Advertisement

ވަގަށް ޖަލްސާ ބާއްވަން އުޅޭތީ ވީހާވެސް ގިނަ ރައްޔިތުން މަޖިލިސް ދޮށަށް އެއްވާން މަޓޭ ގޮވާލައިފި

16 ސެޕްޓެންބަރު 2025 - 11:01 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ވަގަށް ޖަލްސާ ބާއްވަން އުޅޭތީ ވީހާވެސް ގިނަ ރައްޔިތުން މަޖިލިސް ދޮށަށް އެއްވާން މަޓޭ ގޮވާލައިފި

16 ސެޕްޓެންބަރު 2025 - 11:01 1

ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަން ނެތިގެންދާ ގޮތަށް "މީޑިއާ އެންޑް ބްރޯޑްކާޓިން ރެގިއުލޭޝަން" ބިލު ތަޅުމުން ފާސްކުރަން ބާއްވާ ޖަލްސާ ސިއްރުން ބާއްވަން އުޅޭތީ މަޖިލިސް ދޮށަށް އެއްވުމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ގޮވާލައްވައިފި އެވެ.

ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެކަން މަޖިލީހުގެ އިދާރާއިން އިއުލާނުކުރީ އިއްޔެ އެވެ. އެއާއެކު ރެ އާއި މިއަދު ނޫސްވެރިން ދަނީ މީޑިއާތަކަށް މައުލޫމާތު ދޭން މަޖިލީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި އެޖެންޑާ އާއި ޖަލްސާ އޮންނަ ގަޑި ސާފުކުރުމަށް ސުވާލުކުރަމުންނެވެ. ތަކުރާރުކޮށް ކުރި ސުވާލުތަކަށް މަޖިލީހުގެ މީޑިއާ ޓީމުން މިހާތަނަށް ގްރޫޕަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ޖަލްސާގެ އެޖެންޑާ ފައިނަލް ވުމުން ހިއްސާ ކުރާނެ ކަމަށެވެ.

އެ ތަނުގައި ނޫސްވެރިން ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން ވާހަކަ ދައްކަވަމުން މަޓޭ ވިދާޅުވީ މަޖިލީހަށް އައީ މަޖިލިސް ތެރޭގައި ޕީއެންސީގެ މެންބަރުން ހަރަކާތްތެރިވާ މަންޒަރު ފެނިގެން ކަމަށެވެ. މިހާތަނަށް އައިއިރު ވެސް އެޖެންޑާ ލިބިފައި ނުވާ ކަމަށް މަޓޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނާންގައި މަޖިލީހުގެ ޖަލްސާއެއް މިވެރިން ބާއްވަން އުޅޭހެން އެބަހީވޭ. މިގޮތަށް އޮޅުވާލައިގެން އެޖެންޑާ ނުފޮނުވައި ވަގަށް ޖަލްސާއެއް ބާއްްވާނެ ކަމުގެ ބިރު ހީވާން ފަށައިފި. އެހެންވެ ވީހާވެސް ގިނަ ރައްޔިތުން މި ސަރަހައްދަށް މިވަގުތު ޖަމާވުމަކީ ވަރަށް މުހިންމު ކަމެއް،" މަޓޭ ވިދާޅުވި އެވެ.

މުޅި ގްރީން ޒޯން ބަންދުކޮށް ގިނަ އަދަދެެއްގެ ފުލުހުން އަންނަނީ މަޖިލިސް ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އެ ސަރަހައްދަށް ވަންނަން ފުލުހުން ފުރުސަތެއް ނުދެ އެވެ. އެ ސަރަހައްދުގައި ތިބި ނޫސްވެރިން ގެންދަނީ ބިލު ބޭރުކޮށްލަން ގޮވާލަމުންނެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލަކީ ސަރުކާރުގެ ބިލެއް ނޫން ކަމަށް ބުނަމުން ދިޔަ ނަމަވެސް، ބިލް ދިފާއުކުރުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ ސަރުކާރުންނެވެ.

ނޫސްވެރިންނާއި އާންމުން ކޮމިޓީ އަށް ނުވައްދައި މި ބިލް އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ހަމައެކަނި ޕީއެންސީ މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީ އަޑުއަހަން ބޭނުންވާ މީހުން ވެއްދުމަކީ މަޖިލީހުގެ ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ބިލް ކޮމިޓީން ފާސްކުރީ އަޑުއަހަން ގޮސްތިބި ނޫސްވެރިންނާއި އާންމުން ކޮމިޓީއަށް ނުވައްދައި ސިއްރިޔާތުގަ އެވެ.