Advertisement

މުއިއްޒުގެ ފަރާތުން މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ

18 ސެޕްޓެންބަރު 2025 - 08:21 0

މުއިއްޒާއި މޯދީ ދިވެހިރާއްޖޭގައި: މީގެ ކުރިން ގެންގުޅުއްވީ އިންޑިއާއާ ފެޔަށް ޖެހުމުގެ ސިޔާސަތެއް -- ފޮޓޯ: ރައީސް އޮފީސް


މުއިއްޒުގެ ފަރާތުން މޯދީއަށް އުފަންދުވަހުގެ ތަހުނިޔާ

18 ސެޕްޓެންބަރު 2025 - 08:21 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އެމަނިކުފާނަށް ރައީސް މުހައްމަދު މުއިއްޒުގެ ފަރާތުން އިއްޔެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ހާރިޖީ އޮފީހުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައި ވަނީ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވުމާއެކު ސަރަހައްދީ ކަންކަމުގައި މޯދީ އަދާ ކުރައްވާ އިސް ދައުރަށް މުއިއްޒު ޝުކުރު އަދާ ކުރެއްވި ކަމަށެވެ.

"ސަރަހައްދީ ކަންކަމުގައި މޯދީ އަދާ ކުރައްވާ އިސް ދައުރު ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާއި އެއްބާރުލުން ފާހަގަ ކުރެއްވި،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ޖުލައި 26، ގައި ރާއްޖެއިން ފާހަގަ ކުރި މިނިވަން ދުވަހުގެ ހާއްސަ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ ވެސް ބޮޑުވަޒީރު މޯދީ އެވެ. އެމަނިކުފާނު ވެވަޑައިގެންނެވީ މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ހެޑް އޮފް ސްޓޭޓް އަށެވެ.

މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރިން އެމަނިކުފާނު ދެ ފަހަރެއްގެ މަތިން އިންޑިއާއަށް ވަޑައިގެންފި އެވެ. އެއީ ޖޫން، 2024، ގައި މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ކުރެއްވި ދަތުރާއި އޮކްޓޯބަރު، 2024، ގައި ދެ ގައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށް ކުރެއްވި ދަތުރެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަމުން ގެންދެވި މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ގެންގުޅުއްވީ އިންޑިއާއާ ފެޔަށް ޖެހުމުގެ ސިޔާސަތެކެވެ. އިންޑިއާއާ ދުރުވުމުގެ މަގު ޗާޓެއް ވެސް ޖެނުއަރީ، 2024، ގައި މުއިއްޒު އިއުލާނު ކުރެއްވި އެވެ.

އެ މަގު ޗާޓު އިއުލާނު ކުރެއްވި ފަހުން، އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެ ގުޅުން އަނެއްކާ ވެސް ބަދަހި ކުރަން މުއިއްޒަށް މަޖުބޫރުވެވަޑައިގެންނެވީ ރާއްޖޭގެ މާލީ ހާލަތު މެނޭޖު ނުކުރެވި މާލީ ބޮޑެތި ދަތިތަކެއް ކުރިމަތިވުމުންނެވެ.