Advertisement

ރެޝްފޯޑް ތަފާތު ދައްކައި ބާސެލޯނާ މޮޅުކޮށްދިންއިރު، ސިޓީން ނަޕޯލީ ބަލިކޮށްފި

19 ސެޕްޓެންބަރު 2025 - 08:19 0


ރެޝްފޯޑް ތަފާތު ދައްކައި ބާސެލޯނާ މޮޅުކޮށްދިންއިރު، ސިޓީން ނަޕޯލީ ބަލިކޮށްފި

19 ސެޕްޓެންބަރު 2025 - 08:19 0

ނިއުކާސަލް (ސެޕްޓެމްބަރު 19) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މާކަސް ރަޝްފޯޑްގެ ދެ ގޯލާ އެކު، 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބާސެލޯނާ މޮޅުވިއިރު، މެންޗެސްޓާ ސިޓީން އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ނަޕޯލީ 2-0 އިން ބަލިކޮށްފި އެވެ.

ރޭގެ މެޗުގައި، ދެ ވަނަ ހާުފުގެ 10 މިނިޓް ތެރޭ، ރެޝްފޯޑް ވަނީ ނިއުކާސަލް ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ފުރަތަމަ ލަނޑަކީ 58 ވަނަ މިނިޓްގައި ޖޫލްސް ކޫންޑޭ ނަގައިދިން ހުރަހަކުން ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން، މެޗުގެ 67 ވަނަ މިނިޓްގައި، އޭރިއާބޭރުން ރެޝްފޯޑް ފޮނުވާލި ބާރު ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ. މިއީ، ލޯނަކަށް ބާސެލޯނާ އަށް ބަދަލުވި ފަހުން ރެޝްފޯޑް ޖެހި ފުރަތަމަ ގޯލުތަކެވެ.

މެޗުގެ ފަހު މިނިޓްގައި، ނިއުކާސަލްގެ ގޯލު ޖެހީ، ޖޭކަބް މާފީ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން އެންތަނީ ގޯޑަން އެވެ.

ސިޓީން ރޭގެ މެޗުގައި އިޓަލީގެ ޗެމްޕިއަން، ނަޕޯލީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ޖިއޮވާނީ ޑި ލޮރެންޒޯ އަށް ވަނީ 21 ވަނަ މިނިޓްގައި ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، އެންމެ ފަހަތުގައި ހުރެ، ސިޓީގެ އާލިން ހާލަންޑް ހުއްޓުވުމުން، ލޮރެންޒޯ އަށް ދެއްކި ރަތް ކާޑެކެވެ. މިއާ އެކު، 10 އަހަރު ސިޓީ އަށް ކުޅެ، މި ފަހަރު އެ ޓީމު ދޫކޮށްލައި، ނަޕޯލީ އަށް ބަދަލުވި، ބެލްޖިއަމްގެ މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅެމުން ދިޔަ ނަޕޯލީ ކޮޅަށް ސިޓީން ލަނޑު ޖެހީ ދެ ވަަނަ ހާފުގެ 11 މިނިޓް ތެރޭގަ އެވެ. މެޗުގެ 56 ވަނަ މިނިޓްގައި، ފިލް ފޯޑެން ދިން ބޯޅައަކުން ހާލަންޑް މި ލަނޑު ޖެހިއިރު، މިއީ، ޗެމްޕިއަންސް ލީގުގައި 49 މެޗުން އޭނާ ޖެހި 50 ވަނަ ގޯލެވެ. އޭނާ އަކީ، ޗެމްޕިއަންސް ލީގުގައި އެންމެ އަވަހަށް އެ އަދަދަށް ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސިޓީގެ އަނެއް ލަނޑު ޖެހީ، ޖެރެމީ ޑޮކޫ އެވެ. މިއީ، ޓިޖާނީ ރައިންޑާސް ދިން ބޯޅައަކުން ޑޮކޫ ޖެހި ގޯލެކެވެ.