11 ސެޕްޓެންބަރު 2025 - 11:35 1
ސާއިފް ޝިޔާދު
11 ސެޕްޓެންބަރު 2025 - 11:35 1
ބ. ދޮންފަނުން ބިން ހިއްކަން ރައްޔިތުން ނޭދޭ ކަމަށް ވިދާޅުވެ ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ދެކޮޅަށް ސިލްސިލާކޮށް މުޒާހަރާ ކުރަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ދޮންފަނު ކައުންސިލުން ބުނި ގޮތުގައި މި މުޒާހަރާތައް ކުރާނީ ކަނޑުމަތީގަ އެވެ. އެ ވަގުތުތަކުގައި ދޮންފަނުން ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުން ވެސް ވަނީ މަނާކޮށްފަ އެވެ.
"މިހާރު ދޮންފަނުގައި ސިލްސިލާކޮށް ރައްޔިތުން ކުރިއަށްގެންދާ މުޒާހާރާތަކުގެ ތެރެއިން ދޮންފަނުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކުރިއަށްއޮތް ދުވަސްތަކުގައި ސިލްސިލާކޮށް މުޒާހިރާތައް ކުރިޔަށް ގެންދަން ވަނީ ނިންމާފައި،" ދޮންފަނު ކައުންސިލުން ބުނެފައި ވެ އެވެ.
ދޮންފަނު ބިން ހިއްކުމުގެ ޕްރޮޖެކްޓު ކުރިއަށް ނުގެންދަން މުއިއްޒު ނިންމެވީ ވަރަށް ގިނަ ފާޑުކިޔުން އެކަމަށް އަމާޒުވި ފަހުންނެވެ. ފާޑުކިޔުން އަމާޒުވި ސަބަބަކީ، ދޮންފަނުން ބިން ހިއްކައިފި ނަމަ އެ ރަށާ ގާތްގަނޑަކަށް ކިލޯމީޓަރެއްހާ ދުރުގައި އޮންނަ ހަނިފަރު ބޭ ހަލާކުވާނެތީ އެވެ. ހަނިފަރު ބޭއަކީ ހިމާޔަތްކޮށްފައިވާ ތަނެކެވެ. އެއީ ދުނިޔޭގައި ވެސް އެންމެ ގިނައިން އެންމަޑި ޖަމާވާ ތަނެވެ.
"މި ކައުންސިލުން ވަކި ގޮތެއް ކަނޑައަޅާ އަންގަންދެން މިއަދުން ފެށިގެން މި ރަށުގެ ފަރުންފެށިގެން 700 މީޓަރު ސަރަހައްދުގައި އެއްވެސްފަރާތަކުން ފީނުމާއި އަދި ޑައިވުކުރުމަކީ މަނާކަމެއް. މަތީގައި ދެންނެވިފައިވާ އެންގުމާއި ހިލާފުވާފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަމުންދާނެވާހަކަވެސް މިފުރުސަތުގައި ދަންނަވަން،" އެ ބަޔާނުގައި ބުނެފައި ވެ އެވެ.
ދޮންފަނު ފަޅު ހިއްކުމުގެ ޕްރޮޖެކްޓު މުއިއްޒު އިއުލާނު ކުރެއްވީ އޯގަސްޓު 13، ގައި އެ ރަށުގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ އެ ފަޅުން 13 ހެކްޓަރު ހިއްކާނެ ކަމަށެވެ. ނަމަވެސް، ފަހުން އެ މަޝްރޫއު ކެންސަލް ކުރެއްވީ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި އެވެ.
ދޮންފަނު ކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބިން ހިއްކުން ހުއްޓާލަން މުއިއްޒު ނިންމެވީ އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ކަމަށެވެ.
"ރައްޔިތުން މިހާރު ބިން ހިއްކަން ބޭނުން ނުވާ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދޮންފަނު ބިން ހިއްކުމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ އެއް މަޝްރޫއު،" ދޮންފަނު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ދޮންފަނު ކައުންސިލުން ވަނީ ވީހާވެސް އަވަހަކަށް އެ ރަށު ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ވެސް މުއިއްޒު އާއި ސަރުކާރަށް ގޮވާލާފަ އެވެ.
ރައްޔިތުން ބޭނުން ނުވާ ކަމަށް ބުނެ ދޮންފަނު ބިން ނުހިއްކާން މުއިއްޒު ނިންމެވީ މިއަދު ހެދުނު އެވެ. އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނުގެ ބިން ހިއްކަން ސޮއިކުރީ އެ ރަށުގެ ރައްޔިތުންގެ އެދުމުގެ މަތިން ވީ ވައުދު ފުއްދުމަށް ކަމަށެވެ.
Comment