޖަހައިިދިނީ، އަކުބަރު ކަޒޭމީ އާއި މުހައްމަދު މުރާދީ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، ހާމިދު ރިޒާ ހުސެއިނީ، އަލީ އަމީރީ، ރިޒާ ހުސެއިން ޕޫރު، އައްބާސް ހައިދަރީ، ފަރުޒާދު މަހުމޫދީ އަދި ސައީދު ހުސެއިން މުސާވީ އެވެ.
ކޮލިފައިން ދެ ވަނަ މެޗުގައި، ރާއްޖޭން ހޯމަ ދުވަހު، މިޔަންމާއާ ދެކޮޅަށް ކުޅޭނެ އެވެ.
ރާއްޖޭގެ ފުޓްސަލް މުބާރާތްތައް އާޓިފިޝަލް ޓާފުގައި ކުޅުމަށް ފަހު މުބާރާތަށް ގޮސް ކުޅެން ޖެހެނީ އިންޑޯގައި ކަމަށްވާތީވެ، އޭގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ޓީމުގެ ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ވަނީ ބުނެފަ އެވެ. މީގެ ކުރިން ސޯޝަލް އިންޑޯގައި ފުޓްސަލް ޓީމު ޕްރެކްޓިސް ކުރަން ލިބުނު ނަމަވެސް މި ފަހަރު އެކަން ހަމަޖެހޭ ގޮތެއްނުވި އެވެ.
ރާއްޖޭން އެންމެ ފަހުން ފުޓްސަލް އޭޝިއަން ކަޕްގެ ކޮލިފައިންގައި ކުޅެފައިވަނީ، 2023 ވަނަ އަހަރު އެވެ. އެ ފަހަރު، އޭޝިއާގެ ޗެމްޕިއަން އިރާން އަތުން 18-2 އިން ބަލިވިއިރު، ލެބަނަން އަތުން ބަލިވީ 6-1 އިންނެވެ. އަދި، ފަހު މެޗުުގައި ކިރްގިސްތާން އަތުން ބަލިވީ 8-3 އިންނެވެ.
Comment