11 ސެޕްޓެންބަރު 2025 - 11:50 0
އަމަން ހަލީމް
ކުޅުދުއްފުށީ ފަރަށް ބީހުނު 'ޓިއާންޖިން' ބާޖު: މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަނިކޮށް --- ފޮޓޯ: ހުސެއިން ދާވޫދު
11 ސެޕްޓެންބަރު 2025 - 11:50 0
މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރުމައްޗަށް ބީއްސާލި ބާޖާއި އެ ބާޖުން އެ ސަރަހައްދަށް އެޅިފައި ހުރި ހިލަތައް އިއްޔެއިން ފެށިގެން 10 ދުވަހުގެ ތެރޭގައި ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި ބާޖު ނަގައިދޭން އަމުރުކޮށްދިނުމަށް އެދި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިންނެވެ.
ސީޝަލްސްގައި ރަޖިސްޓްރީކޮށްފައިވާ އައުރިސް އެސްއެސް ލިމިޓެޑުގެ 'ޓިއަންޖިން' ނަމަކަށް ކިޔާ މި ބާޖު ކުޅުދުއްފުށީ ފަރަށް ބީހުނީ، ޖުލައި 14، 2023 ގަ އެވެ. މި ބާޖު ބީހުނީ 6000 ޓަނުގެ ހިލަ ބަރުކޮށްގެން ދަތުރުކުރަނިކޮށެވެ.
މި އުޅަނދު އެތަނުން ނަގަން އީޕީއޭއިން ފުރަތަމަ އެންގީ އެ ސަރަހައްދަށް ލިބުނު ގެއްލުން ދިރާސާކުރަން ހިންގާ ޖޮއިންޓް ސާވޭގެ ކުރިންނެވެ. ނަމަވެސް އެ ދިރާސާތައް ނިންމާ، ޖޫރިމަނާ ނުކުރަން އެ އަހަރުގެ އޮކްޓޫބަރު 21، ގައި އީޕީއޭއިން ނިންމިއިރު ވެސް މި ބާޖު އެތަނުން ނުނަގަ އެވެ.
އީޕީއޭއިން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގައިވާ ގޮތުގައި މި ބާޖު ފުންކުރުމުގެ މަސައްކަތް އައުރިސްއިން ހަވާލުކުރީ ބީމްސީ ސްލިޕްވޭ އެންޑް ސަލްވޭޖު ކުންފުންޏާ އެވެ. ނަމަވެސް ބާޖު ފުންކުރުމުގެ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްދިނުމުން ވެސް ފަރުމަތިން ބާޖު ނުނަގަ އެވެ.
މައްސަލައިގެ ކަންހިނގައިދިޔަ ގޮތުގެ ޓައިމްލައިން
އީޕީއޭއިން މި މައްސަލަ ކޯޓަށް ހުށަހެޅީ މި އަހަރުގެ ކުރީކޮޅެވެ. މި މައްސަލައިގެ ތެރޭގައި އީޕީއޭއިން ވަނީ ބާޖާއި ހިލަތައް އެ ތަނުން ނުނަގާ ހުރުމުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކުގެ އިތުރުން، ކުޅުދުއްފުށީ އެއާޕޯޓުގެ އޮޕަރޭޝަނަށާއި އިންފްރާސްޓްރަކްޗާއަށް ގެއްލުންވުމުގެ ފުރުސަތު އޮތް މައްސަލަ ވެސް ފާހަަގަކޮށްފަ އެވެ.
މި ބާޖު ބީހުނީ ކުޅުދުއްފުށީ އެއާޕޯޓުގެ ހުޅަނގު އުތުރު ސަރަހައްދަށެވެ. މީގެ ސަބަބުން އެއާޕޯޓުގެ ސީވޯލްއަށް ގެއްލުންވުމުގެ ފުރުސަތު އޮތުމުގެ ޝަކުވާ އެ އެއާޕޯޓު ހިންގި ރީޖަަނަލް އެއާޕޯޓްސް ކުންފުނިންނާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް އީޕީއޭއާ ހިއްސާކުރި އެވެ.
Comment