Advertisement

ސަރުކާރުން އުޅެނީ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަނގަމަތީގައި މަލަން އަޅަން: ޔާމީން

19 ސެޕްޓެންބަރު 2025 - 14:19 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ސަރުކާރުން އުޅެނީ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަނގަމަތީގައި މަލަން އަޅަން: ޔާމީން

19 ސެޕްޓެންބަރު 2025 - 14:19 0

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ވުޖޫދުކުރީ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަނގަމަތީގައި މަލަން އެޅުމުގެ ބޭނުމުގައި ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި އާންމުން އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ގޮވާލަމުން ދަނިކޮށް މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ބިލު އިއްޔެ ތަސްދީގު ކުރައްވާފަ އެވެ. އެ ގާނޫނަކީ މިނިވަން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ނިގުޅައިގަތުމަށް މި ސަރުކާރުން ގެނައި ގާނޫނެކެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ އަބުރާ ބެހުން ހުއްޓުވުމުގެ ނަމުގައި މި ބިލު ސަރުކާރުން ގެނައި ބައެއް ސަބަބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ވަކިން ހާއްސަކޮށް ބިލު ފާސްކުރުމަށް ވޯޓު ދެއްވި މަޖިލިސް މެންބަރުންނަށް ޔާމީން ފާޑުވިދާޅުވި އެވެ.

"މި ކުރަން އުޅޭ ކަމަކީ އަޅުގަނޑު ނަޒަރުގައި އަޅުގަނޑުމެން މި މީހުން ވައްކަން ކުރާ ވާހަކަ އާއި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ވާހަކަ ދެއްކީމައި އަނގަމަތީގައި މަލަން އެޅޭތޯ މި އުޅެނީ. އެކަމުގެ މީހުން ކޮށްފައި ހުންނަ ކަންކަން އެ މީހުންގެ ނަމާ އެކީގައި ކިޔޭނެ. ވައްކަން ކޮށްފައި ހުރިއްޔާ ވައްކަން ކުރީޔޭ ބުނެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ބޭފުޅުން އެފަދަ ވާހަކަތައް ދައްކާނީ ބިރު ގަންނަން ނުޖެހޭ ކަމަށް ވިދާޅުވެ ޔާމީން ވަނީ މުއިއްޒު ވެސް ބިރުން ނޫޅުއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ. މުއިއްޒުގެ މާލީ މުއަމަލާތްތަކާ ގުޅޭގޮތުން ތަހުގީގީ އިދާރާތަކުން މައުލޫމާތު ލީކުވެފައިވީ ނަމަވެސް އެފަދަ ތަހުގީގެއްގެ ނަތީޖާއެއް ނުފެންނަކަން ޔާމީން ފާހަގަކުރެއްވި އެވެ.

"ވެރިކަމުގައި ހުއްޓައި މިވަރުގެ ވާހަކަތައް ރައްދުވާ ކަމަށްވަންޏާ އެ ބޭފުޅަކު އަމިއްލައަށް ދިފާއު ހޯއްދަވާށޭ. ރައްޔިތުން ކައިރީގައި ވިދާޅުވެ ދެއްވާށޭ އެ ކަންކަން ކުރެއްވީ ކިހިނެއް ހޯއްދެވި ފައިސާއަކުންތޯ. ވިދާޅުނުވަންޏާ މި ތުހުމަތުގެ އިހުތިމާލު އޮންނާނެ. މުޅި މައްސަލައަކީ އާންމު ފަރުދުންގެ އަބުރާ ބެހުމުގެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ބޮޑެތި ޖަރީމާތައް ހިންގުމުން އެ މީހުންގެ ވާހަކަތައް ދެއްކެން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.