19 ފެބުރުވަރީ 2026 - 11:25 0
19 ފެބުރުވަރީ 2026 - 11:25 0
ބަކޫ، އަޒަރުބައިޖާން (ފެބްރުއަރީ 19) - ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފްގައި، އެންތަނީ ގޯޑަންގެ ހަތަރު ލަނޑާ އެކު، 6-1 އިން އަޒަރުބައިޖާންގެ ކަރަބަގް އަތުން މޮޅުވެ، ނިއުކާސަލް އިން މުބާރާތުގެ ގަދަ 16 ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ކަރަބަކްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޯޑަން ވަނީ ދެ ޕެނަލްޓީ ހިމެނޭ ގޮތަށް ހަތަރު ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގެ މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ޝަހުތަރު ޑޮނެސްކަށް ކުޅުނު ލުއިޒް އެޑްރިއާނޯ ވަނީ ބާޓޭ ބޮރިސޯވް ކޮޅަށް އެއް ހާފުގައި ހަތަރު ލަނޑު ޖަހައިފަ އެވެ.
ރޭގެ ހަތަރު ލަނޑާ އެކު، ގޯޑަން ޖެހި ހަތަރު ގޯލާ އެކު، އޭނާ އަކީ، ޗެމްޕިއަންސް ލީގުގައި ނިއުކާސަލަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ޝިއަރާ އެ ރެކޯޑް ހެދީ ހަ ލަނޑު ޖަހައިގެންނެވެ. ކުރިން އެވަޓަން އަށް ކުޅުނު ގޯޑަން ވަނީ ޗެމްޕިއަންސް ލީގުގައި 10 ލަނޑު ޖަހައިފަ އެވެ.
ނިއުކާސަލަށް ރޭ އަނެއް ދެ ލަނޑު ޖަހައިދިނީ، ފުރަތަމަ ހާފުގައި މަލިކް ތިއޯ އާއި ދެ ވަނަ ހާފުގައި ޖޭކަބް މާފީ އެވެ. ކަރަބަގްގެ ހަމައެކަނި ލަނޑު ޖެހީ ދެ ވަނަ ހާފުގައި ކަފަރްކުލިޔޭވް އެވެ. އަންނަ ހަފްތާގައި ނިއުކާސަލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗަށް ދާއިރު އެ ޓީމުން ގަދަ 16 އަށް ދިއުމަށް މި ވަނީ ރަނގަޅު ލީޑެއް ނަގައިފަ އެވެ.
ޗެމްޕިއަންސް ލީގު ނޮކައުޓް ޕްލޭއޮފްގައި ރޭ ކުޅުނު ފުރަތަމަ ލެގުގެ އަނެއް މެޗުތަކަށް ބަލާއިރު، ނޯވޭގެ ބޯޑޯ/ގިލިމް އިން ވަނީ 3-1 އިން އިންޓަ މިލާން ބަލިކޮށްފަ އެވެ. ބެލްޖިއަމްގެ ކްލަބް ބްރޫޖް އާއި އެތުލެޓިކޯ މެޑްރިޑް ވަނީ 3-3 އިން އެއްވަރުވެފައިވާއިރު، އޮލިމްޕިއާކޯސް ދަނޑުގައި ބަޔާ ލެވަލޫސަން މޮޅުވީ 2-0 އިންނެވެ.
Comment