11 ސެޕްޓެންބަރު 2025 - 09:21 2
ލީވާން އަލީ ނާސިރު
އަދަދުގެ ސީއީއޯ ފިޔާޒް: އޭނާއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގު ކުރުމަށް އެމްޖޭއޭއިން ވަނީ ގޮވާލާފައި -- ފޮޓޯ: އަދަދު
11 ސެޕްޓެންބަރު 2025 - 09:21 2
އަދަދުގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
އެމްޖޭއޭއިން ބުނީ ކާކުކަން ނޭގޭ އެކްސް އެކައުންޓަކުން ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލައަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށެވެ.
"އަހަރުމެން ފުލުހުންނަށް ގޮވާލަން ފިޔާޒަށް މަރުގެ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން. އަދި އޭނާއަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމަށް ވެސް ގޮވާލަން،" އެމްޖޭއޭއިން ބުންޏެވެ.
ފިޔާޒަށް އިންޒާރުދިން މީހާ ބުނީ "މަށަށް ވެގެން ވަންޏާ ކަލޭ މަރާވެސް ލާނަން،" ކަމަށެވެ.
ނޫސްވެރިންނަށް އިންޒާރުދިނުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ފިޔާޒަށް އިންޒާރުދިނީ ހާއްސަކޮށް ސަރުކާރަށް ފާޑުކިޔާ މީޑިއާތަކާއި މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް އަޑުއުފުލާ ނޫސްވެރިންނަށް ނުރައްކާ އޮތް ދަނޑިވަޅެއްގައި ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އެމްޖޭއޭއިން ބުނީ ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ފުލުހުން އަޅަން ޖެހޭ ކަމަށެވެ.
މީގެކުރިން ވެސް ފިޔާޒުގެ އިތުރުން ބައެއް އެހެން ނޫސްވެރިންނަށް ވެސް މަރުގެ އިންޒާރުދީފައިވެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި ފިޔާޒަށް މީގެ ކުރިން އިންޒާރު ދީފައިވެ އެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ހެކި ނެތް ކަމަށް ބުނެ ވަނީ ފައިލްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment